English Edition
Dhivehi Edition

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެކުލަބުގައި އިތުރު ހަތަރު އަހަރު މަޑުކުރަން ނިންމާ އަލުން އެއްބަސްވުން އާ ކޮށްފި އެވެ.

ފެނާންޑޭސްގެ އެއްބަސްވުން ޔުނައިޓެޑުން މިފަހަރު މި އާ ކުރީ ކުރިޔަށް ވުރެ ބޮޑު މުސާރައެއް ދޭގޮތަށެވެ. ބޮޑު މުސާރައަކާއި އެކު ޔުނައިޓެޑްގެ އެއްބަސްވުން ފެނާންޑޭސް އާކުރިއިރު، މި އެއްބަސްވުމުގައި ވާ ގޮތުން 2026 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ފެނާންޑޭސް ކުލަބުގައި މަޑުކުރާނެއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ޔުނައިޓެޑުން ފެނާންޑޭސްގެ އެއްބަސްވުން އާކުރީ ހަފްތާ އަކު 240،000 ޕައުންޑްގެ މުސާރައެއް ދޭ ގޮތަށެވެ. މިއީ އޭނާއަށް މިހާރު ޔުނައިޓެޑުން ދެމުން އަންނަ މުސާރައަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.

މިހާރު އުމުރުން 27 އަހަރުގެ ފެނާންޑޭސް ޔުނައިޓެޑްގެ އެއްބަސްވުން އާ ކުރުމަށް ފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ބުނީ ޔުނައިޓެޑްގެ އެއްބަސްވުން އާ ކުރަން ލިބުމުން އުފާވާ ކަމަށާއި އަދި ކުލަބުގެ އެއްބަސްވުން އާ ކުރަން ނިންމީ އެ ކްލަބާއި އެކު އިތުރު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ.

” އެއްބަސްވުން އާކުރަން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް. އަދި އިތުރު އެއްބަސްވުމަކަށް ދިޔައީ ކުލަބާއި އެކު ކާމިޔާބީތަކެއް ހޯދުމަށް އަދިވެސް ބޭނުން ވާތީ.” ފެނާންޑޭސް ބުންޏެވެ.

2020 ވަނަ އަހަރު ޕޯޗުގަލްގެ ލިސްބަންއިން ޔުނައިޓެޑާއި ގުޅުނު ފެނާންޑޭސް ވަނީ ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 117 މެޗުގައި 49 ގޯލު ޖަހައި، 39 އެސިސްޓް ހަދާފައެވެ.