English Edition
Dhivehi Edition

އެންޑިއުރެންސް ރަނިންގ އާއި ފިޓް ރަނަރސް ގުޅިގެން މި ރަމަޟާން މަހު “ހެޕީ ރޯދަ މައިލްސް” ބާއްވަން ނިންމާ ދުވުންތެރިންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

“ހެޕީ ރޯދަ މައިލްސް” އަކީ އެންޑިއުރެންސް ރަނިންގ ގެ ފަރާތުން ބާއްވާ މިފަދަ ދެވަނަ ދުވުމެވެ. ފައިބެއަހަރުގެ މި ދުވުން ނުވަތަ ޗެލެންޖާ އަޅާބަލާއިރު، މިއަހަރުގެ ދުވުމުގެ ބައިވެރިންގެ ޢަދަދު އިތުރުކަން ފާހަގަކުރެވެއެވެ.

އެގޮތުން މިހައިތަނަށް ބައިވެރިންގެ ޢަދަދު ފަސްދޮޅަހުން މަތީގައި ހުރި އިރު، މި ޗެލެންޖު ބަހާލާފައިވަނީ ތިން ގިންތިއަކަށެވެ. އެއީ 100 ކިލޯމީޓަރ، 150 ކިލޯމީޓަރ އަދި 200 ކިލޯމީޓަރެވެ. މިއިން ކޮންމެ ގިންތިއެއްގައި ވެސް 175 ރުފިޔާއަށް ބައިވެރިވެވޭއިރު، ޗެލެންޖު ނިންމާނީ ރަމަޟާން މަހާއެކުގައެވެ.

“އަޅުގަނޑުމެން މި ޗެލެންޖު މިއަހަރު މި ބާއްވަނީ ފިޓް ރަނަރސް އާއެކު. މިއީ ވަރޗުއަލް ދުވުމެއް. އެހެންވީމަ ކޮންމެ ތަނެއްގައި ހުރެގެން ވެސް ދުވެވިދާނެ. ޓްރޭޑްމިލްގައި ވެސް ދުވެވިދާނެ. އެމީހަކު ބޭނުން ދުވަހަކު ބޭނުން އަދަދަކަށް ދުވަންވީ. ބޭނުމަކީ އެމީހަކު ބައިވެރިވާ ކެޓަގަރީއަށް ކަނޑައަޅާފައި އޮތް ޢަދަދު މުޅި ރޯދަމަހު ހަމަކުރުން.” މި ޗެލެންޖު ރޭވުމުގައި އިސްކޮށް އުޅުއްވާ ޝަޒްނާ މުޙައްމަދު (ޝަންނަ) ވިދާޅުވިއެވެ.

ޝަންނަ އިތުރަށް ވިދާޅުވީ އެމީހަކު ބޭނުންނަމަ، ތިން ކެޓަގަރީގައި ވެސް ބައިވެރިވެވިދާނެ ކަމަށެވެ. އަދި މި ޗެލެންޖު ފަށާނީ މިއަހަރުގެ މުލަ ރޯދަ ދުވަސް ކަމަށްވާ އޭޕްރިލް 2 ވާ ހޮނިހިރު ދުވަހު ހަވީރު ކަމަށާއި ނިންމަންޖެހޭ ސުންގަޑިއަކީ މެއި 2 ވާ ހޯމަ ދުވަސް ކަމަށެވެ.

ޝަޒްނާ މުޙައްމަދު (ޝަންނަ) އެންޑިއުރެންސް ރަނިންގ ގެ ފައުންޑަރ އަދި ރަނިންގ ކޯޗު

މި ޗެލެންޖާ ބެހޭގޮތުން ފިޓް ރަނަރސްގެ ފަރާތުން ވާހަކަ ދައްކަވަމުން މުސްތަފާ އާދަމް ވިދާޅުވީ އެންޑިއުރެންސް ރަނިންގ އާއެކު މިފަދަ ޗެލެންޖެއް އިންތިޒާމުކުރަން ލިބުމަކީ ވަރަށްބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އެހެން ހަރަކާތްތައް ބޭއްވުމަށް ވިސްނުން އެބަހުރި ކަމަށެވެ.

“ޚާއްސަކޮށް ރޯދަމަހު މިފަދަ ދުވުމެއް ދުވުމަކީ ވަރަށް އުނދަގޫކަމެއްގެ ގޮތުގަ ގިނަ މީހުން ދެކެނީ. އެކަމަކު އަޅުގަނޑު ބުނާނީ ބޭނުންވަނީ ހިތްވަރެކޭ. ކެރުމެކޭ. ޢަޒުމެކޭ. އޭރުން ހަމަ ޔަގީން މިކަން ކުރެވޭނެ. އެމީހަކަށް ނިންމޭނެ ވަރެއް އެމީހަކު ދުވާނީ. ދެން އެކަން މިއަހަރުވީމަ އަންނައަހަރު އިތުރު ކެޓަގަރީއެއްގަ ބައިވެރިވާނީ.” މުސްތޯ ވިދާޅުވިއެވެ.

ފިޓް ރަނަރސް އިފްތިތާޙު ކުރުމަށް 1 ޖަނަވަރީ 2022 ގައި ބޭއްވި ހަރަކާތުގެ ތެރެއިން

“ހެޕީ ރޯދަ މައިލްސް” ގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހެވެ. އިތުރު މަޢުލޫމާތު 9979988 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ދިގު ދުވުންތަކަށް މީހުން ތަމްރީނުކުރުމަށާއި ކަސްރަތުގައި ވީހާވެސް ގިނަ މީހުން ޝާމިލުކޮށް ދުޅަހެޔޮ ސިއްޙަތަކަށް ހޭލުންތެރި ކުރުވުމަށް ކްލަބް އެންޑިއުރެންސް ރަނިންގ ވުޖޫދުވީ 7 އޭޕްރީލް 2021 ގައެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް އިފްތިތާހު ކޮށްފައިވާ ފިޓް ރަނަރސް އަކީ ދުވުންތެރިންނަށް ރާއްޖެ އަދި ރާއްޖެއިން ބޭރުގަ ބޭއްވޭ ވާދަވެރި މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހޯދައިދިނުމާއި ދުވުންތެރިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ޕްރޮގްރާމުތައް ހިންގުމުގެ މަޣުޞަދުގައި އުފައްދާފައިވާ ކްލަބެކެވެ.