English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ދެމަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާ ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭ ގައި ތާރުއަޅަން ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން އެރަށު އެއަރޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ.

މި އެއަރޕޯޓުގެ މަސައްކަތްތަކުގެ ތެރެއިން ޓަރމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗަރ ނުވަތަ އޮނިގަނޑު އެތުރުމުގެ މަސައްކަތް މިހާރުނިމިފައެވެ.

144.8 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި ފަޔަރ ޕެޑް އަކާއި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއަހަރުގެ ޖުލައި 26 އަށް އެއަރޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމުމަށް އެމްޓީސީސީން މަސައްކަތް ކުރާއިރު، މި އެއަރޕޯޓުގެ މަސައްކަތް މިއަހަރުތެރޭ ނިންމައި ހުޅުވޭނޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވެސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މި އެއަރޕޯޓުގެ މަސައްކަތް ފަށާފައިވާއިރު، އެދުވަސްވަރު ވަނީ ބިން ހިއްކައިގެން ފަސް ފަޅުރަށެއް އެއްކޮށްފައެވެ.

އެއަރޕޯޓު އަޅަނީ ފަރެސްމާތޮޑާ ކައިރީގައި އޮންނަ މި ފަސް ރަށް އެއްކޮށްގެންގެން ހިއްކާފައިވާ ބިމުގައެވެ. އެމްޓީސީސީން ބިންހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ 2020 ވަނަ އަހަރު އޮގަސްޓް ގައެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގައި އެޅުމަށް ހަމަޖެހިފައިވަނީ 1.2 ކިލޯ މީޓަރުގެ ރަންވޭއެކެވެ.