English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގެ 2022/2023 ވަނަ ސީޒަނުގައިވެސް މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހަދައިފިއެވެ.

ޕްރިމިއާ ލީގުން މިގޮތަށް ހަމަ ޖެއްސީ ޕްރިމިއާ ލީގު ބޯޑުން ކްލަބްތަކާއެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. ފަސް ބަދަލުގެ އިތުރުން ބަދަލު ކުޅުންތެރިންގެ އަދަދު ހަތަކުން ނުވަޔަކަށް އިތުރުކުރަން ވެސް ލީގުން ވަނީ ނިންމައިފަ އެވެ.

ފަސް ބަދަލުގެ ބޭނުން މެޗުތެރޭގައި ކްލަބްތަކުން ހިފަން ޖެހޭނީ ތިން ފަހަރެއްގެ މަތީންނެވެ. އެއީ ކުޅުމުގެ ތެރެއިން އިތުރު ވަގުތު ބޭކާރު ނުކޮށް މެޗު ލަސްކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ތިން ފުރުސަތުގެ އިތުރުން މެޗުގެ ހާފް ޓައިމްގައި ކުޅުންތެރިއަކު ބަދަލުކުރުމުގެ ފުރުސަތު ވެސް ކްލަބްތަކަށް ލިބޭނެ އެވެ.

އެހެން އަހަރުތަކާއި ޚިލާފަށް އަންނަ އާސީޒަނުގެ ކުޅުން ފަށާނީ ކުރިން ލީގު މެޗުތައް ފެށުމަށް ހަމަ ޖެހިފައިވާ ތާރީޚުގެ އެއް ހަފްތާކުރިންނެވެ. އެގޮތުން އަންނަ ސީޒަނުގެ ކުޅުން ފަށަން ޕްރިމިއާ ލީގުން ކަނޑައަޅާފައިވަނީ މިއަހަރުގެ އޮގަސްޓް 6 ގައެވެ. ހަމަ މި ބަދަލާއި އެކު ޓްރާންސްފާ ބާޒާރު ހުޅުވާ ތާރީޚަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން މިހާރު ޕްރިމިއާ ލީގުގެ ޓްރާންސްފާ ވާޒާރު ފެށޭނެ ތާރީޚަކީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހެވެ.