English Edition
Dhivehi Edition

ރައްޔިތުން ބޭނުންވީ ޔުނިފޯމުގައި ހުންނަ ފުލުހަކު ފެނުމުން އެއީ ނުރައްކަލެއް ނޫން ކަން އިހުސާސްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ފުލުހުންގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުލުސް ޔުނިފޯމާއި ބެލްޓުގައި ހުންނަ އާލަތްތަކަކީ ހިމާޔަތެއް ކަމުގައި ގަބޫލު ކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި މިހާރު އެ ބަދަލު ގެނެވިއްޖެ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ކުރި މަސައްކަތުން ފުލުހުންގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި ތަސްވީރުގެ ކުލަ ރީތި ވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މި އަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރާނެ. 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުމަށް ވަނީ ކޮންޓްރެކްޓް ކޮށްފަ. އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރެވޭނެ.” އެމަނިކުފާނު ވިދާޅުވިއެވެ.