English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސުް (ބީއެމްއެލް) އިން ރަމަޟާން މަހު ޚިދުމަތް ދޭނެ ގަޑިތައް ޢާންމުކޮށްފިއެވެ.

އެ ބޭންކުން ބުނީ އެހެން މަސްތަކާއި ޚިލާފަށް ރޯދަމަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތުތައް މަދުވާނެ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ޚިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ވެސް އެ ބޭންކުން ޚިދުމަތް ދޭނީ ހަމައެގަޑިތަކުގައި ކަމުގައި ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ގެ ޚިދުމަތްތަކާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް މި ރަމަޟާން ތެރޭގައި ޚިދުމަތް ދޭނެ ކަމަށް ވެސް ބުންޏެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕޭ ރޯލް އަދި ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްގެ ޚިދުމަތްދިނުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މި ޚިދުމަތްތައް ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހުން އެދުވަހަށް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާކަމަށާއި ހެނދުނު 9:00ގެ ކުރިން ޖަމާކުރާ އެހެން ބޭންކުތަކުގެ ޗެކްތައް އެދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.