English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ކައުންސިލުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ފާހަގަކުރެއްވި ގިނަ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާފައިވާތީ އެކަން ފާހަގަކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ރައީސް އަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ފާހަގަކުރެއްވި ގިނަ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެގޮތެއް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ހައުސިންގ ޔުނިޓްތައް ތަރައްޤީކުރާއިރު ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތްވުމާއި ސިޓީގައި އިތުރުވަމުންދާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ކަންކަމާއި ސިޓީގެ މާސްޓަރ ޕްލޭނެއް ހެދުމަށް ބަޖެޓު ހޯދުންފަދަ ކަންކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސިޓީގެ ތަރައްޤީއަށް އަދި ޞިއްޙީ ދާއިރާއިން ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ.