English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ އެއަރޕޯޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭކަމަށާއި އެ ސާވޭއަށްފަހު އެއަރޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް އެއަރޕޯޓް ބޮޑުކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ރޭ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުވައްމުލަކު ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އިޢުލާނު ކޮށްދެއްވާފައެވެ.

މި ގޮތުން ރައީސް ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލުން އެ ސިޓީގެ އެއަރޕޯޓް މިހާރަށްވުރެ ބޮޑުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއަރޕޯޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭކަން ފާހަގަކުރައްވައި އެ ސާވޭއަށްފަހު އެއަރޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް އެއަރޕޯޓް ބޮޑުކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސްވަނީ ދެއްވާފައެވެ

މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި ރައީސް ވަނީ މި ސަރުކާރުން ރިޔާސީ އިންތިޙާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަން ފާހަގަކުރެއްވިއެވެ.