English Edition
Dhivehi Edition

ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމަށް އެފްރިކާ ބައްރުގެ ކޮލިފައިން ތިންވަނަ ބުރުގައި ރޭ މިސްރާއި ސެނެގޯލް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ވޯލްޑްކަޕަށް ކޮލިފައިވުމާއި ގާތައް މިސްރުން ޖެހިލައިފިއެވެ.

މިސްރުގެ ކައިރޯ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ސެނެގޯލާއި ދެކޮޅަށް ކުޅުނު މެޗުން މިސްރު މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު މިސްރުން މެޗުގެ ލީޑުނެގިއެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި މިސްރުން ލީޑު ނެގި ނަމަވެސް އެޓީމުން ލީޑު ނެގި މި ލަނޑަކީ ސެގެނޯލްގެ ސަލިއޫ ސިސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑު ސިސްއަތުން ބައިކޮޅަށް ވަނީ ލިވަޕޫލްގެ ފޯވަޑް މުޙައްމަދު ސަލާހު ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ސިސްގެ ގައިގައި ޖެހިފައެވެ.

މި ލަނޑާއި އެކު މިސްރުން ލީޑުގައި އޮވެގެން ކުޅެމުން ދިޔަ ނަމަވެސް އެޓީމަށް ވުރެ ގިނަ ހަމަލާ އުފައްދާ މިސްރުގެ ގޯލަށް ނުރައްކާ ކޮޮށްފައިވަނީ ސެނެގޯލުންނެވެ. މެޗުގެ 34 ބަނަ މިނެޓުގައި މާނޭ ފޮނުވާލި ބާރު ހަމަލާއެއް މިސްރުގެ ގޯލް ދަނޑިމަތިން ދިޔައިރު، ނެގޯލްގެ އިސްމާއިލް ސާ ހުސްކޮށް ހުރެ ބޮޅުން ފޮނުވާލި ބޯޅަވެސް ދިޔައީ ގޯލާއި އަމާޒުނުވެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މުޅި މެޗަށް ނަލާއިރު، މިސްރަށް ވުރެ ގިނަ ހަމަލާ އުފައްދާ ގޯލަށް ނުރައްކާކޮށްފައިވަނީ ސެވެގޯލުންކަން ފާހަގަކޮށްލެވެއެވެ. މި މެޗުން މިސްރު މޮޅުވިއިރު، މި ދެޓީމު ބައްދަލުކުރާ ކޮލިފައިން ތިންވަނަ ބުރުގެ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ. މި މެޗު ކުޅޭނީ ސެނެގޯލްގައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގަތަރުގައި އޮންނަ ފީފާ ވޯލްޑްކަޕުން ފުރުސަތު ލިބިގެން ދާނެއެވެ.