English Edition
Dhivehi Edition

މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާޓްސް (އެމްއެސްޕީއޭ) އިން ކުރިއަށް ގެންދިޔަ ސްކްރިޕްޓް ރައިޓިންގ ވޯކްޝޮޕް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ގުޅިގެން މި ވޯކްޝޮޕް ބާއްވާފައިވަނީ މި މަހުގެ 10 ން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ވޯކްޝޮޕުގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ހެންވޭރު ދަނޑުގައި ހުންނަ ޔޫތު މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްބީސީގެ އެމްޑީ ޢަލީ ޚާލިދެވެ.

ޕަރފޯމިންގ އާޓްސްގެ ދާއިރާއިން މީހުން ބިނާ ކުރުމަށް އިސްކަން ދީގެން އުފައްދާފައިވާ އެމްއެސްޕީއޭ އިން ބޭއްވި މި ވޯކްޝޮޕްގައި ކިޔަވައިދިނީ އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަވާ ހަރްޝް އާނަންދެވެ. ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ލިޔުންތެރިކަމަށް ޝައުޤުވެރިވާ ބައެއް ފަރާތްތަކާއި ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ފަރާތުން މީހުން ބައިވެރިވެފައިވެއެވެ.

މި ރަސްމިޔާތުގައި ހަރްޝް އާނަންދުގެ ސެންސޭޝަނަލް މީޑިއާއިން ނެރެމުން އަންނަ ’ދަ ބޮލީވުޑް ފޭސަސް‘ މަޖައްލާގެ 47 ވަނަ އަދަދު ވެސް ވަނީ ނެރެފައެވެ.

މިއީ މޯލްޑިވްސް ސޮސައިޓި ފޯރ ޕަރފޯމިންގ އާޓްސް (އެމްއެސްޕީއޭ) އާއި ގުޅިގެން ސެންސޭޝަނަލް މީޑިއާއިން ނެރެފައިވާ މަޖައްލާއެކެވެ.

އެމްއެސްޕީއޭ އިން ބުނީ މުޅިން ހިލޭ ހިންގި މި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ސްކްރިޕްޓް ރައިޓަރުން މަދުކަމާއެކު ބޮޑަށްް ޒުވާނުން މި ހުނަރުގެ ތެރެއަށް ވެއްދުމަށް ބާރު އެޅުން ކަމަށެވެ.