English Edition
Dhivehi Edition

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ނޭމާ ހޯދުމަށް 240 މިލިއަން ޔޫރޯ ގެ އަގެއް ޕީއެސްޖީއަށް ހުށައެޅުމަށް އިނިގިރޭސި ޕްރމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ނިއުކާސަލްއިން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި އަންނަ ސީޒަނަށް ކުލަބު އިތުރަށް ވަރުގަދަ ކުރުމަށް ނިއުކާސަލުން ދަނީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުލަބުގެ އެންމެ ފުރަތަމަ ޓާގެޓަކަށް ވެފައިވަނީ ޕީއެސްޖީގެ ފޯވާޑް ނޭމާއެވެ. އެހެން ކަމުން ނޭމާ ހޯދުމަށް ޕީއެސްޖީއާއި އެކު ބާއްވާ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ވެސް ނިއުކާސަލުން އަންނަނީ ތައްޔާރުވަމުންކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.

މި ސީޒަނުގައި ފަހަކަށް އައިސް ނޭމާގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެންނައިރު، ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން ބަލިބެ މުބާރާތުން ކަޓާފައެވެ. މި ސަބަބާއި ހުރެ ނޭމާއަށް ކުލަބުގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، މި ސީޒަން ނިމުމުން ނޭމާ ވިއްކާލުމަށް ޕީއެސްޖީން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ފްރާންސްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވެސް ވަނީ ޕީއެސްޖީއާއި ގުޅިފައެވެ. މެސީ ޕީއެސްޖީއާއި ގުޅުމާއި އެކު މިފަހަރުގެ ޗެމްޕިއަންސް ލީގު ޕީއެސްޖީން ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ގިނަ ތަރިންތަކަކާއި އެކު ޕީއެސްޖީއަށް ދަތުރު ކުރެވުނީ މުބާރާތުގެ ދެވަނަ ބުރާއި ހަމައަށެވެ. ދެވަނަ ބުރުން އެޓީމު ކެޓީ ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން ބަލިވެގެންނެވެ.

ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމާއި އެކު ކުލަބަށް ލިބުމު މާޔޫސް ކަން އިތުރުވެފައިވާއިރު، ކުލަބުގައި މިހާރުތިބި ބައެއް ކުޅުންތެރިން މި ސީޒަނަށް ފަހު ދޫކޮށްލުމަށް ވެސް ޕީއެސްޖީން ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ނޭމާ އަކީ މިސީޒަނަށް ފަހު ކުލަބުން ވިއްކާލާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ކުޅުންތެރިއާއެވެ. ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ސީޒަނަށް ފަހު ކުލަަބުން ނޭމާ ދޫކޮށްލާނެއެވެ.

ޕީއެސްޖީން ނޭމާ ދޫކޮށްލަން އުޅޭކަމުގެ ޚަބަރުތައް މީޑިއާގައި ތިލަވުމާއި އެކު ޔޫރަޕްގެ ބައެއް ބޮޑެތި ކުލަބުތަކުން ވަނީ ނޭމާ އަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނޭމާ ހޯދުމަށް ޝައުޤުވެރިވާ ކުލަބުތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ނިއުކާސަލް އަދި ބާސެލޯނާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭމާ ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރު ރެކޯޑު އަގެއް ކަމުގައިވާ 198 މިލިއަން ޔޫރޯ އަށެެވެ. ނަމަވެސް ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ނިއުކާސަލް އިން މި ރެކޯޑު މުގުރާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ވަނީ ގަދަ ވެފައެވެ.