English Edition
Dhivehi Edition

މި އަހަރު ގަތަރުގައި ބޭއްވޭ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް މިރޭ ތުރުކީއާއި ދެކޮޅަށް ކުޅޭ ޕްލޭއޮފް މެޗަށް ނިކުންނައިރު، ޕޯޗުގަލް ޓީމުގައި އަނިޔާ އާއި ސަސްޕެންސަނުގެ މައްސަލަތައް ބޮޑެވެ. އެގޮތުން މިރޭގެ މި މުހިންމު މެޗަށް ޕޯޗުގަލް ނިކުންނައިރު، އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވޭނެއެވެ.

ވޯލްޑްކަޕް ޕްލޭއޮފް މެޗަށް މިރޭ ތުރުކީއާއި ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު، އަނިޔާގެ ސަބަބުން ރުބެން ޑިއާސް، ރުބެން ނެވޭސް، ނެލްސަން ސެމީޑޯ އަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.

މީގެ އިތުރުން ޖާއޯ ކާންސެލޯ އަދި ރެނޭޓޯ ސަންޗޭސް އަށް ވެސް ސަސްޕެންސަނުގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭއިރު، މި ދެކުންތެރިން ސަސްޕެންޑް ވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސާބިއާއާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅެ 2-1 އިން ބަލިވި މެޗުގައި ދެއްކި ކާޑުތަކުގެ ސަބަނުންނެވެ. މީގެ އިތުރުން ކޮވިޑް-19 އަށް ފައްސިވުމުގެ ސަބަބުން އިތުބާރު ޑިފެންޑަރު ޕެޕޭއަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.

އަނިޔާގެ މައްސަލަތަކާއި ސަސްޕެންސަނުގެ މައްސަލަތަކާއި ގުޅިގެން ޕޯޗުގަލްގެ މުހިންމު ކުޅުންތެރިންތަކަށް މިރޭނެ މެޗު ގެއްލޭއިރު، މިއީ ޕޯޗުގަލް އަށް މިރޭގެ މެޗުން މޮޅުވުމަށް ހުރި ހުރަސްތަކެއް ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ބުނެފައެވެ. ސަންޓޯސް ބުނީ ޕޯޗުގަލްގެ މުހިންމު ކުޅުންތެރިންތަކަކާއި ނުލާ މިރޭގެ މެޗު ކުޅެން ޖެހުމަކީ ދެރަވާކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޓީމަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސަންޓޯސް ބުނީ މިރޭގެ މެޗަށް ނިކުންނައިރު، ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވުނު ނަމަވެސް ހިންހަމަ ޖެހުންތަކެއް ވެސް އެބަ ހުރިކަމަށާއި އެއީ ކެޕްޓަން ސްރިސްޓިއާނޯ ރޮނާލްޑޯ ގެ އިތުރުން ބަނާޑޯ ސިލްވާ، ޖޮޓާ، ފެލިކްސް އަދި ބުރޫނޯ ފެނާންޑޭސް ފަދަ ކުޅުންތެރިން ފިޓުކޮށް ތިބުން ކަމަށެވެ.

އަދި މިރޭގެ މެޗަކީ ޕޯޗުގަލްގެ ފުޓްބޯޅަ ތާރީޚުގައި ކުޅޭނެ އެންމެ އުނދަގޫ މެޗަށް ވާނެ ކަމަށާއި ނަމަވެސް މެޗު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރާނެ ކަމަށް ސަންޓޯސް ބުންޏެވެ.

މިއަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަށް ޕްލޭއިފް ކުޅެން ޖެހުނުއިރު، މިއީ ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައި ވުމަށް ޕްލޭއޮފް ކުޅެން ޖެނުނު ތިންވަނަ މުބާރާތެވެ. މީގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތާއި 2014 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތައް ޕޯޗުގަލް ކޮލިފައިވެފައިވަނީ ޕްލޭއޮފް ކުޅެގެންނެވެ.

ޕޯޗުގަލްގެ ފީފާ ވޯލްޑްކަޕް ރެކޯޑުތަކަށް ބަލާއިރު، އެ ގައުމަކީ ވޯލްޑްކަޕް ތާރީޚުގައި މިހާތަނަށް މާބޮޑު ކާމިޔާބީއެއް ހޯދިފައިވާ ގައުމެއް ނޫނެވެ. 1930 ވަނަ އަހަރުން ފެށިގެން ޤަވައިދުން ބާއްވަމުން އަންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެގައުމު މިހާތަނަށް 7 ފަހަރު ކޮލިފައި ވެފައިވާއިރު، ސެމީ އަށް ދަތުރު ކުރެވުނީ އެންމެ ދެ ފަހަރަކުއެވެ. އެއީ 1966 ވަނަ އަހަރާއި 2006 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އޭގެ ފަހުން ޕޯޗުގަލް އަށް އެންމެ ދުރަށްވެސް ދަތުރުކުރެވިފައިވަނީ މުބާރާތުގެ ދެވަނަ ބުރާއި ހަމަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު މުބާރާތުގައި ވެސް އެޓީމަށް އާދެވުނީ ދެވަނަ ބުރާއި ހަމައިންނެވެ.