English Edition
Dhivehi Edition

އދ. މަހިބަދޫގެ ނުހެދި ހުރި މަގުތައް ހެދުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނުނު ނަމަވެސް ނުފެށި ލަސްވާތީ އެކަމުގެ ކަންބޮޑުވުން މަހިބަދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ފާޅުކޮށްފިއެވެ.

މި ކަންބޮޑުވުން ފާލުކޮށްފައިވަނީ އެރަށު ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވަފައެވެ.

މިގޮތުން، އެބޭފުޅުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްޗަށެވެ. އަދި ރަށުގެ ނުހެދި ހުރި މަގުތައް ހެދުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނުނު ނަމަވެސް ނުފެށި ލަސްވާތީ ހުރި ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.

މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދަތިތަކާއި، ރަށުގައި ދަނާލެއް ހުރުމުގެ މުހިންމުކަމާ ގުޅޭގޮތުންނާއި ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާއި ކަމަށް ވުމުން ބިން ހިއްކުމަށް ރަށު ރައްޔިތުން އެދޭކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައްކަވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.