English Edition
Dhivehi Edition

ދުނިޔޭގެ ފުޓްބޯޅައިގައި ވާދަވެރި ދެބައްރު، ޔޫރަޕާއި ސައުތު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ވަރަށް ޚާއްޞަ ފައިނަލް މެޗެއް އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު ކުޅުމަށް ހަމަޖައްސައިފިއެވެ.

“ފިނަލިސީމާ” ނުވަތަ ފައިނަލް މެޗުގެ ނަމުން ނަން ދީފައިވާ މި ފައިނަލް މެޗުގައި ބައްދަލުކުރާނީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ އިޓަލީ އާއި ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަނުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލި އާޖެންޓީނާއެވެ.

މި މެޗު އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު ކުޅުމަށް ތާވަލް ކޮށްފައިވާއިރު، މި މެޗު ކުޅޭނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ސްޓޭޑިއަމް، ވެމްބްލީގައެވެ.

ދެ ބައްރުގެ ފައިނަލް މެޗެއް އެންމެ ފަހުން ކުޅެފައިވަނީ 1993 ވަނަ އަހަރުގައެވެ. އެ އަހަރު ކުޅެވުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ ޔޫރަޕްގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޑެންމާކް އަދި ކޮޕައެމެރިކާ ޗެމްޕިއަންކަން 1991 ވަނަ އަހަރު ހޯދި އާޖެންޓީނާއެވެ. އެފަހަރުގެ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެން ޕެނަލްޓީގައި 4-5 އިން ކުރި ހޯދާފައިވަނީ އާޖެންޓީނާއިންނެވެ.

29 އަހަރުގެ މެދު ކެނޑުމަކަށް ފަހު “ފިނަލިސީމާ” މެޗު ކުޅޭއިރު، މި މެޗު ކުޅޭނީ ޖުމްލަ 90 މިނެޓެވެ. ދެޓީމު އެއްވަރުވިޔަސް އިތުރުވަގުތު ނުކުޅޭނެއެވެ. 90 މިނެޓުގެ ކުޅުން ނިމޭއިރު، އެއްވަރުވެއްޖެ ނަމަ ދެން ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗަކީ ޔޫއެފާ އާއި ސައުތު އެމެރިކާގެ ފުޓުބޯޅަ ފެޑެރޭޝަން ކޮންމެބޯލް އިން ގުޅިގެން، ދެބައްރުގެ ފުޓުބޯޅަ ކުރިއެރުވުމަށް ހެދި އެމްއޯޔޫ އެއްގެ ދަށުން ކުޅޭ ހާއްސަ މެޗެކެވެ.