English Edition
Dhivehi Edition

ފްރެންޗް ލީގުގައި ރޭ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ބަލިވެއްޖެއެވެ.

ރޭ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވީ 0-3 ގެ ނަތީޖާއިންނެވެ.

ބަލިވެ އުޅޭތީ ރޭގެ މެޗުގައި އިތުބާރު ފޯވާޑް ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. މެސީއާއި ނުލާ ކުޅުނު މި މެޗުން ޕީއެސްޖީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް 13 ޕޮއިންޓުގެ ލީޑަކާއި އެކު ތާވަލްގެ އެއްވަނާގައި އޮތީ ޕީއެސްޖީއެވެ. އެޓީމު އެއްވަނާގައި އޮތީ ކުޅުނު 29 މެޗުން ލިބުނު 65 ޕޮއިންޓާއި އެކު ލީގުގެ އެއްވަނާގައެވެ.

މޮނާކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޕީއެސްޖީގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާއި ޚިލާފު ދައް ކުޅުމެކެވެ. އެގޮތުން ރޭގެ މެޗުގައި ނެމާއާ އާއި ކީލިއަން އެމްބާޕޭގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައެވެ. އެހެން ކަމުން ޕީއެސްޖީގެ ފޯވާޑް ލައިނުން މާ ރަނގަޅު އެޓޭކުތަކެއް އުފެއްދިތަން ފެނިގެން ނުދިޔައެވެ.

ރޭގެ މެޗުގައި މޮނާކޯއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 25 ވަނަ މިނެޓުގައެވެ. ބެން ޔެޑާގެ ލަނޑުން މޮނާކޯއިން މެޗުގެ ލީޑު ނެގިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 68 ވަނަ މިނިޓްގައި ކެވިން ވޮލަންޑް ކާމިޔާބު ކުރި ލަނޑުންނެވެ. މޮނާކޯގެ ތިންވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މި ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ބެން ޔެޑާއެވެ. މިއީ މިފަހަރުގެ ސީޒަނުގައި ބެން ޔެޑާ މޮނާކޯއަށް ކާމިޔާބު ކޮށްދިން 17 ވަނަ ލަނޑެވެ. އެގޮތުން މިވަގުތު ލަނޑު ލިސްޓު އެއް ވަނައިގައި އޮތީ ވެސް ބެން ޔެޑާއެވެ.