English Edition
Dhivehi Edition

އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ސްޕެއިންގެ ގައުމީ ޓީމުން އެކުލަވާލި ސްކޮޑުން ބާކީ ކޮށްފިއެވެ.

މިމަހުގެ 26 ވަނަ ދުވަހު އަލްބޭނިއާ އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އަދި މި މަހުގެ 29 ވަނަ ދުވަހު އައިސްލެންޑާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުން ޑެހެއާ ބާކީ ކުރިއިރު، ސްޕެއިންގެ ކޯޗު ކުއިސް އެންރީކޭ ބުނީ ޑެހެއާ މިހާރު ހުރި ފޯމަށް ބަލާއިރު، އޭނާ ސްޕެއިންގެ ގައުމީޓީމަށް ކުޅެން މިވަގުތު ފިޓް ކަމަށް ނުފެންނަ ކަމަށެވެ.

އެންރީކޭ އިތުރަށް ބުނީ ކުރިޔަށް އޮތް އެކުވެރިކަމުގެ މެޗުތަކަށް އެކުލަވާލި ސްޕެއިންގެ ގައުމީޓީމުގެ ސްކޮޑުގައި ހިމަނާފައިވާނީ މިހާރު މިވަގުތަށް ބަލާއިރު، އެންމެ ރަނގަޅު ފޯމެއްގައި ތިބި ކުޅުންތެރިން ކަމަށާއި އެކުޅުންތެރިންނަކީ އޭނާގެ ސްޓައިލަށް ފެތޭ ރަނގަޅު ކުޅުންތެރިން ކަމަށެވެ.

” އަހަރެން ސްޕެއިންގެ ގައުމީ ސްކޮށް އެކުލަވާލުމުގައި ބެލީ މިވަގުތައް އެންމެ ރަނގަޅު ފޯމެއްގައި ތިބި ކުޅުންތެރިންނަށް. ޑެހެއާގެ މިވަގުތު ފޯމަށް ބަލާއިރު، އޭނާ އަހަރެން ބަލައިގަންނަ ފެންވަރަށް ކުޅުން ނުދެއްކޭ. އޭގެ މާނައަކީ އޭނާ އަހަރެންގެ ކުޅުމުގެ ސްޓައިލް އަކަށް ނުފެތެއޭ. ސްކޮޑުން ފުރުސަތު ނުލިބުނީ އެހެންވެ.” އެންރީކޭ ބުންޏެވެ.

މިފަހަރުގެ ސްކޮޑަށް ޑެހެއާގެ ބަދަލުގައި ނަގާފައިވަނީ ބެރެންޓްފޯޑަށް ކުޅެމުން އަންނަ ގޯލް ކީޕަރު ޑޭވިޑް ރަޔާއެއެވެ. ޑޭވިޑް ރަޔާގެ އިތުރުން ދެން ސްކޮޑުގައި ހިމަނާފައިވަނީ އެތްލެޓިކޯ ބިލްބާއޯ ކީޕަރު އުނާއީ ސިމޮންއެވެ.

ޑެހެއާ ސްޕެއިންގެ ގައުމީ ސްކޮޑުން ބާކީ ކޮށްފައިވާއިރު، 2020 ވަނަ އަހަރު ނޭޝަންސް ލީގުގައި 0-1 ގެ ނަތީޖާއިން ޔުކްރެއިން އަތުން ބަލިވި މެޗަށް ފަހު އަދި މިހާތަނަށް ޑެހެއާއަށް ސްޕެއިންގެ ގޯލު ބަލަހައްޓަން ފުރުސަތެއް ނުލިބެއެވެ. ނިމިގެން ދިޔަ އަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްޕެއިން ސްކޮޑުގައި ޑެހެއާ ހިމެނުނު ނަމަވެސް މުބާރާތް ނިމުމާއި ހަމައަށް ވެސް އޭނާއަށް މެޗަކުން ފުރުސަތު ނުލިބި އިންނަން ޖެހުނީ ބެންޗުގައެވެ. އަދި މި އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕަށް ކޮލިފައިވުމަށް ސްޕެއިން ކުޅުނު އެއްވެސް މެޗަކުން ވެސް އޭނާއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

ޑެހެއާ އަކީ މިފަހަރުގެ ސީޒަނުގައި ޔުނައިޓެޑަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގޯލް ކީޕަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ސީޒަނުގައި އެންމެ ނުރައްކާ އަދި އެންމެ ގިނަ ސޭވްތަކެއް ވެސް ކޮށްފައިވަނީ ޑެހެއާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިފަހަރުގެ ސީޒަނަކީ އޭނާއާއި ޔުނައިޓެޑަށް އެންމެ ބޮޑު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ސީޒަނެވެ. ޑެހެއާ ހިމެނޭ ޔުނައިޓެޑުން މިފަހަރުގެ ސީޒަން ނިންމާލަން ޖެހިފައިވަނީ އެއްވެސް ތައްޓަކާއި ހަމައަށް ނުދެވި ހުސްއަތާއެވެ.