English Edition
Dhivehi Edition

އެއީ 2004 ވަނަ އަހަރު މާރޗު މަހުގެ 17 ވަނަ ދުވަހެވެ. އެ ރޭ އިރާކޮޅު ހިނގާދިޔަ އެނަމާ ބޯޓުގެ ހާދިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އެއްމެ ގިނަ އަދަދެއްގެ މީހުންގެ ފުރާނަދިޔަ، އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ.

އެ ހާދިސާއަށް މިއަދު 18 އަހަރު ފުރިގެންދާ އިރު، އެ ހަނދާންތައް އިއްޔެވީ ކަމެއްހެން ހިތުގައި އަދިވެސް ވަނީ ބިންވަޅު ނެގިފައެވެ. ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާ ޖުމްލަ 24 މީހުންމަރުވެ 2 މީހަކު ވަނީ ގެއްލިފައެވެ.

17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރު، ހިނގި މިކާރިސާ ގައި މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކޮށްފައިވަނީ 19 މާރޗް 2004 ވީ ހުކުރު ދުވަހުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުކުރުނަމާދަށްފަހު އެ މައްޔިތުންގެ މައްޗަށް ވަނީ ކަށުނަމާދުކޮށްފައެވެ.

ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ. ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކްލަބާއި ބައްދަލުކުރި މެޗު ބެލުމަށް ފަހު ވިލިގިނލިން ތިނަދުއަށް ދިއުމަށް ތިނަދޫގެ ސަޕޯޓަރުން އެނަމާ ބޯޓަށް އެރީ ގާތްގަޑަކަށް އިރު އޮއްސި 6:50 ކަންހާއިރުއެވެ. ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އެ ބޯޓުގެ އިންޖީނު ހުއްޓިގެން އޭގެ ފިލްޓަރެއް ވެސް ބަދަލުކުރަން ޖެހުނެވެ. ނަމަވެސް މާގިނައިރެއް ނުވެ އަލުން ދަތުރަށް ފެށީ މެޗުން ބަލިވިކަމުގެ އިހުސާސަށް ވުރެ، ކުޅިވަރަކީ މޮޅާއި ބަލި އޮތް އެއްޗެއްކަން ގަބޫލުކޮށް އެ ނަމޫނާ ދައްކަމުންނެވެ.

އެހެންކަމުން ބޯޓު ތެރޭގައި ލަވަ ކިޔުމާއި މަޖާކުރުމާއެކު ދަތުރުކުރަމުން ދަނިކޮށް ވަރަށްކުއްލިގޮތަކަށް އެހާދިސާ ހިނގީ އެރޭ 8:30 ކަން ހާއިރުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެނަމާ ބޯޓު ބަނޑުން ޖަހާލީ، އެބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ ‘އަރުތަ’ ނަމަކަށް ކިޔާ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހިގެންނެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައީ 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތުން ކަމަށް ބައެއް މީހުން ބުނެއެވެ. އަދި މިހާ މަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ވެސް ގިނަބަޔަކު ބުނެއެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް ވެސް ވާހަކަ ދެކެވެއެވެ.

އެނަމާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ވެސް “އަރުތަ” ދޯނިންނެވެ. ދެން އެސަރަހައްދުން ދިޔައީ ގއ. ދާންދޫ “މިޔަރެން” ދޯންޏެވެ. އެހީއަށް އެދި ކަނޑުމަތީގައި ރޮއެ ރޮއެ ތިބި މީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ “މިޔަރެން” ދޯނި ދިޔައީ އެ ދޯނީގައި 12 ޓަނު މަސް ހުރިކަމަށްބުނެ މަސްކިރަން ކޫއްޑޫއަށެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި 24 މީހުންގެ ފުރާނަ ގެއްލި ދެމީހަކު ގެއްލިފައިވާ އިރު، މިހާތަނަށް ވެސް އެ ދެމީހުން ފެނިފައެއް ނުވެއެވެ. އެނަމާ ކާރިސާގައި އެއް އާއިލާއެއްގެ ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، އެއްރަށަކުން އެކާރިސާގައި އެތައް ބަޔަކު މިދުނިޔެ ދޫކޮށް ދިޔައީއެވެ.

އެ ކާރިސާގައި މަދުބަޔަކު ސަލާމަތްވި އިރު، އެ މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީތެރިކަން ލިބުނު ނަމަ އެމީހުންގެ ތެރެއިން ގިނަބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ. ކޮންމެއަކަސް ހިތާމައިގެ ކޮޅެއްވެސް ނެތް މިއަދުވެސް އެތަކެއް އާއިލާތަކެއް އެ ހަނދާނުގައި ކަރުނައަޅަމުން ގެންދާ ހިތި ހަދާންތަކެކެވެ.

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާ އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި! (އާމީން)