English Edition
Dhivehi Edition

ހިތުގެ މައްސަލައަށް ފަހު ފުރަތަމަ ފަހަރަށް ޑެންމާކް ގައުމިޓީމުގެ ސްކޮޑުގައި ކްރިސްޓިއަން އެރިކްސަން ހިމަނައިފިއެވެ.

މިދިޔަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ މެޗެއް ކުޅެން ދަނޑުމަތީގައި ހުއްޓާ ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު އެރިކްސަން ހިތުގެ ފަރުވާއަށް ފަހުން މިހާރު ފިޓްވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައިވާއިރު، މިއަހަރު ގަތަރުގައި ބޭއްއްވޭ ފީފާ ވޯލްޑްކަޕް ކޮލިފައިންނަށް ޑެންމާކް ގައުމީޓީމުން އެކުލަވާލި ސްކޮޑުގައި އެރިކްސަން ވަނީ ހިމަނާފައެވެ.

ގައުމީ ސްކޮޑުގައި އެރިކްސަން ހިމަނާފައިވާއިރު، މިމަހުގެ ނެގަލެންޑްސް އަދި ސާބިއާ އާއި އެކު ޑެންމާކު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި އޭނާ ކުޅޭނެއެވެ. އެރިކްސަން ސްކޮޑުގައި ހިމެނުމަށްފަހު ޑެންމާކުގެ ގައުމީ ޓީމުގެ ކޯޗު ހިޖުލްމަންޑް ބުނީ އެރިކްސަން ސްކޮޑަށް ނެގީ މިޑްފީލްޑަށް އެންމެ އެކަށީގެންވާ ކުޅުންތެރިއަކީ އެއީ ކަމަށް ވާތީ ކަމަށާއި ވޯލްޑްކަޕް މުބާރާތް ފެށުމަށް އަދި ދުވަސްކޮޅެއް އޮތުމުން އިތުރަށް ފިޓުވުމަށް އެރިކްސަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

” އެރިކްސަން ސްކޮޑްގައި ހިމެނީ އޭނާގެ ހާލަތު ރަނގަޅުކަމަށް ފެންނާނީ، ޑެންމާކުގެ ގައުމީ ޓީމުގެ މިޑްފީލްޑަރ އަކަށް އެންމެ އެކަށީގެންވަނީ ވެސް އެރިކްސަން. ނަމަވެސް އަދި އިތުރަށް ފިޓްވުމަށް އޭނާ މަސަައްކަތް ކުރަން ޖެހޭނެ.” ހިޖުލްމަޑް ބުންޏެވެ.

އެރިކްސަން މިވަގުތު ކުޅެމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށެވެ. އުމުރުން 30 އަހަރުގެ އެރިކްސެން ބްރެންޓްފޯޑަށް ބަދަލުވީ ފްރީ އޭޖެންޓެއްގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގައެވެ.

އެރިކްސަން އަށް ހިތުގެ މައްސަލަ ކުރިމަތިވީ ނިމިގެން ދިޔަ ޔޫރޯ ފުތްބޯޅަ މުބާރާތުގައި ޑެންމާކުގެ ކޮޕެންހާގެންގައި ސްކޮޓްލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ 43 ވަނަ މިނިޓްގައެވެ. މެޗު ކުޅެމުން ދަނިކޮށް ހިިތް ހުއްޓި އެރިކްސަން ދަނޑު މައްޗަށް ވެއްޓުނީ އަރިމަތިން ބޭރުވި ބޯޅަ އެއް އެއްލުމުން އެ ބޯޅައަށް ދުވަމުން ދަނިކޮށެވެ. އެރިކްސަން ވެއްޓުމާއި އެކު މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޑިކަލް ޓީމު އަވަހަށް ދަނޑަށް އަރުވައިފަ އެވެ. މެޑިކަލް ޓީމު އަންނަންދެން އެ ހިނގި ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެރިކްސަން އަށް ސީޕީއާރް ދިނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ.