English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ސްޕެއިންގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.

ޔުނައިޓެޑް ގެ އޯލްޓްރެފޮޑް ގައި ކުޅުނު މި މެޗުން އެތްލެޓިކޯ އަތުން ޔުނައިޓެޑް ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

އެތުލެޓިކޯ އަމިއްލަ ދަނޑުގައި މިދިޔަ މަހު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ރޭގެ ނަތީޖާއާއި އެކު 1-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ އެތްލެޓިކޯއިންނެވެ.

ރޭގެ މެޗަށް ޔުނައިޓެޑް ނިކުތީ ލީގުގައި ޓޮޓެންހަމް އަތުން ހޯދި މޮޅާއި އެކު ރަނގަޅު ފޯމެއްގައެވެ. އެހެން ނަމަވެސް ޑިފެންސް އަށް ބަރޯސާވެގެން ކުޅުނު އެތްލެޓިކޯގެ ހާފުތެރޭގައި ބޯޅަ ގެންގުޅުން ވީ ޔުނައިޓެޑަށް ވަރަށް އުނދަގޫ ކަމަށެވެ.

މެޗުގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ޔުނައިޓެޑްގެ އެންތަނީ އެލަންގާ ފޮނުވާލި ނުރައްކާތެރި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ދިފާއުކުރިތަން ފެނިގެން ދިޔައެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނިޓްގައި އެތްލެޓިކޯގެ ހަމަލާއެއް ފެނިގެން ދިޔައިރު، މި ހަމަލާ އަކީ އޭރިއާބޭރުން އެތްލެޓިކޯގެ ރޮޑްރީގޯ ޑެ ޕޯލް ފޮނުވާލި ހަމަލާއެކެވެ. އެ ހަމަލާ ގޯލުގެ ކަނަށް އަމާޒުވާން ދަނިކޮށް ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.

މެޗުގެ 33 ވަނަ މިނިޓްގައި އެތުލެޓިކޯގެ ޔާއޯ ފެލިކްސް ގޯލެއް ޖެހިނަމަވެސް މި ގޯލް އޮފްސައިޑް ކަމަށް ނިންމިއެވެ. އެތުލެޓިކޯ އިން މި މެޗުގައި ޖެހި ހަމަ އެކަނި ގޯލު މެޗުގެ 41 ވަނަ މިނިޓްގައި ފެނިގެން ދިޔައެވެ. މި ގޯލަކީ އެންޓޮއިން ގްރީޒްމަން ނެގި ހުރަހަކުން ރެނާން ލޮޑީ ބޮލުން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލަށް ފަހު ޔުނައިޓެޑް ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު، އެޓީމުން ލަނޑެއް ޖެހޭތޯ އިތުރު ހިތްވަރަކާއި އެކު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބާރު ހަމަލާއެއް އެތުލެޓިކޯގެ ގޯލާއި އަމާޒުވިއެވެ. ނަމަވެސް މި ހަމަލާ އެތްލެޓިކޯ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފަށް ކުޅެން ނިކުމެ ނަތީޖާ އަނބުރާލަން ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން ގިނަ ހަމަލާތަކެއް ޔުނައިޓެޑުން އުފެއްދި ނަމަވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އެތުލެޓިކޯ ކީޕަރު އޮބްލަކް އެވެ.

ރޭ އެތްލެޓިކޯ އަތުން ބަލިވެ ޔުނައިޓެޑް މުބާރާތުން ކެޓިއިރު، އެޓީމަށް މި ސީޒަން ނިިންމާލަން ޖެހިފައިމިވަނީ ހުސްއަތާ އެވެ. ދެން ޔުނައިޓެޑަށް އޮތް ހަމަ އެކަނި ފުރުސަތަކީ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލޮފައި ވުމަށް ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދުން އެޓީމަށް މަޖުބޫރެވެ.

ރޭ ދެވަނަ ބުރުގެ ދެވަނަ ލެގުގެ އިތުރު މެޗެއްވެސް ވަނީ ކުޅެފައެވެ. އެއީ އަޔަކްސް އަދި ބެންފީކާ ބައްދަލުކުރި މެޗެވެ.
އަޔެކްސް ދަނޑުގައި ކުޅުނު މި މެޗު 1-0 އިން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ބެންފީކާ އިންނެވެ.