English Edition
Dhivehi Edition

އައްޑޫ ސިޓީގެ ޕާކް ތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އުޞޫލު އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މި އުސޫލަކީ އައްޑޫ ސިޓީ ކައުންސިލުން 8 އޯގަސްޓް 2021ވަނަ ދުވަހު ނިންމާފައިވާ ގޮތަށް، އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާއި ގުޅިގެން އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަން ކުރިޔައް ގެންދާނެގޮތުގެ އުޞޫލުކަމަށެވެ.

މި އުޞޫލުގެ ދަށުން ޕާކް ތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވޭނީ ގިނަވެގެން 10 އަހަރުގެ މުއްދަތަކަށެވެ.

މި އުޞޫލާ އެއްގޮތަށް ޢަމަލުކުރަން ފަށާއިރު އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެހެނިހެން ފަރާތްތަކާއި ކައުންސިލާއެކު ވެފައިވާ އެއްބަސްވުންތައް ބަލައި، 60 ދުވަސް ތެރޭގައި މި އުޞޫލަށް ފެތޭގޮތަށް އެއްބަސްވުންތަކަށް ބަދަލުގެންނަން ވާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި އުޞޫލުގައިވާ ކަންކަމަށް އެއްބަސްނުވާ ފަރާތްތަކުގެ އެއްބަސްވުންތައް އުވާލާނެކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މިއުޞޫލަށް ޢަމަލުކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެހެނިހެން ފަރާތްތަކުން ކައުންސިލާއެކު އެއްބަސްވުމެއްގެ ދަށުން ވަކި ސަރަޙައްދެއް ނުވަތަ މައިޒާނެއް ބެލެހެއްޓުމަށް ޙަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަމަށް ފެންނަނަމަ، އެއްބަސްވުމުގައި ވާގޮތުގެ މަތިން ނޯޓިސް ދިނުމަށްފަހު އެއްބަސްވުންތައް އުވާލަންވާނެކަމަށެވެ.

މި އުޞޫލުގެދަށުން އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދާނީ އެކަމަށް ޝައުގުވެރިވާފަރާތައް ހޯދުމަށް ޢާންމުކޮށް އިޢުލާންކޮށްގެންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މި އުޞޫލުގެދަށުން އިޢުލާންކުރާ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތި ލެވޭނީ އައްޑޫ ސިޓީގެ ރައްޔިތުންނަށާއި، ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.

އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް ބޭނުން ކޮށްގެން މާލީ މަންފާއެއް ހޯދުމަށް ހުށަހެޅޭނީ އެތަނާއި ގުޅޭ ޚާއްޞަ ޚިދުމަތްތަކެއް ގާޢިމްކޮށް އެފަދަ ޚިދުމަތެއް ޤާއިމްކުރުމުގެކުރިން ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ، މީގެ އިތުރުން އެތަނުގެ ތެރޭގައި ޕާކްކުރާ ސަރަޙައްދެއް ގާއިމްކޮށްފައިވާނަމަ އެތަނުގައި ޕާކުކުރާ ފަރާތްތަކުގެ އަތުން ފީ ނެގުމާއި، އެކިއެކި ޕާޓީ ފަދަ ޙަފްލާތައް ބޭއްވުމަށް އެތަން ކުއްޔައް ދިނުމާއި، ފަންޑް ރައިޒިން އިވެންޓްތައް ބާއްވައިގެން ފައިސާ ހޯދުމާއި ގޭޓް ފާސް ވިއްކައިގެން ފައިސާ ހޯދައިގެންކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޙަވާލުވާފަރާތަކުން އެތަނާއި ގުޅޭ ތަފާތު ޚިދުމަތްތައް ޤާއިމްކުރެވިދާނެކަމަށެވެ. މިގޮތުން އެތަނުގައި ހަދާ ތަންތަން ގަވާއިދުން މަރާމާތުކޮށް ބަލަހެއްޓުމާއި ،ބެލެހެއްޓުމަށް ޙަވާލުކުރެވޭ ސަރަޙައްދާއި އެސަރަޙައްދާއި އިންވެގެން އޮންނަ މަގުތަކުގަ ކުނިކަހައި ވިނަކޮށައި ސާފުކޮށް ބަލަހައްޓަންވާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕާކުތަކާއި މައިޒާންތަކުގައި ހުންނަ ރުއްގަސް ބަލަހައްޓައި، އެ ސަރަޙައްދާއި އިންވެގެން އޮންނަ މަގުމައްޗަށް ވާގޮތަށް ހުންނަ ގަސް ކޮށައި މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫނުވާނެހެން ބަލަހައްޓަންވާނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ. އަދި މިފަދަ ޕާކުތައް އޮންނަންވާނީ އުމުރުން ދުވަސްވީ މީހުންނާއި ޚައްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށްކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ޑަސްބިން ބަހައްޓައި ސަރުކާރުން އެވަގުތެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކާއި ޙަވާލުކޮށް، ގަވާއިދުން ޑަސްބިންތައް ހުސްކޮށް ކުނި ނަގައި ސާފުކުރުމަކީ އެތަނާއި ހަވާލުވާ ފަރާތުގެ ޒިންމާއެއްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން އެފަދަ ތަނެއްގައި ހަރަކާތެއް ބާއްވަން ބޭނުންވެއްޖެނަމަ އަގަކާނުލައި ކައުންސިލަށް އެތަން ލިބޭނެގޮތް ހަމަޖެހިފައި އޮންނަންވާނެކަމަށްވެސް ކައުންސިލުން ބަޔާންކޮށްފައިވެއެވެ.

ޕާކްތަކާއި ބީޗްތަކާއި މައިޒާންތައް ބަލަހައްޓަން ހަވާލުވާ ފަރާތުން ކޮންމެ 3 މަހުން އެއްމަހު އެތަން ބެލެހެއްޓިގޮތާއި އެތަނުން ލިބުނު ފައިސާގެ ތަފްސީލާއި ކައުންސިލުން ހޯދުމަށް އެދޭ އެހެނިހެން މަޢުލޫމާތުތައް ހިމެނޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެކަމަށް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.