English Edition
Dhivehi Edition

ނުކުޅެދިންތެރިކަން ހުންނަ ކުދިންނަށް ދޭ ޚިދުމަތްތައް ފޯރުކޮށްދޭނެ، ތަމްރީން ލިބިފައިވާ މީހުން ނެތުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ޚިދުމަތް ފެށުމަށް ހަމަޖެއްސުމާއެކު މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް މިހާރު ފަށާފައިވާކަމަށެވެ. އަދި އެ ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވާލަފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އެކި ދާއިރަތަކަށް ބޭނުންވަ މީހުން ބިނާކުރުންކަން ފާހަގަ ކުރައްވާ ނައިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީ ކުރެވިގެންދާއިރު އެ ހޮސްޕިޓަލްތަކަށް ބޭނުންވާ އެކި އެކި ސްޕެޝަލިސްޓުން އުފެއްދުމަށް ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަށެވެ.

“މެންޓަލް ހެލްތްގެ ދާއިރާއިންވެސް މިހާރު ސްކޮލަޝިޕްތަކަށް ހުޅުވާލާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވަނީ ފަށާފަ. ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ. ސެންޓަރުގެ ޚިދުމަތް ފުޅާކޮށް، މުސްތަޤްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެ.” އެމަނިކުފާނު ވިދާޅުވިއެވެ.