English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ ސްޕެއިންގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނިކުންނައިރު، އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެދު ކުރެވޭ އުންމީދު ވަރަށް ބޮޑުކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

އެތްލެޓިކޯ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ރޮނާލްޑޯގެ މިވަގުތު ފޯމާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ރަންގްނިކް ބުނީ ރޮނާލްޑޯގެ ފޯމާއި މެދު އޭނާ ޝައްކު ނުކުރާ ކަމަށާއި ރޮނާލްޑޯ ވަނީ އެންމެ ފަހުން ލީގުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދީފައި ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯގެ އުމުރާއި އަދި ފިޓްނަސް އާއި ގުޅޭ ގޮތުން ރަންގްނިކް ބުނީ ރޮނާލްޑޯ އަކީ އަބަދުވެސް އަމިއްލަ ނަފްސަށާއި ހަށިގަނޑަށް ވަރަށް ބޮޑަށް ބަލާ މީހެއް ކަމަށާއި އެހެންވެ އެކަމާ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. ރޮނާލްޑޯ އަކީ ޓީމުގައި ހުރި އެންމެ ފިޓްނަސް ރަނގަޅު ކުޅުންތެރިއާ ކަމަށާއި މެދު ޝައްކު ނުކުރާކަމަށް ވެސް އޭނާ ބުންޏެވެ. އަދި އުމުރުން ދޮށީ ނަމަވެސް ރޮނާލްޑޯގެ ތަޖުރިބާއާއި ހުނަރު މެޗުތަކުގައި ބޭނުން ކޮށް އެކަމުގެ ސަބަބުން ޓީމަށް ފައިދާތަކެއް ކުރަމުން އަންނަ ކަމަށް ވެސް ރަންގްނިކް ބުންޏެވެ.

އަދި ރޮނާލްޑޯގެ ޕާފޯމަންސްއަށް ބަލާއިރު، ރޮނާލްޑޯގެ ޕާފޯމަންސް ވަރަށް ރަނގަޅު ކަމަށާއި މިރޭގެ މެޗުގައި ލީގުގައި އެންމެ ފަހުން ޓޮޓެންހަމްއާއި ދެކޮޅަށް ދެއްކި ޕާފޯމަންސް ރޮނާލްޑޯގެ ފަރާތުން ފެނިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް މިރޭގެ މެޗަކީ އެހެން މެޗުތަކާއި އަޅާބަލާއިރު ވަރަށް އުނދަގޫ މެޗަކަށް ވާނޭކަމަށް ރަންގްނިކް ބުންޏެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ރޮނާލްޑޯ ކިތެންމެ ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް މުޅި ޓީމުން ރަނގަޅު ޕާފޯމަންސް އެއް ނުދެއްކިއްޖެ ނަމަ އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން އުންމީދު ކުރާ ރަނގަޅު ކުޅުމެއް ފެނިގެން ދިއުން ނާދިރުކަމަށް ވެސް އޭނާ ބުންޏެވެ.

” މިރޭދެ މެޗަކީ ވަރަށް މުހިންމު މެޗެއް. ރޮނާލްޑޯ ހުރީ ރަނގަޅު ފޯމެއްގައި ކަމަށް މި ބަލަނީ. ރޮނާލްޑޯގެ އުމުރާއި އަދި އޭނާގެ ފިޓްނަސް އާއި މެދު އެއްވެސް ކަންބޮޑުވުމެއް ނެތް. ނަމަވެސް ރޮނާލްޑޯއަށް ވެސް ނަތީޖާ ބެރެދެވޭނީ ޓީމުގެ އެވްރެޖް ޕާފޯމަންސް ރަނގަޅު ކުރެވިގެން . މިރޭގެ މެޗުން ވާގޮތް ބަލަމާ ހިނގާ.” ރަންގްނިކް ބުންޏެވެ.

މީގެ އިތުރުން ރަންގްނިކް ވަނީ ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން މިރޭ ގެ މެޗަށް ރަނގަޅު އުންމީދީ ސަޕޯޓެއް ލިބުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.

ޔުނައިޓެޑް އަދި އެތްލެޓިކޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 1:00 ގައެވެ.