English Edition
Dhivehi Edition

އިނގެރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީން ނެވެ. ނިއުކާސަލްގެ ޑިފެންސް ލައިނަށް ބާރު ބޮޑޫކޮށް ކުރިޔަށް ޖެހިގެން ކުޅުނު ނަމަވެސް ލަނޑު ޖަހަން މާ އެދެވޭ ފުރުސަތެއް ޗެލްސީއަށް ލިބިފައެއް ނުވެއެވެ.

ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، މެޗުގެ ފަހުހާފު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން އައީ ޗެލްސީންނެވެ. ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް ނިއުކާސަލްގެ ގޯލަށް ފޮނުވާލެވޭ ގޮތް ވަނީ ނުވެފައެވެ. ޗެލްސީއަށް ނިއުކާސަލްގެ ގޯލާއި އަމާޒުކޮށް ކިރިޔާވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ހަކީމް ޒިޔެޗް ނިއުކާސަލްގެ ގޯލުގެ ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ކައި ހަވަޓްޒް ބޮލުން ފޮނުވާލި ނަމަވެސް ނިއުކާސަލްގެ ގޯލް ކީޕަރު މާޓިން ޑިބްރަވްކް ވަނީ ފަސޭހަކަމާއި އެކު އެ ބޯޅަ ހިފާފައެވެ.

ޗެލްސީން މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 89 ވަނަ މިނެޓުގައެވެ. ޖޯޖީނިއޯ ދިން ބޯޅަ އަކުން މި ގޯލް ޗެލްސީއަށް ޖަހައިނީ ކައި ހަވަޓްޒްއެވެ.

މި މޮޅާއި އެކު ޗެލްސީ އޮތީ އެޓީމު ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއި އެކު ތާވަސްގެ ތިން ވަނާގައެވެ. އެއް ވަނާގައި 69 ޕޮއިންޓާއި އެކު ސިޓީ އޮތް އިރު ދެވަނާގައި 66 ޕޮއިންޓާއި އެކު އޮތީ ލިވަޕޫލެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ވުލްވްސް އިން 0-1 ގެ ނަތީޖާއިން އެވަޓަން ބަލިކުރިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 1-2 ގެ ނަތީޖާއިން ނޯވިޗް ސިޓީ އަތުން މޮޅުވެފައެވެ. އަދި ވެޓްވޯޑް ސައުތެމްޕްޓަން އަތުން 1-2 އިން މޮޅުވިއިރު، ވެސްޓް ހަމް ވެސް ވަނީ 1-2 އިން އެސްޓަން ވިލާ އަތުން މޮޅުވެފައެވެ.