English Edition
Dhivehi Edition

” އެ ވަޑައިގަންނަވަނީ ޝާން”. އާދިލާގެ ކައިރީގައި ހުދު ޔުނިފޯރމެއްގައި ހުރި ފަޅުވެރިޔަކު ބުންޏެވެ. އޭނާ އިޝާރާތް ކުރި ދިމާއަށް އާދިލާ ބަލައިލި އިރު ބާރަށް ދުއްވާފައި އަންނަ ހައި ސްޕީޑް ލޯންޗެއް ފެނެއެވެ. އެ ލޯންޗްގައި ރިޕޯރޓަރުންނާއި ފޮޓޯގްރާފަރުން ވަރަށް ގިނައެވެ. އެމީހުން ޝާން ފަކީރަށް ނޭވައެއްވެސް ލިޔަކަ ނުދެއެވެ. ” ޝާން މި މީހުނާއެކު ކެތްކުރަނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އަރާ”

“ދުވާރަށު”ގެ ގޮނޑު ދޮށެއްހެން ހަދާފައިވާ ތައްޓުމަތީގައި ހުރި ގަހަކަށް ލެނގިލައިގެން އާދިލާ އެ ލޯންޗް ކާރިކުރާތަން ބަލަން ހުއްޓެވެ. އޭނާގެ ސަމާލުކަން މިވަގުތު ހުއްޓިފައިވަނީ އެލޯންޗްގައި ތިބި އެންމެނަށްވުރެންވެސް އިސްކޮޅުން ދިގުކޮށް އެ ފެންނަ ކަޅު އިސްތަށިގަނޑެއްގެ ވެރިޔާއަށެވެ. އޭނާގެ ތުންފަތުގެ އެއް މިޔަކަން ތިރިއަށް ލެނބިފައި އެވަނީ ރިޕޯރޓަރުން ކުރި ސުވާލަކަށް ޖަވާބު ދީފައި ހިނިތުންވެލީ ގޮތަށެވެ.

ނޫހުގައި ޖަހާފައި ހުރި ފޮޓޯއަކީ އެ ބުރުސޫރަ ރިވެތި ހަށިގަނޑުގެ ވެރިޔާ އަށް ކުރެވިފައިވާ އިންސާފެއް ކަމަކަށް އާދިލާ ނުދެކެއެވެ. އެހެނީ އޭނާއަށް ފެންނަން އެހެރަ ޝާންގެ ފުރިހަމަކަން އެ ފޮޓޯއިން ފެންނާކަށް ނެތެވެ. ތިލަދުންމަތީ ހުވަރަފުށްޓަށް އުފަންވި ކަމުގައިވިޔަސް ޝާންގެ ބައްޕަ އަކީ މާލޭގެ ގަދަރުވެރި ވިޔަފާރިވެރިއެއްގެ ދަރިފުޅެކެވެ. މަޝްހޫރު ޖޭމު އަބްދުލް ގުއްދޫސްގެ ބޭފުޅެކެވެ. އާދިލާ އޭނާގެ ވެރިޔަކަށް ވާން މިއުޅޭ މީހާއަށް ފުން ނަޒަރަކުން ބަލައިލިއެވެ.

މީގެ ދެ ދުވަސް ކުރީން އާދިލާވަނީ މި ބޯޓަށް އައިސްފައެވެ. އޭރު އޭނައަކަށް މިއީ ބޯޓެއް ކަމަކަށް ހިއެއް ނުކުރެވެއެވެ. ބޭރުން ބަލާބެލުމަށް ފެންނަނީ ކުޑަކުޑަ ރީތި ރަށެކެވެ. ރާއްޖޭގެ ކުޑަ ރިސޯރޓެކެވެ. އެހެން ކަމުން ދުރުން ބަލާ ބެލުމަކަށް މިއީ ރާއްޖޭގެ ރިސޯރޓެއް ނޫންކަން އެނގޭނެ ގޮތެއް ނެތެވެ. މިއީ އުފަލާއި މަޖާނޫން އެހެން ކަމަކަށް ޖާގައެއް ދެވިފައި ނުވާ ދުވާރަށެކެވެ. ނުވަތަ ދުވާ ރިސޯރޓެވެ.

އާދިލާއަށް އެންމެ ހިތްގައިމު ތަނަކަށްވީ އޭނާ އަށް ޚާއްސަ ކުރެވިފައިވާ ރީތި ކޮޓަރިއެވެ. މިއީ އޭނާގެ އޮފީސްވެސްމެއެވެ.

ޝާންއަށް ގަޑިއެއްހާއިރުގެ ތެރޭގައިވެސް މާލެ ވަޑައިގެންނެވެން އޮތެވެ. އެހެންނަމަވެސް އެބޭފުޅާ މި ރަށުގެ ނުވަތަ މިބޯޓުގެ ފުރަތަމަ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވީއެވެ. އާދިލާވެސް ހުރީ މި ދަތުރުގައި ބައިވެރިވެވޭތީ ވަރަށް އުފާވެފައެވެ. މި ދަތުރު ނިންމާލަން އޮތީ ހޯރަފުށްޓަށެވެ. ޝާންގެ މަންމަގެ ރަށަށެވެ. ދާ މަގުމަތީގައި ބައެއް މުހިންމު ރަށްރަށް މަޑު ކުރާނެއެވެ. އޭގެފަހުން ކުޅުދުއްފުށްޓަށާއި އޭދަފުށްޓަށްވެސް ޖައްސާނެއެވެ. އެހެންކަމުން ބޯޓުގެ ފަޅުވެރިންގެ ތެޜޭގައި ހިމެނޭ މި ރަށްރަށު މީހުން ތިބީ ވަރަށް ގަޔާވެފައެވެ. މާލެ އަންނަން އޮތީ އެންމެ ފަހުންނެވެ. އެހެންނަމަވެސް ދަތުރުގެ ޕްލޭން ކޮންމެ އިރަކުވެސް ބަދަލުވެދާނެކަން ފަޅުވެރިންނަށް އެނގެއެވެ.

މިހާރު އާދިލާ އެންމެ ދެރަވަނީ އޭނާ އަކީ ޝާންގެ ވަގުތީ ސެކެޓްރީއަކަށް ވީތީއެވެ. ކޮންމެ ވަގުތެއްގައިވެސް މި ހިތްގައިމު ބޯޓުން އޭނާ ފައިބާން ޖެހިދާނެއެވެ. އެހެންކަމުން މި ދަތުރުގައި ހިމެނޭ ހުރިހާ އުފަލެއްގައި ބައިވެރިވުމަށް އޭނާވަނީ އަޒުމު ކަނޑައަޅާފައެވެ.

ޝާން ރަށަށް އަރާވަޑައިގަތުމަކުންވެސް ރިޕޯޓަރުން އޭނާގެ ފަހަތަކުން ނައްޓައެއްނުލިއެވެ. އޭރު ޝާންގެ މޫނުފުޅުމަތިން ކެއްތެރިކަން ކޮޅުންލާފައިވާ ކަމުގެ ކުލަވަރެއް ފެންނަށް ހުއްޓެވެ. އޭނާ އާދިލާއާ އަރާހަމަވީ ވަގުތު ރިޕޯޓަރަކު ސުވާލު ކުރެއެވެ.

” އެ ނޫހުގަ އެ އޮތް ބަޔާނާމެދު ތިބޭފުޅާ އަދިވެސް އިންކާރު ކުރައްވަނީތޯ “.

” މިދެންނެވީ އާފަތިހުގެ ބޭރުގަނޑުގެ ފުރަތަމަ ކޮލަމްގައިވާ ލިއުމުގެ ވާހަކަ . މަޝްހޫރު ލަވަކިޔުން ތެރިޔާ ލަރީސާ އައްބާސްއާ ތިޔަ ބޭފުޅާގެ ގުޅުމުގެ ވާހަކަ . މި ރިޕޯޓް ލިޔެފައޮތީ ހާމިދު ވަޖްދީ . އޭނާގެ ޚަބަރުތައް ދޮގެއް ނުވާނެ”.

އޭރު މިސުވާލު ކުރަމުންދަނީ ހަވީރުގެ ޒަމާންވީ ރިޕޯރޓަރ އަލީ އަފީފެވެ.

ލަރީސާ އަކީ މަޝްހޫރު ކޭޑީ ކަލޭގެފާނުގެ ދަރިފުޅެކެވެ. އޭނާގެ ބޯޓްތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދަތުރު ކުރެއެވެ. އެހެންކަމުން ލަރީސާގެ މަޝްހޫރުކަން އިތުރުވެފައިވަނީ ހަމަ އެކަނި ލަވަކިއުންތެރިއެއްގެ ހައިސިއްޔަތަކުން ނޫނެވެ.

” މި ދަތުރުގަ ލަރީސާ ބައިވެރިވާނެ ވާހަކަޔާ ދަތުރު ނިމުނީމަ ކައިވެނި ކުރައްވަން ހަމަ ޖެހިފަ ވާ ޚަބަރުވެސް އަހަރެމެންނަށް އޮތީ ލިބިފަ “

ސުވާލުތައްގިނަވެގެން ކުޅަދާނަ ނުވާ ހިސާބަށް ދިއުމުން ޝާންގެ ޖީބުފުޅުން ސިގްރެޓް ފޮށްޓެއް ނަންގަވާފައި ސިގްރެޓެއް ރޯކޮށްލެއްވިއެވެ. އެއީ ސުވާލުތައް އޭނާގެ ވަށައިގެން އޮހެމުން ދިއުމަށް ވަގުތު ދެއްވުމަށް ކަމަށް އާދިލާއަށް ފާހަގަ ކުރެވުނެވެ. އޭރު އޭނާގެ ނަޒަރުވެސް އާދިލާއަށް ހުއްޓުނެވެ. އަދި އިރުކޮޅަކަށް އެ ނަޒަރު އެގޮތަށް ހުއްޓިފައި ހުރީތީ ފެނުމުން އާދިލާއަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އޭނާގެ ސިފައާމެދު ޝާން ހިތްޕުޅާ ހަމަނުވީބާވޭ ހިތަށް އެރިއެވެ.

“މި ރިސޯރޓްގެ ދެވަނަ ވީއައިޕީ ސުއީޓް ތައްޔާރު ކޮށްފައިވަނީ ކޮން ބޭފުޅަކަށްޓަކައި ތޯ؟ އަޅުގަނޑަށް ޚަބަރު ލިބިފައިވާގޮތުންނަމަ އެ ކޮޓަރިކޮޅު ފުރާލެވިފައި ވަނީ ހުދު ފިނިފެންމަލުން އެއީ ލަރީސާއަށް އެންމެ ރީތި މާ”

“ކަލެއަށް ތިޔަ މައުލޫމާތު ދިންމީހަކު ޝަރީއަތަށް ގެންދަން ޖެހޭނެ” ޝާން ކޯފާވެފައި ވިދާޅުވިއެވެ.

” އެކޮޓަރި ތައްޔާރުވެފައިވާނީ އަހަރެންގެ ސެކެޓްރީއަށް”

އަޑުއަހަންތިބި މީހުންގެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުމުން ދައްކަނީ އެވާހަކަފުޅު އެމީހުނަށް ގަބޫލު ނުކުރެވޭ ކަމެވެ. އެ ގޮތަކީ ޝާންގެ ސެކެޓްރީއަކީ ފިރިހެނެއްކަން އެމީހުން ދަނެއެވެ. އެއީ އާދިލާގެ ބޮޑުބޭބެ ތައުފީގެވެ. ޝާންގެ ސެކެޓްރީއަކަށް ވުމުގެ ފުރުސަތު އޭނައަށް ލިބުނީ އެ ގޮތުންނެވެ.

އާދިލާ ހިތްވަރު ކޮށްލާފައި ގޮސް އެމީހުންގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

” ހުދު ފިނިފެންމަލަކީ އަޅުގަނޑަށްވެސް އެންމެ ރީތި މާ. “

ހުރިހާ އެންމެންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓި އޭނާގެ ވަޔާ ވިހުރުވެމުންދާ ފަން އިސްތަށި ގަނޑުން ފެށިގެން ފުންނާބު ތިރި ފައިވާނާ ހަމަޔަށް ބަލާ ތަހްލީލް ކޮށްލިއެވެ.

އާދިލާ ކުރީގައި އުޅުނު އޮފީހުގެ އެންމެންވެސް ގަބޫލު ކުރާގޮތުގައި އާދިލާއަކީ ވަރަށް ކުޅަދާނަ ޤާބިލް ސެކެޓްރީއެކެވެ. ކުރަންދިމާވާ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކޮށްލާ މީހެކެވެ. ވަކިން ޚާއްސަކޮށް ފާހަގަ ކުރެވެނީ ކުއްލި ކަންތަކާ ދިމާވުމުން އެކަންތައް ހައްލު ކުރުމުގެ ކުޅަދާނަކަން އޭނާގެ ކިބައިގައި ހުންނަ ކަމެވެ.

”ކަލޭމެންގެ ޚިޔާލުތައް އޮޅުން ބޮޅުން ވުމުގެ ކުރީގައި ބުނެދީފާނަން. އަޅުގަނޑަކީ ޝާންގެ އާ ސެކެޓްރީ. އަޅުގަނޑުގެ ބޮޑުބޭބެ ތައުފީގު މި ދިޔަ ހަފްތާގައި ޗުއްޓީ ނަންގަވައިގެން ރަށަށް ދުރުވި ކަމެއް ތިބޭފުޅުންނަށް އެނގިވަޑައިނުގެން އޮވެދާނެ. އޭނާ ދުރުވަންދެން ޝާންގެ ސެކެޓްރީއަކަށް ހުންނާނީ އަޅުގަނޑު.”

“މިހާރު ދެން ކަލޭމެންގެ ހިތްހަމަ ޖެހިއްޖެއެއްނު. މިހެން ވިދާޅުވެފައި ޝާން ވަޑައިގެން އާދިލާގެ އުޅަނބޮށީގެ ހިފަހަށްޓާލައްވާފައި ވިދާޅުވިއެވެ.” މިއަށްވުރެން ހަމަ ހިމޭން ތަނަކަށް ދަމާ ހިނގާ!”

ޝާން އާދިލާގޮވައިގެން ވަޑައިގެންނެވި ހަނި މަގުގައި ވަނީ ދޮންވެލީގެ ދޫލައެއް އަޅާފައެވެ. މަގުގެ ދެފަރާތުގައި ގަސް ހައްދާފައިވާ ގޮތުން މިއީ ދަތުރުކާ ބޯޓެއްކަން އެނގެން ހުރި ހުރިހާ ނިޝާން ތަކެއް ވަނީ ކުޅަދާނަ ކަމާއެކު ފޮރުވާލެވިފައެވެ. މަގުގެ ކޮޅުގައި ހުރި ރީތި ކުޑަ ގެއަކުން މީހަކު ނުކުމެ އަދަބުވެރިކަމާއެކު ގުދުވެލައިގެން ހުއްޓެވެ. އެގެއަށް ވެދެވަޑައި ގަންނަވަމުން ޝާން، އާދިލާގެ އުޅަނބޮށިން ދޫކޮށްލެއްވިއެވެ.

” މިއޮތްހާއިރު އެމީހުންގެ ސުވާލުތަކަށް ޖަވާބު ދޭން ހަދައިގެން މިހާރު ވަރަށް ބޮޑަށް ފެންބޮވައިގެންފި.” ޝާން ފްރިޖް ހުޅުވާފައި އޭގެ ތެރޭން ކްލަބް ކޯލާ އެއް ނެންގެވިއެވެ. ” ކަލޭވެސް އެއްޗެއް ބޯލަންވާނެއެއްނު؟ އަދި ނަމެއްވެސް ނޭނގޭ “

” އަޅުގަނޑުގެ ނަމަކީ އާދިލާ”. އާދިލާ ހައިރާންވީ އޭނާގެ ނަން ޝާންއަށް އެނގިވަޑައި ނުގަންނަވާ އިރު އެބޭފުޅާގެ ސެކްރެޓަރީގެ ވަޒީފާ ދެއްވާފައި ވާތީއެވެ.

” ރަނގަޅީ ސްޕްރައިޓެއް.”

ޝާން ސްޕްރައިޓް ދަޅެއް ކަނޑުއްވައި ތަށްޓަކަށް އަޅުއްވައި ދެއްވީމާ އާދިލާ ލަސްލަހުން ބޮމުން ގެންދިޔައެވެ. އެވަގުތު ފަޅުވެރިޔަކު ސޫޓް ކޭސްތަކެއް ހިފައިގެން އައިސް ޖެހިގެން ހުރި ކޮޓަރިއަކަށް ވައްދަން ފަށައިފިއެވެ.

” ތިޔަ އެއްޗެހި އިހަށް ބަހަށްޓާ. އަހަރެން ގަޑިއެއްހާއިރު ފަހުން މެނޭޖަރާ ބައްދަލު ކުރަން ދާނެ ވާހަކަ ގޮސް ނަންގަނެލާ”

އޭނާ ދިއުމުން ޝާން ދޮރު ލައްޕަވާލައްވާފައި ފަސޭހަ ގޮނޑި ކޮޅެއްގައި އިށީނދެ ވަޑައިގަތެވެ. އެއީ ކުޑަޔަކަސް ހިތްގައިމު އަދި ޢިއްޒަތްތެރި ސިޓިންގ ރޫމެކެވެ. ދެމީހުން އެކަނިވުމުން އާދިލާގެ ހިތަށްވެރިވި ނުތަނަވަސްކަން އޭނާގެ މޫނުމަތިން ފެނިގެން ދިޔައެވެ.

” މިހާރު”… ޝާންގެ އަޑުފުޅުގައި ވަނީ ހަރުކަށި ކަމެވެ. “ކަލޭ މި ބޯޓަށް އައީ ކީއްކުރަން ކަން އަހަރެންގާތު ބުނެބަލަ.”

އާދިލާ ހައިރާންވީ ވަރުން ބުނާނެއެއްޗެއް ނޭނގިފާ އިރުކޮޅަކު އިނެވެ. އޭނާ އަޅައިގަންނަމުން ދެންނެވިއެވެ. ” އަޅުގަނޑު ….. ތައުފީގް ބޭ، އަޅުގަނޑު ހީކުރީ އަޅުގަނޑުގެ ވާހަކަ ތައުފީގް ބެ އޮންނާނީ ދަންނަވާފަ ކަމަށް”

” ތައުފީގް އަހަރެންގެ ސެކެޓްރީއަކަށް އުޅޭތާ މިވަނީ 6 އަހަރު. އޭނައަށް އަހަރެން އިތުބާރު ކުރަން. އޭނާ ޗުއްޓީއަކަށް އެދުމުން ވަގުތީ ސެކެޓްރީ އެއް ހަމަޖެއްސުމުގެ އިޚްތިޔާރު އަހަރެން އޭނައަށް ދިނިން. އެހެންނަމަވެސް ކަލެއަށް މި މަގާމު ހަވާލުކޮށްފައި އޭނާ އެ ދިޔައީ ބުއްދި ސަލާމަތުން ހުރެގެނެކޭ ބުނެވޭކަށެއްނެތް”.

” އާދިލާ ބޯން އިންތަށި މޭޒުމަތީގައި ބާރަށް ބަހަށްޓާލާފައި އޭނާގެ ދަބަހުން 3 ސިޓީއުރަ ނަގާފައި ޝާންގެ ކުރިފުޅުމަތީގައި ބޭއްވިއެވެ. ” މިހިރީ އަޅުގަނޑުގެ ސެކެޓްރީ ކަމުގެ ސަނަދާއި ކުރީގައި ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިއުންތައް”

” ކަލޭގެ ފެންވަރެއް ނެތޭ ބުނަނީއެއްނޫން. އެކަމަކު ކަލެއަށް މި މަގާމު ދީފައި މިވަނީ އޭނާގެ ތިމާގެ މީހެއް ވީމައެއްނު”

” ތައުފީގްބެ އަކީ އަޅުގަނޑުގެ ބޮޑު ބޭބެ. އެކަމަކާ ދެބަހެއް ނުވަން. އެހެންނަމަވެސް ތައުފީގްބެ ފުރަތަމަ ހަމަޖެއްސެވީ އެހެން މީހެއް. އެމީހާ ކުއްލިއަކަށް ބަލިވީ. ތައުފީގުބެއަށް އަޅުގަނޑުގެ ފެންވަރު ރަނގަޅަށް އެނގިލައްވާ. އޭރު އަޅުގަނޑު ހުރީ ވަޒީފާއަކަށް ނުގޮސް ގޭގަ. އެހެންވެ އެ ގޮތަށް ހަމަޖެއްސެވީ.”

ޝާން އޭނާގެ އަވި އައިނުކޮޅު ނެންގެވިއެވެ. އޭނާގެ ތޫނު ލޯފުޅުން އާދިލާގެ އަގުހެޔޮ އެހެންނަމަވެސް ސާދާ ހެދުމަށް ބައްލަވާލެއްވިއެވެ. އެ ބެއްލެވުމުގައި ވަނީ ނަފުރަތުކަން ނޫން ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

” ތައުފީގް އަހަންނާ ވާހަކަ ދެއްކި. އަދި އޭނާ ހަމަޖައްސަނީ ތިމާގެ ކުއްޖެއް ކަމުގައިވެސް ބުނި. އަދި އެކުއްޖާގެ ފެންވަރު ރަނގަޅުވާނެ ވާހަކަވެސް ބުނި. އެހެންނަމަވެސް އޭނާ ހަމަޖެއްސި ކުއްޖަކީ ޒުވާން ރީތި އަންހެންކުއްޖެކޭ އެއްފަހަރުވެސް ނުބުނޭ”.

“ތި ބޭފުޅާގެ ކިބައިގައި މަސައްތެރި އަންހެނުން ދެކެ ނަފްރަތު ކުރެއްވުމުގެ ބައްޔެއް ހުންނަ ކަމަކަށް ކުރިއަކުން އަޅުގަނޑަށް އެނގިފައެއް ނުވޭ “.

ދެންމެއަކު ޝާން އެ ވިދާޅުވި އެއްޗަކުން އާދިލާ އިނީ ރުޅިގަދަވެ ހަމައިން ނައްޓާފައެވެ.

” ކަލޭ ތިޔަ ބުނި ބަލި އަހަންނަށް ޖެހުނީ އަންހެނުންގެ ކިބައިން ފެންނަ ނުކެރުމާއި ފިނޑިކަން ފެނުނީމަ”.

” އަންހެނަކަސް އަޅުގަނޑުގެ ވަޒީފާ ބަރާބަރަށް އަދާ ކުރަން. އަދި އަޅުގަނޑުގެ މަސައްކަތުގެ ފެންވަރު….”

“ފެންވަރު ކިތަންމެހާވެސް މަތި. މަސްއަލައަކީ އެއެއްވެސް ނޫން. މީގެ ކުރީގައިވެސް އަންހެން ސެކެޓްރީން މި ވަޒީފާގައި އުޅެފި. އެކުދިންގެ ފަރާތުން އަހަންނަށް ފެނުނީ އަވަސް އަވަހަށް ބަލިވުމާއި ސަލާމް ބުނުން ގިނަކަން. ދެން އިވެނީ ކޮންމެވެސް ބިޓަކާ ހިތާވާ ޚަބަރު.. އެއްކުއްޖަކުވެސް މި ވަޒީފާގައި ހަރުލާގޮތެއް ނުވޭ. . ދެންކުރާނީ މަސައްކަތް ބޮޑުވެ ހުސްވަގުތު ނުލިބޭ ކަމުގެ ޝަކުވާ. އަހަންނަށް އެންމެ ބޮޑު މަސްއަލައަކީ ކަލޭގެ ޒުވާންކަން. މިކަހަލަ ވަޒީފާއަކާ އެކަށީގެންވާ ވަރަށް ވުރެން ޅަކަން. ކޮންމެ އެއްޗެކޭ ކަލޭ ބުންޏަސް އަހަންނަށް ބުނެވޭނީ މި ވަޒީފާ ކަލެއަށް ދީފައިތިޔަ ވަނީ ކަލެއާ ތައުފީގާ ދެމެދު އޮންނަ ތިމާގެ ކަމުގެ ސަބަބުންނޭ”.

” އަޅުގަޑުގެ އުމުރުން 21 އަހަރު ފުރިއްޖެ.” އާދިލާ ބުނަންފެށިއެވެ.

-ނުނިމޭ-