English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ޓޮޓެންހަމްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 2-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދަމުން ދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން ޓޮޓެންހަމްގެ ފަހަތައް ބާރބޮޑުކޮށް ޓޮޓެންހަމްގެ ގޯލަށް ނުރައްކާކުރަމުން ގެންދިޔައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅައެއް ޓޮޓެންހަމްގެ އެރިކް ޑަޔާ އަތުގައި ޖެހުމާ އެކު ޕެނަލްޓީ އަކަށް ރޮނާލްޑޯ އެޕީލްކުރި އެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ޔުނައިޜެޑުން ފުރަތަމަ ލަބޑު ޖަހާ ލީޚޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ރޮނާލްށޯއެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެންލަޓީ އަކުން ޓޮޓެންހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. މިއީ ޓޮޓެންހަމްގެ ޑޭޖާން ކުސުލެވްސްކީ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ޓެލޭސް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓް ފަހުން ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި، ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ. މި ލަނޑު ރޮނާލްޑޯ ޖަހާފައިވަނީ ސަންޗޯގެ އެހީތެރިކަމާއި އެކުގައެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން މެޗުގެ 72 ވަނަ މިނިޓްގައި ޓޮޓެންހަމުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކުރިއެވެ. މި ލަނޑަކީ ޓޮޓެންހަމް ކުޅުންތެރިން ޔުނައިޓެޑުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޔުނައިޓެޑް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑާއި އެކު ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، މިއީ ކްލަބް ކެރިއަރުގައި އޭނާ ހެދި 59 ވަނަ ހެޓްރިކްއެވެ.

ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑް ތާވަލްގެ ހަތަރު ވަނާގައި އޮތީ ކުޅުނު 29 މެޗުން ލިބުނު 50 ޕޮއިންޓާއި އެކުގައެވެ. މީގެ ކުރިން އެއް ޕޮއިންޓުގެ ތަފާތުން ހަތަރު ވަނާގައި އޮތީ އާސެނަލްއެވެ.