English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރައިޓަން ހޯލްވް އެންޑް އަލްބިއޮން އަތުން މޮޅުވެ ލިވަޕޫލުން ލީގުގެ އެއް ވަަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ތިން ޕޮއިންޓް ގާތައް ޖެހިލައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލިވަޕޫލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފުގެ ކުރީ ކޮޅު ލިވަޕޫލަށް ލީޑުނަގަން ރަނގަޅު ދެ ފުރުސަތެއް ލިބުނެއެވެ. މި ދެ ފުރުސަތުވެސް ލިބުނީ މުޙައްމަދު ސަލާހުއަށެވެ. ނަމަވެސް މުހައްމަދު ސަލާހަށް ލިބުނު މި ދެ ފުރުސަތުގެ ބޭނުމެއް އޭނާ އަށް ނުހިފުނެވެ. ސަލާހު ފޮނުވާލި ފުރަތަމަ ހަމަލާ ކީޕަރު ސަންޗޭޒް މަތަކުރިއިރު، ދެވަނަ ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރުންނެވެ.

ލިވަޕޫލުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 19 ވަނަ މިނެޓުގައެވެ. ލިވަޕޫލުން މެޗުގެ ލީޑު ނެގި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮއެލް މަޓިޕްގެ އެހީތެރި ކަމާއި އެކު ލުއިސް ޑިއާޒްއެވެ.

އެއް ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ސަލާހުއެވެ.. މިއީ ލިވަޕޫލްގެ ނަބީ ކެއިޓާ ފޮނުވާލި ބޯޅަ ބްރައިޓަންގެ ޔީވް ބިސޫމާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ލަނޑާއި އެކު މިފަހަރުގެ ސީޒަނުގައި ސަލާހު ޖެހި ލަނޑުގެ އަދަދު ވަނީ 20 އަށް އަރާފައެވެ. މި މެޗުގައި ސަލާހުވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބަދަލު ކޮށްފައެވެ.

މިރޭގެ މި މޮޅާއި އެކު އެއްވަނާގައި އޮތް ސިޓީއާއި ތިން ޕޮއިންޓް ގާތަށް ލިވަޕޫލުން ޖެހިލިއިރު، އެޓީމު މިވަގުތު އޮތީ ކުޅުނު 28 މެޗުން ލިބުނު 66 ޕޮއިންޓާއި އެކު ލީގުގެ ދެވަނާގައެވެ. އެއް ވަނައިގައި ސިޓީ އޮތީ 28 މެޗުން ލިބުނު 69 ޕޮއިންޓާ އެކު އެވެ.