English Edition
Dhivehi Edition

ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުން ދެމުން އައި އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

މި އެވޯޑް މީގެ ކުރިން ދެމުން އައީ ކަލަންޑަރު އަހަރަކު އެއްފަހަރު ނަމަވެސް ފަހުން ގެނައި މި ބަދަލުތަކާއި އެކު މިހާރު މި އެވޯޑް ދިނުމަށް ހަމަޖައްސާފައިވަނީ ކޮންމެ އަހަރަކުވެސް އެ އަހަރެއްގައި އޮންނަ ފުޓްބޯޅަ ސީޒަނަކު އެއްފަހަރު އެވެ.

މި ބަދަލުތަކާއި އެކު މީގެ ކުރިން އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް އިންސާފުކުރި ޖަޖުންގެ އަދަދުވެސް ވަނީ 170 އިން 100 އަށް ތިރިކޮށްފައެވެ. އެހެން ކަމުން ދެން މި އެވޯޑް ދޭ ފަރާތެއް އިންސާފު ކުރާނީ ދުނިޔޭގެ ފީފާ ރޭންކިންގެ ގަދަ 100 ގައުމުގެ ތެރެއިން ހޮވާލެވޭ 100 ޖަޖުންގެ ޕެނަލަކުންނެވެ. ހަމަ އެގޮތަށް އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖައްސާ ޖަޖުންގެ އަދަދަށް ވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ކުރިން އިންސާފު ކުރަމުން އައިސް ޖަޖުންގެ އަދަދު 100 އިން 50 އަށް ވަނީ ތިރިކޮށްފައެވެ. އެހެން ކަމުން އަންހެން ކުޅުންތެރިޔާއަށް ވެސް ދޭ މި އެވޯޑް އަށް އިންސާފު ކުރާނީ ދުނިޔޭގެ ފީފާ ރޭންކިންގެ ގަދަ 50 ގައުމުން ހޮވާލެވޭ 50 ޖަޖުންގެ ޕެނަލަކުންނެވެ.

މި ބަދަލުތަކާއި އެކު މި އަހަރުގެ ބެލަންޑޯ އެވޯޑް އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވަން ނިންމާފައިވާއިރު، މި އެވޯޑަށް ކުޅުންތެރިން ރޭންކް ކުރާނީ މިހާރު ކުރިޔަށްދާ ފުޓްބޯޅަ ސީޒަންތަކަށް ބަލައިގެންނެވެ. މި އެވޯޑަށް ކުޅުންތެރިން ނޮމިނޭޓް ކުރާއިރު، އެންމެ ބޮޑަށް ބަލާނީ ކޮންމެ އަހަރެއްގައި ވެސް އޮންނަ ފުޓްބޯޅަ ސީޒަންތަކުގައި އެންމެ ރަނގަޅު ޕާފޯމަންސް ދައްކާ ވަކިވަކި ކުޅުންތެރިންގެ އިތުރުން ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅު ޕާފޯމަންސްއެއް ދައްކާ ކުޅުންތެރިންގެ އިތުރުން މުޅި ސީޒަނަށް ބަލާ އެންމެ ރަނގަޅު ފެއާރަ ޕްލޭ ރެކޯޑްސް އޮންނަ ކުޅުންތެރިންނަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް މިހާތަނަށް އެންމެ ގިނައިން ހޯދާފައިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށެވެ. މެސީ ވަނީ މި އެވޯޑް ހަތް ފަހަރު ހޯދާފައެވެ. އެނެމް ފަހުން 2021 ވަނަ އަހަރު ފްރާންސް ފުޓްބޯޅަ މެގަޒިންއިން ދިން މި އެވޯޑް ވެސް ހޯދާފައިވަނީ ލިއޮނެލް މެސީއެވެ. ދެވަނަ އަށް މި އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ޔުނައިޓެޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މި އެވޯޑް ފަސް ފަހަރު ހޯދާފައެވެ.