English Edition
Dhivehi Edition

އުނަގަނޑަށް އަނިޔާވެ ލީގުގައި އެންމެ ފަހުން މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ނުކުޅެވުނު މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ މިހާރު ފިޓްކޮށް ކަމަށާއި މިރޭ ލީގުގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ފެނިގެންދާނެ ކަމަށް ޔުނައިޓެޑް ގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

ޓޮޓެންހަމް އާއި ދެކޮޅަށް މިރޭ ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ސިޓީއާއި ދެކޮޅަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ރޮނާލްޑޯ އެންމެ ފަހުން ބޭއްވި ދެ ފަރިތަކުރުމުގައިވެސް ބައިވެރިވެފައިވާ ކަމަށާއި މި ދެފަރިތަކުރުންތައް ވެސް ކާމިޔާބު ކަމާއި އެކު އޭނާ ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ރޮނާލްޑޯ ޓީމުގައި ހިމެނި ޓޮޓެންހަމާއި ދެކޮޅަށް ކުޅޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

” ރޮނާލްޑޯ ވަނީ އަނިޔާއިން ރަނގަޅުވެ މިރޭގެ މެޗުގެ ކުރިން ބޭއްވި ދެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެ ވަރަށް ކާމިޔާބު ކަމާއި އެކު ފަރިތަކުރުންތައް ފުރިހަމަ ކޮށްފަ. އެހެން ކަމުން މި ބަލަނީ ރޮނާލްޑޯ ހުރީ މިހާރު ފިޓްކޮށް ކަމަށް. މިރޭގެ މެޗުގައި އޭނާ ފެނިގެންދާނެ.” ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރަންގްނިކް ބުންޏެވެ. އަދި ރޮނާލްޑޯގެ ފަރާތުން އުންމީދީ ކުޅުމެއް މިރޭގެ މެޗުގައި ފެނިގެން ދިއުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި ރޮނާލްޑޯ އަކީ އިދިކޮޅު ޓީމަށް ނުރައްކާ ކުރެވޭ ފެންވަރުގެ ފޯވާޑެއް ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފައެވެ.

އިތުރަށް ރަންގްނިކް ބުނީ ޔުނައިޓެޑަށް ދެން ލީގުގައި ކުރިޔަށް އޮތީ ފައިނަލް މެޗުތަކެއް ކަމަށާއި އެގޮތުން މިރޭ މެޗަކީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކޮންމެ ހެންވެސް މޮޅުވުން މަޖުބޫރު މެޗެއް ކަމަށެވެ. އެހެން ކަމުން މިރޭގެ މެޗުގައި ހުރިހާ ކުޅުންްތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެންނަން ބޭނުންވާ ކަމަށް ރަންގްނިކް ބުންޏެވެ. ޚާއްޞަކޮށް ފޯވާޑް ލައިނަށް ލިބޭ ބޯޅައްތައްް، ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ބުންޏެވެ.

ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް މިރޭ ޔުނައިޓެޑް ނިކުންނައިރު، މިވަގުތު އެއް ޕޮއިންޓުގެ ތަފާތުން ކުރިލިބިގެން ހަތަރު ވަނާގައި އޮތީ އާސެނަލް އެވެ. އާސެނަލް އަށް ލީގުގެ ހަތަރުވަނަ ލިބެނީ ޔުނައިޓެޑަށް ވުރެ ދެމެޗު މަދުން ކުޅެގެން ލިބުނު 48 ޕޮއިންޓާއި އެކުގައެވެ. މިރޭ މެޗުން ޔުނައިޓެޑް ޓޮޓެންހަމް އަތުން މޮޅުވެއްޖެ ނަމަ ވަގުތީ ގޮތުން ހަތަރުވަނައަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.