English Edition
Dhivehi Edition
ފޮޓޯ: ކަސްޓަމްސް

ރާއްޖެ އެތެެރެކުރަން އުޅުނު 3.359 ކިލޯ ގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތީގެ މަގުމަތީ އަގު 12,953,500.00 (ބާރަ މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ފަސްސަތޭކަ) ރުފިޔާއަށް އަރާ ކަމަށެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން މި މާރިޗު 1 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ. (MDMA – 546grams) އަދި މެފެޑްރޯން (Mephedrone – 585grams) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މީގެ އިތުރުން މި މާރިޗު 6 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine – 2.228kgs) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ބުންޏެވެ.

ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން ބުނީ މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، މައްސަލަތަކާއި ގުޅުންހުރި ދެ ފަރާތެއް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައެވެ.

މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސްގައިވަނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކުރެވި މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.