English Edition
Dhivehi Edition

ޓެކްނޮލޮޖީއާއި ސައެންސް އަދި ޖައްވީ ހަބަރުތަކަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރެވޭ ފުރަތަމަ އޮންލައިން ނޫސް ޓެކްނިއުސް.އެމްވީ މިއަދު އިފްތިތާހު ކޮށްފިއެވެ.

“ދިވެހިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި އެތަކެއް މަޤްބޫލް ނޫސްތަކެއް ނެރެމުން އެބަދޭ. އެހެން ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ ހަބަރުތަކާއި ސައެންސާއި ޖައްވީ ރޮގުން ހޯދެމުންދާ ކުރިއެރުންތަކާއި ގުޅުންހުރި ހަބަރުތަކަށް ދެވޭ އަހަންމިއްޔަތު ކުޑަކަން ފާހަގަކުރެވިފައި ވުމުން ޓީއެންއެމްވީ ވުޖޫދުކުރުމަށް ހިޔާލު އައިސްފައި ވަނީ މި ދާއިރާ އަށް އިތުރަށް ވިދުން ގެނައުމަށް” ކަމަށް ކޯފައުންޑަރ ނަސްރުﷲ އަދުނާނު ވިދާޅުވެފައި ވެއެވެ. “މިރޮނގުން ޚިދުމަތްކުރާ އެތަކެއް ޒުވާން ފަންނުވެރިން އެބަތިބި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޖަމިއްޔާތައް އެބަ ހަރަކާތްތެރިވޭ، ބައިނަލް އަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި އެތަކެއް ބަޔަކު އެބަތިބި، ޓީއެންއެމްވީ ވެގެންދާނީ މި އެންމެންގެ ބައިވެރިއަކަށް މި އެންމެންގެ އަޑަކަށް” ކަމަށް ނައްޓު ފާހަގަ ކުރެއްވިއެވެ.

“ދިވެހިންނަކީ ޓެކްނޮލޮޖީއާއި ވަރަށް ރައްޓެހި އަދި އަހުލުވެރި މީސްކޮޅެއް، ދިވެހި ހޮޅުއަށިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ދިވެހިންނާއި ގުޅުންހުރި ޓެކްނޮލޮޖީ ހަބަރުތައް ދިވެހި ރަހަތަކާއި އެކު ގެނެސްދިނުމަށް މި ނޫހުން މަސައްކަތް ކުރަމުންްގެންދާނެ” ކަމަށް ނޫހުގެ އެގްޒެކެޓިވް އެޑިޓަރު ފަޒީލް ނަޖީބް ފާހަގަކުރައްވައެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓެކްނިއުސް.އެމްވީ ގެ އެވޭލާ (ބީޓާ އެޑިޝަން) މަދު ބަޔަކަށް އާއްމު ކޮށްގެން ދިޔައީ ތަރައްޤީ ކުރަމުންނެވެ. ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް އަޒުމު ކަނޑައަޅައިގެން ތިބި ލިޔުންތެރިންތަކެއްގެ އިޚްލާސްތެރި މަސައްކަތުން މިއަދު މި ނޫސް މިވަނީ އިފްތިތާހު ކުރެވިފައެވެ. މި ދާއިރާއިން މުހިންމު އެތަކެއް މައުލޫމާތެއް ހިމެނޭ މަންސައަކަށް ވަނީ ވެފައެވެ.

ތާނަ ލިޔުންތައް މެޝިން ލާނިންގެ އެހީގައި ކިޔައި ދިނުމަށްޓަކައި މޮޒިއްލާ ކޮމަންވޮއިސް ޕްރޮޖެކްޓްގެ އެހީގައި މުޅިން އަލަށް ޓެކްސްޓް ޓު ސްޕީޗް ފަންކްޝަން އެއް ވަނީ މި ނޫހުގައި ހިމަނާފައެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮޖެކްޓް އިމްޕްލިމެންޓް ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

“އަޅުގަނޑުމެންނަކީ ޓެކް މީހުން، ހަމަ އެކަނި އާދައިގެ ނޫހަކުން ފުއްދާލުމަކީ ފަސޭހަ ކަމެއް ނޫން، އިނޮވޭޓިވް ޓެކްނޮލޮޖީތައް ތައާރަފުކުރުމާއި، ދިވެހި ބަސް ޓެކްނޮލޮޖީއާ ގުޅުވާލުމަށްޓަކައި މަސައްކަތްކުރުމަކީ މި ނޫހުގެ އުންމީދެއް. މިހާރު ވެސް މިގެންދަނީ މިފަދަ ތަފާތު އެހެން ޕްރޮޖެކްޓެއް ތަޖްރިބާކުރަމުން” ކަމަށް ނައްޓު ވިދާޅުވިއެވެ.

ޓެކްނިއުސް.އެމްވީގެ ޒަރިއްޔާއިން ދިވެހި ޒުވާން ޖީލަށް ގިނަ ކަންކަން އުނގަންނައިދީ ކުޑަކުދިންވެސް ހިމެނޭގޮތަށް އެކި އުމުރުފުރާތަކަށް ރައްޓެހި އަދި މައުލޫމާތުން ފުރިގެންވާ މަންސައެއްގެ ގޮތުގައި ޓީއެންއެމްވީ ގެ ކުރިމަގު ބައްޓަންވެގެންދާނެ ކަމުގެ އުންމީދާއި އެކު މި ދާއިރާއަށް ފާގަތި މުސްތަޤްބަލެއް ލިބިގެންދާނެކަމީ ޓީއެންއެމްވީގެ ފަހަތުގައި ތިބި ކޯފައުންޑަރުންނާއި، ލިޔުންތެރިން، އަދި އެޑްވައިޒަރުންނާއި މެންޓަރުންގެ ދުއާކަމަށް އެފަރާތުން ބުނެއެވެ.