English Edition
Dhivehi Edition

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޞްވާން އަބްދުލްﷲ ގެ މައްސަލާގައި ހިމެނޭ މީހުން ހައްޔަރުކުމުގެ އަމުރަށް އެދެން ޖެހޭނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރޭ ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަނުތަކުގެ ޤާނޫނުގެ ދަށުން ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގެ ހަމައެކަނި ޤާނޫނީ ބާރު ލިބެނީ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ކަމަށެވެ.

ހަމީދު ވިދާޅުވީ އެ ޤާނޫނުގެ ދަށުން އެކި ފަރާތްތައް ހައްޔަރުކުރުމުގެ އަމުރަށްއެދުމުގެ ހުއްދަ އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ އިދާރާއިން ކަމަށް ނުވާތީ ފުލުހުންނަށް މީހަކު ހައްޔަރުކުރުމުގެ ބާރު ނޯންނާނެ ކަމަށް ހަމީދު ވިދާޅުވިއެެވެ.

ހަމީދު އިތުރަށް ވިދާޅުވީ ކޮމިޝަނުން މީހަކު ހައްޔަރުކުރަން ހުއްދަ ހޯދައިފި ނަމަ ފުލުހުންގެ ފުރިހަމަ އެއްބާރުލުން އެކަމަކަށް ލިބޭނެ ކަމަށެވެ.