English Edition
Dhivehi Edition

ދީން ނުކިޔެވި ނަމަވެސް ދީންވެސް އެނގޭކަމަށާއި އުގަންނައިދޭން ނޫޅޭށޭ ބުނުމަކީ ޖާހިލުކަމުގެ އަލާމާތެއް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހް އަލީ ޒައިދު ރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއްވެސް މީހަކު ތިމަންނައަށް ހުރިހާ ކަމެއްވެސް އެނގޭ ކަމަށާއި، ދީން ނުކިޔެވިއަސް ދީންވެސް އެނގޭކަމާއި އުގަންނައި ދޭން ނޫޅޭށޭ ބުނުމަކީ ޖާހިލުކަމުގެ އަލާމާތެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ނޭގޭކަން ގަބޫލުކުރަންޖެހޭ ކަމާއި އެއަށްފަހު ދަސްކުރަންޖެހޭކަމަށް ކަމަށް ޝެއިހް ޒައިދުވަނީ ވިދާޅުވިއެވެ. މީގެ އިތުރުން ޝެއިހް ޒައިދު ވިދާޅުވީ ނޭގޭނަމަ ފަސާދަނުކޮށް ހަނުހުރުން މާ މުހިންމުކަމަށެވެ.

ޝެއިހް ޒައިދު މިހެން ވިދާޅުވެފައި މި ވަނީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި، އަލުން އިސްލާމް ދީނަށް ވަންނަން ދައުވަތު ދޭން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ލ.ގަމުގެ އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭނާއަކީ ގ. ކެނެރީގެ އަބްދުއްސައްތާރުގެ ދަރި މުހައްމަދު ނަޝީދު ކަމަށާއި އަދި ހ. ހެންވޭރު ކަޅުބޭ އަބްދުއްލަތީފްގެ ދަރިއެއް އައިސް އެމަނިކުފާނަށް އިސްލާމްދީނަށް ދައުވަތުދޭން ޖެހޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަަމަށެވެ.