English Edition
Dhivehi Edition

އަހަރެން ކުއްޖަކާ ރައްޓެހިވާއިރަށް ކޮއްކޮ އެ ދެމެދަށް ވަންނާނެއެވެ. މިއީ އެއްފަހަރަކު ދިމާވި ކަމެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އޭނާ ހުންނާނީ އަހަރެންގެ ފޫބުޑުގައެވެ. އަހަރެން ކުރާކަމެއް ވިއްޔާ އެކަމެއް އޭނާ ކުރާނެއެވެ.

ރީނާ އަހަންނަށް ވުރެން ހަގީ ތިން އަހަރެވެ. އަހަރުމެންގެ ދެބޭންގެ މަންމަ ނިޔާވި އިރު އޭނާގެ އުމުރުން 4 އަހަރެވެ. އެދުވަހެއް އޭނާ ހަނދާނެއް ނުހުރެއެވެ. އެހެންނަމަވެސް މަންމަގެ ހަނދާނެެއް އަހަރެންގެ ހިތަކުން ނުފިލައެވެ. ބައްޕަ އޭގެފަހުން ތިން ދޮންމަންމައިން ގެނައެވެ. އެކަކުވެސް އަހަރެމެންނަކަށް ކަމަކު ނުދިޔައެވެ. ރީނާ އަބަދު އަހަރެންގެ ވަށައިގެން ކޮކާލެއްހެން އެ އެނބުރެނީ މަންމައެއް ނެތުމުން ކަމަށް ވެދާނެއެވެ.

ފިޒާން އަހަރެންގެ ރަށަށް އައިސް އުޅުނު އިރު އަހަރެންގެ އުމުރުން 11 އަހަރެވެ. އޭނާ ވަރުގެ ރީތި ފިރިހެން ކުއްޖަކު އަހަރެން ނުދެކެމެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ. މަޖީދިއްޔާގެ ދަރިވަރެކެވެ. އަހަރެންނަށް އޭނާ ފެނުނު ފުރަތަމަ ދުވަހު އޭނާ ލައިގެން ހުރީ ގަދަ ނޫ ކުރު ޝޯރޓްބުރިއަކާއި ހުދުގަމީހެކެވެ. އެއީ އޭނާގެ ސްކޫލު ޔުނިފޯމް ކަމަށް ވެސް ވެދާނެއެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑު ހުރީ ސަޑް ނަގައި ފޮޅުވާލާފައެވެ. އޭނާ އައިސް ހުރީ ސައީދުބޭގެ ގޭގައެވެ. އައްޑުއަށް އައިތާ މާ ގިނަ ދުވަހެއް ނުވެ އެގޭ ޝަކިއްތަ އާއި އަދިވެސް އަހަރުމެންގެ ފުރާގެ ތިން ހަތަރު ކުދިންނާއެކު އޭނާވެސް ކުޅެ ސަކަރާތްގަނެ ހަދަން ފަށައިފިއެވެ. އޭނާގެ ޗުއްޓީ ދުވަސްވަރު މަޖަލުގައި ހޭދަކޮށްލުމަށެވެ. އަހަރުމެން ކުދިންނާ ޖެހުނީމާ އޭނާވެސް ކާކަށް ބޯކަށް ހަނދާނެއް ނުހުރެއެވެ. އޭރު ޝަކިއްތަ އަހަރުމެން ކުދިންނަށް ވުރެން ތަންކޮޅެއް ދޮށްޓެވެ. އެހެންކަމުން އަހަރުމެންނާއެކު ހުރިހާ ކުޅިވަރެއް ކުޅެން އިސްނަގާނީ އޭނާއެވެ.

ފިޒާން ފެނުނު ވަގުތުން ފެށިގެންވެސް އަހަރެންގެ ހިތުގައި އެ ސޫރަ ފުންކޮށް ކުރެހިއްޖެއެވެ. އެނޫން ކަމެއް އެނޫން ނަމެއް ހިތަކު ނޯވެއެވެ. ކުޅެން އުޅޭ އިރުވެސް ފިޒާންއާ އެންމެ ކާރީގައި ހުރެވޭތޯ އަހަރެން ބަލަމެވެ. އަހަރެންގެ ފަހަތުގައި އަބަދުވެސް ރީނާ ހުރެއެވެ. އެހެންނަމަވެސް އޭރަކު އެކަމަކާ އުނދަގުލެއް ނުވެއެވެ.

ފިޒާންއާއެކު އަހަރުމެން އެންމެ ކުޅޭ ހިތްވަނީ “ފިލާފިލާ” އެވެ. އެއީ ފީކޯތް ކަހަލަ ކުޅިވަރަކަށް އަހަރުމެން ކިޔާ ނަމަކެވެ. މި ކުޅިވަރު ކުޅެން އަހަރުމެން ދަނީ “ރަނޑޫ ގަނޑަ”ށެވެ. އެއީ އަހަރުމެންގެ ގެޔާ މާ ދުރު ނޫން ހިސާބެއްގައި ވިނަ ހެދިފައި އޮންނަ ތަނެކެވެ. މި ވިނަގަނޑު ބޭނގު ކުޅިއާ ހަމަޔަށް އޮވެއެވެ. ދުވާލުގެ ވަގުތުގައި ވެސް ކިތަންމެ އިރަކު އެތާ ތެރޭ ފިލައިގެން ބަޔަކަށް އުޅެވިދާނެއެވެ. އެ ވިނަތަކުގެ ބައެއް ހިސާބު ނިކަން ގަނބާނެއެވެ. އެހެންނަމަވެސް އަހަރުމެންނަށް އެތަން ހިތު ދަހެވެ. އެއްފަހަރަކު ފިލަން އަހަރެން ގަސް ބޮޑިއެއްގެ ތެރެއަށް ވަދެ އޮތްވާ އެތަނަށް ފިޒާން އަތުވެއްޖެއެވެ. އޭނާ އައީ ފުރަގަހުންނެވެ. ކުއްލިއަކަށް އަހަރެންގެ މޫނުގައި ދެއަތް އެޅީއެވެ. އަހަންނަށް ގުޑިވެސް ނުލެވުނެވެ. އެއީ ފިޒާންކަން އެނގުނީމައެވެ. އަހަރުމެން ދެމީހުން މިހާ ކާރިން ބައްދަލުވީމައެވެ. އަދި އޭނާ މިހެން ބުންނެވެ. “ކޯޓް ޔޫ ސުވީޓް ގާރލް.”

އަހަރެން ރީއްޗޭ ބައެއް ކުދިން ބުނާ އަޑު އަހަމެވެ. އެހެންނަމަވެސް އަހަންނަކަށް އެއަކީ މުހިންމު އަޑެއް ނޫނެވެ. އެހެނަސް އެދުވަހު “ސްވީޓް”އޭ ފިޒާން ބުނުމުން އަހަރެންގެ ހިތުތެރޭގައި ކުދި ކޮކާތައް އުދުހިގަތެވެ. އަހަރެންގެ ހިއްސުތައް ގަނޑުވިއެވެ. އަހަންނަކަށް ނޭވައެއްވެސް ނުލެވުނެވެ. އަހަރެންގެ މޫނުގައި އަޅާފައިވާ ފިޒާންގެ އަތްތިލައިގައި އަހަންނަށް ހިފެހެއްޓިފައި ހުރެވުނު ކަމެއް އޭރަކު ނޭނގެވެ. އޭރު އަހަރެންގެ އަތްތިލަވަނީ ތިކިޖަހާވަރަށް ތެމިފައެވެ.

އެ މަދު މިނިޓްކޮޅު ގަރުނަކަށް ދެމިގެން ދާކަށެއް ފުރުސަތެއް ނުލިބުނެވެ. ރީނާ ދުވެފައި އަތުވެއްޖެއެވެ. “މިހިށީ ދައްތާ!” އޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަހަންނަކަށް އޭނައަކަށް ނުފިލޭނެއެވެ. އެކަމަކު އެވަގުތު އޭނާ އެތަނަށް އައުމުން އަހަރެންނަކަށް ނުރުހެވުނެވެ. ހިތަށް އެރިއެވެ. އޭނާ ނެތްނަމަ ފިޒާންއާއެކު މި ފޮނިވަގުތުކޮޅު ތަންކޮޅެއް ގިނައިރު ހޭދަ ކޮށްލެވުނީހެވެ. އަހަރެން ފުރަތަމަ ފަހަރަށް ރީނާ ދެކެ ނުރުހުންވީ އެދުވަހު އެވެ.

އަހަންނަކަށް އޭރަކު ލޯތްބަކީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ފިޒާންގެ ޚިޔާލުތައް ހިތަކުން ފިލައިގެންނެއް ނުދެއެވެ. ހުރެވެނީ ކްލާސްގަޑި ނިމޭލެއް ލަސްވެފައެވެ. ނިމޭތަނުން އަހަރެން ދުވެފައި ދަނީ ސައީދުބޭގޭ ދޮށަށެވެ. ފިޒާން ދުށުމަށް ބޭނުންވެފައި ހުންނަވަރުންނެވެ.

ފިޒާން އެހެން ކުއްޖެއްގެ ކާރީގައި ހުއްޓާ ފެނިއްޖެނަމަ އަހަރެންގެ ހިތަށް އެވާ ތަދެއް ބުނަންވެސް ނޭނގެއެވެ. އަހަރެންގެ ހިތަށް އަރައެވެ. ޝަކިއްތަ ކިހާ ނަސީބުގަދަ ހެއްޔެވެ. އޭނާ އެ އުޅެނީ ފިޒާންއާ އެއް ގެއެއްގައެވެ. އަހަންނަށް އެ ނަސީބު ލިބޭނެ ނަމައެވެ.
ދުވާލު ގަޑީގައި ނުކުމެވުނަކަސް ސައީދުބެ އުޅޭއިރަކު އެމީހުންނަކަށް ބޭރަކަށް ނުނިކުމެވެއެވެ. އެކަމަކު އަހަރުމެން ކުދިން ކޮންމެވެސް ގޮތަކުން އެގެޔާ ހަމަޔަށް ގޮސްލަމެވެ.

އޭރު ކަރަންޓްގެ އަލިން ދިއްލާފައި އޮންނަނީ މަދު ގެއެކެވެ. ސައީދުބެގެއަކީ އެންމެ ކުރިން ކަރަންޓުލީ ގެއެވެ. އެގޭގެ ފެންޑާގައި ދިއްލާފައި އޮންނަ ފެހި ކުލައިގެ ހޮޅިބުރީގެ އަލި މުޅި އެހިސާބުގެ މަގުމައްޗަށް އެޅިފައި ހުރެއެވެ. އަދި އެގޭގެ ލަވަޖަހާ ސެޓުން އަޑު ބާރުކޮށް ހިތްގައިމު އިނގިރޭސި ލަވަ ޖަހަމުން ދެއެވެ. އަހަރެން އެމަގުން ދާއިރު ވަރަށް ގިނަފަހަރު ބޭރު ބަގީޗާ ތެރޭގައި ފިޒާންއާއި ޝަކިއްތައާއި ނަޒީރުބެއާއި ޒާހިރުބެ ތިބޭތަން ފެނެއެވެ. މިތަން ފެނުމުން އަހަރެންގެ ހިތަށް ނިކަން ތަދުވެއެވެ. އަހަރުމެންގެ ގެވެސް އެހާ ރީތި ނަމައެވެ. އެހެންނަމަ ފިޒާންވެސް ހުންނާނީ މި ގޭގައެވެ. މި ޚިޔާލުގައި މުޅި ރޭނގަޑު ނުނިދިފައި އޮންނަމެވެ.

އެއީ ވިއްސާރަ ދުވަހެކެވެ. އެއީ ފިޒާންވެސް ފުރަން އޮތް ދުވަހެވެ. އަހަރުމެން އެންމެ ފަހު ފަހަރަށް ކުޅެން ރަނޑޫގަނޑަށް ހިނގައްޖެއީމެވެ. އެދުވަހު ހުރިހާ ކުދިންވެސް ސަކަރާތްގަނެ ފަހައިގަނެ ދުވެ ހަދަމުން ދިޔައީ އެހެން ދުވަސްތަކަށް ވުރެން ބޮޑަށެވެ. ވާރެއާ ތެމިގެންނެވެ. މިހެން އުޅުމުގެ ތެރޭގައި ވިނަގަނޑުތެރޭގައި އޮތް ކިސަނޑު ވަޅެއްގެ ތެރެއަށް ރީނާ ގަނބައިގެންފިއެވެ. އަހަރެން ރީނާ ސަލާމަތް ކުރަން ދިޔަ ތަނާ އަހަރެންވެސް ގަނބައިގަތެވެ. އެވަގުތު ފިޒާންވެސް އަތުވެއްޖެއެވެ. އޭނާ އަހަރެންގެ އަތުގައި ހިފައި ދަމައިގަތެވެ. އަހަރެން ހުރީ ރީނާގެ އަތުގައި ހިފަހައްޓައިގެންނެވެ. އަހަރެންނަށް އެތަނުން އެރުނުތަނާ ފިޒާން ކައްސާލައިގެން އަހަރެންނާއެކު ވެއްޓިއްޖެއެވެ. އެވަގުތު އަހަރެންގެ މޫނު ތޫނު އެއްޗެއްގައި ޖެހުނު ކަން އެނގުނެވެ. އެކަމަކު އެހާ ބޮޑަށް ކެނޑުނު ކަން އެނގުނީ ރީނާ ރޮއިގަތީމައެވެ. ފިޒާން ވަގުތުން އޭނާގެ ކުޑަރުމާލުން އަހަރެންގެ މޫނުން ލޭ ފައިބާތަން ފުހެލިއެވެ. އެހެންނަމަވެސް ލޭ މަނާނުވެ ފައިބަމުން ދިޔައެވެ. ވާރޭގެ ތެރޭގައި އަހަރެންގެ ހެދުން ލެޔާއި ކިސަޑާއިއެކު ތަތްތެޅިފައި ހުއްޓެވެ. ފިޒާންވެސް ހުރީ އެފަދަ ހާލެއްގައެވެ.

އެދުވަހު ފިޒާން ފުރައިގެން ހިނގައްޖެއެވެ. އެހެންނަމަވެސް އޭނާގެ ޚިޔާލެއް އަހަރެންނާ ދުރަކަށް ނުދިޔައެވެ. އެލަކުނު ފެންނަ ކޮންމެ ފަހަރަކު އެހަނދާންތައް ތާޒާ ވެއެވެ. އަހަރެންގެ މޫނު ފޮހުނު ފިޒާންގެ ކުޑަ ރުމާ އަހަރެން ފޮރުވައިފީމެވެ. ރީނާއަށްވެސް ނުފެންނާނެ ތަނެއްގައެވެ. އޭނާއަށް ފޮރުވިފައިވާ އަހަރެންގެ ހަމަ އެކަނި އެއްޗަކީ އެއީ އެވެ.

އަހަރެންގެ އުމުރުން 15 ފުރުނުތަނާ ޒުވާނުންގެ ހުށަހެޅުންތައް އޮހެން ފަށައިފިއެވެ. ސިޓީތަކާއި ޅެން ބައިތުތައް ސްކޫލުގެ ޑެސްކު ދަށުންނާއި މަތިން، ސިއްރުންނާއި ފާޅުގައި އަންނަން ފަށައިފިއެވެ. އަދި ސްކޫލު ނޫނަސް ރަށުގެ އެކިއެކި ޒުވާން ފުރައިގެ ފިރިހެން ކުދިންގެ ހުށަހެޅުންތައް މެދުނުކެނޑި އަންނަމުން ދިޔައެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ.

ފިޒާން ދިޔަފަހުން އޭނާގެ ޚަބަރެއް އެންމެ ފަހަރަކު ލިބުނެވެ. އެއީ އޭނާ ކޯހެއްގައި ފުރި ޚަބަރެވެ. އެވާހަކަ ބުނީ ޝަކިއްތަ މާލޭން ރަށަށް އައި ފަހަރަކުއެވެ

ފިޒާންގެ ޚިޔާލުތައް އަހަރެންގެ ހިތުގައި މިހާވަރަށް ބިންވަޅު ނެގިފައި ހުރިކަމެއް އޭނައަކަށް ނޭނގޭނެއެވެ. މިކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އެހެންނަމަވެސް އެނޫން ނަމެއް އަހަރެންގެ ހިތަކު ނެތެވެ. އެކަން އަހަރެން ނޫން ހަމަ އެކަކަށް ވެސް ނޭނގޭނެއެވެ.

ފަސް އަހަރު ދުވަހަކީ ވަރަށް ގިނަ ދުވަހެކެވެ. އަހަރެންވެސް ސްކޫލު ނިންމާފައި ރަށުގެ އާދައިގެ ދިރިއުޅުމާ ކުރިމަތި ލައިފީމެވެ. ރަށުން ކިޔެވެން އޮތް ވަރަށް ކިޔެވިޔަކަސް އަންހެން ކުއްޖަކަށް ވަޒީފާއެއް ހޯދުމަކީ ދަތިކަމެކެވެ. ވަޒީފާތައް އޮންނަނީ ގަމުގައެވެ. އެއީ މުޅީންވެސް ފިރިހެނުންގެ މަސައްކަތެވެ. ހޮސްޕިޓަލަށްވެސް މަދުފަހަރަކު ނޫނީ އަންހެން ކުއްޖަކު ނުނަގައެވެ. އާދައިގެ މަތީން އަހަރެންވެސް ދެން ދާން އޮތީ ކާވެންޏަކާ ދިމާއަށެވެ.

ރީނާވެސް ވަނީ މިހާރު ފުރާވަރަށް އަރާފައެވެ. އޭނައަށް އަންނަ ހުށަހެޅުންތައްވެސް މިހާރު އެންމެ ތަންކޮޅެއްވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އޭނާ ބަލާނީ އަހަރެން ވާހަކަ ދައްކާ ކުއްޖެވެ. އޭނާ އޭގެ އަނެއް ދުވަހު އެކުއްޖަކު އަޅުވާލާނެއެވެ. މޮޅުކަމަކީ އެއްވެސް ކުއްޖަކަށް އޭނާ ޚާއްސަވެ ގިނަ ދުވަހަކު ނުހުންނާނެ ކަމެވެ.

އެއީ ހިތްގައިމު ހަވީރެކެވެ. އަހަރެން ދޮރާށި ދޮށަށް ނުކުމެ ހުރީމެވެ. ބައްޕަ ގަމުން އަންނަ ވަގުތަކަށް އިންތިޒާރު ކުރަން އަބަދުވެސް އަހަރެން ހުންނަމެވެ. މިއަދު ވަކީން ބޮޑަށް އަހަރެން ބައްޕަގެ އިންތިޒާރުގައި ހުރީމެވެ. އެއީ އަހަރެންގެ އުފަން ދުވަހަށް ބައްޕަ ހަދިޔާ ގެނަސް ދޭނެކަން އެނގޭތީއެވެ. އެހެންވެ އަހަރެން ހުރީ ވަރަށްވެސް ރީތި ވެލައިގެންނެވެ.

އެދުވަހު ބައްޕައާއެކު އަހަރެން ދެކެފަރިތަ މޫނެއްގެ ވެރިޔަކު އެމަގުން އަންނަތަން ފެނުނެވެ. އަދި އަހަރެން ނުދަންނަ ޒުވާނަކު ވެސް ހުއްޓެވެ. އަހަރެން އެމީހުންނަށް ބަލަން ހުރީމެވެ.

-ނުނިމޭ-