English Edition
Dhivehi Edition
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް - ފޮޓޯ: ފަޔާޒް މުސާ (ސަން)

ޓީވީ ޝޯއެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަތަކަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން، ތިން ވަޒީރެއްގެ ނަން ވިދާޅުވެ ނިހާދު ވިދާޅުވީ އެ ބޭފުޅުން ދިފާއު ކުރަންޖެހޭ އެއްވެސް ސަބަބެއް ކަމަށެވެ. އަދި މިނިސްޓަރު މަލީހާއި، މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން މިނިސްޓަރު އަމީންގެ މޫނަށް ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި މި ސަރުކާރު ހިންގުމަށް ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ނުލިބޭ ކަމަށް ނިހާދު ވިދާޅުވެފައެވެ. ތިން މިނިސްޓަރުންނަކީވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރުގައި ތިއްބަވާ ބޭފުޅުންނެވެ.

ނިހާދުގެ ވާހަކަތަކަށް ރައްދު ދެއްވަކުން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ވެރިކަން ހިންގަން ރައްޔިތުން ހަވާލުނުކުރާ ކަމަށާއި ރައްޔިތުންގެ ތާއީދު އެކަމަށް ނެތް ކަމަށެވެ. އަދި ހާލުގައި ޖެހި، ބުންވަރު ހުސްވެ ހަދާނެ ގޮތް ހުސްވި ދުވަހު އެހީތެރިވެދިން މީހުންނަށް ތެޔޮހަން ދޭނަމަ މަރިޔަބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މެމްބަރު ނިހާދު ޝޯގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހި ސަރުކާރު އުފެދިގެން އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެމްޑީޕީން އިތުބާރު ކުރީ އެ ކޯލިޝަނުންވެސް މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބޭނެ ކަމަށް ކަމަށެވެ. ނަމަވެސް މިވީހިސާބަށް ދިވެހި ސަރުކާރުން އިސްލާހުކުރުމަށްޓަކައި ފޮނުވާ އެއްވެސް ބިލަކަށް ނުވަތަ ޤާނޫނަކަށް ބޭނުންވާ އެއްވެސް އެހީތެރިކަމެއް ޖުމްހޫރީ ޕާޓިން ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް އެމްޑީޕީން ވަނީ ކޯލިޝަންގެ ބޭނުމެއް ނެތް ކަމަށާއި ވެރިކަން ކުރަން ބޭނުން ވަނީ އެ ޕާޓީން އެކަނި ކަމަށް ވިދާޅުވެފައެވެ.