English Edition
Dhivehi Edition
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ، އާއިޝާ އައްޔަން ކުރައްވައި އެކަމުގެ ފަތްކޮޅުއަރުވަނީ/ފޮޓޯރައީސްއޮފީސް

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ކުރިންވެސް އެމަޤާމު އަދާކުރައްވާފައިވާ ސ.ހިތަދޫ ބީޗްވިލާ ޢާއިޝަތު މުޙައްމަދު ދީދީ ޢައްޔަންކުރައްވަން ނިންމަވައިފި އެވެ.

15 ޖަނަވަރީ 2019 އިން ފެށިގެން މިއަދާއި ހަމައަށް އެކަމަނާ ހުންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމުގަ އެވެ.

ޖެންޑަރ މިނިސްޓަރުގެ މަޤާމަށް އައިޝާ ޢައްޔަންކުރައްވަން ނިންމެވީ އެ މަޤާމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފް، މިއަދު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައިވެސް ޖެންޑަރ މިނިސްޓަރުކަން ކުރެއްވި އައިޝާ އަކީ އިޖުތިމާޢީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި އެކަމަނާ ވަނީ އދ ގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޖަމިއްޔާ ކަމަށްވާ ޔުނިސެފްގައިވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޖެންޑަރ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާދެއްވާފައި މިވަނީ އެ މަޤާމުގައި ޝިދާތާ ހުންނަވަން ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިއްތިފާޤުން ނިންމާފައި ވަނިކޮށެވެ. އަދި އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ، އެކަމަނާ އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން ޔަޤީންކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާންގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީ އިހުމާލުވާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް މީކާއިލް ވަނީ އިއްޔެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު، އޭގެ ތެރެއިން ގިނަ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީގެ އިޙުމާލެއްވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތަކުގައި އެނގިހުރެވެސް ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންވެފައިވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ތިން ބަފައިން ވެގެން ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަޤާމުން އިސްތިއުފާ ދެއްވާ ވަގުތުން ފެށިގެން އިތުރު ޖިންސީ ގޯނާގެ މައްސަލައެއް ރާއްޖޭގައި ނުހިންގާނަމަ އިސްތިއާފާ ދޭން ހުންނެވީ ތައްޔާރަށް ކަމަށް ޝިދާތާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެގޮތުން އެ މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި ބޭއްވި އިހުތިޖާޖު އޮތް ސަރަޙައްދަށް ވަޑައިގެން ނޫސްވެރިންނާ ދެއްކެވި ވާހަކައިގައި ޝިދާތާ ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި، ކަމެއް ހިނގާ ވަގުތު އެކަމާ ގުޅިގެން ވާހަކަ ނުދެއްކުމަކީ އެ މައްސަލައަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެ ވަގުތުތަކުގައި ނޭޅުން ނޫން ކަމަށެވެ.