ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަން ދަސްކޮށްދިނުމަށް ޏ.ފުވައްމުލަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީން ޕޮރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ހަވާލުކޮށް ހިންގާ މި ޕްރޮގްރާމަކީ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕޮރޮގްރާމެކެވެ. މި ގޮތުން މިޕްރޮގުރާމުގައި ތިމާވެއްޓާއި ރައްޓެހި އަދި އެންމެ ރަނގަޅުގޮތުގައި ދަނޑުވެރިކަން ކުރެވިދާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. އަދި މިޕްރޮގުރާމުގައި ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދޭނެ ނުވަތަ އާމްދަނީ އިތުރު ކުރެވިދާނެ  ގޮތްތައްވެސް ކިޔަވާދެވޭނެއެވެ.

06 އޯގަސްޓް 2017 އިން 19 އޯގަސްޓް 2017 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުގައި 16 އަހަރު ފުރިފައިވާ ފުވައްމުލަކުގެ ކޮންމެ ރައްވެއްސަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސީސީއޭޕީ ގެ ޕްރޮޖެކްޓު އޮފީސް (ސިޓީ ކައުންސިލް އިދާރާ) އިން ދޫކުރާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 30 ޖުލައި 2017 ގެ 14:00 ގެ ކުރިން ސީސީއޭޕީ ގެ ޕްރޮޖެކްޓު އޮފީސް (ސިޓީ ކައުންސިލް އިދާރާ) އާއި ހަވާލު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށްގެން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅި ފާ ޗަސްބިން ބެލެހެއްޓުމުގެ (މެނޭޖްކުރުމުގެ) ބަޔަކާއި، ކުނި ނައްތާލުމާ ބެލެހެއްޓުމުގެ(މެނޭޖްކުރުމުގެ) ބަޔަކާއި އަދި ފަރުތަކައް އަންނަ ބަދަލުތައް ދިރާސާކުރުމުގެ ބައެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުޅި ފާ ޗަސްބިން ބެލެހެއްޓުމުގެ ތެރެއިން ކުރެވޭ މުހިންމު އެއްކަމަކީ މިފަދަ ތަންތަނުން އާމްދަނީ ލިބިދާނެ މަގުތައް އާންމުންނަށް ދައްކައިދީ އެކަންކަން ކުރުމަށް އާންމުން ތަމްރީނުކުރުމެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment