English Edition
Dhivehi Edition
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ޓާސްކްފޯސްގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ “ނޮވެލް ކޮރޯނާވައިރަސް” އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ޓާސްކްފޯހުގެ މެންބަރުންނާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ކަމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި އިރުޝާދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އިރުޝާދު ދެއްވައި މިކަމުގައި ހުރިހާ އިދާރާތަކުންގުޅިގެން މަސައްކަތްކުރުމަށްއެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މިއަދާއި ހަމައަށް ކޮރޯނާވައިރަހަށް 14،423 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މި ވައިރަހުގައި 304 މީހުން މަރުވެފައިވާއިރު 331 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ.

ދުނިޔޭގެ 20 އަށްވުރެ ގިނަ ޤައުމުން ކޮރޯނާވައިރަސް މިހާތަނަށް ވަނީ ފެނިފައިއެވެ. މިއަދާއި ހަމަޔަށް ކޮރޯނާ އަށް ޝައްކު ކުރެވޭ 19،544 މީހުން ވަނީ ފެނިފައި އެވެ. މި ވައިރަސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހަކަމާއި އެކު އަރާތީ ބަލި ޖެހިފައިވާ މީހުން އަދި ބައްޔަށް ޝައްކުކުރެވޭ މީހުންނަށް ފަރުވާދެމުން ދަނީ އެމީހުން އެކަހެރިކޮށް ބައިތިއްބައިގެންނެވެ.

ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެ މި ބަލީގައި މަރުވާމީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.