English Edition
Dhivehi Edition

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނިފައި ވާއިރު މި ވައިރަހަށް ޝައްކުވާ ފަރާތްތައް ކަރެންޓީން ކުރުމަށް ކ.އާރަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ކޮރޯނާ ވައިރަހަށް ޝައްކުވާ މީހުން ކަރަންޓީން ކުރުމަށް ކ.އާރަށް ހަމަޖައްސާފައިވާކަން އިއުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އާރަށް، ވައިރަހަށް ޝައްކުވާ މީހުން ކަރަންޓީން ކުރާ ތަނެއްގެ ގޮތުގައި ހަމަޖެއްސީ ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ޞާލިޙު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކ.އާރަށަކީ މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ މިހާރުވެސް އެކަމަށް ބޭނުންކުރެވޭ ގޮތަށް ހުރި ރަށެއް ކަމަށެވެ. ދުނިޔޭގެ 20 އަށްވުރެ ގިނަ ޤައުމުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު ރާއްޖެއިން ވަނީ މި ވައިރަހަށް ރައްކާތެރިވުމަށް ތައްޔާރީތަށް ވާން ފަށައިފައެވެ. އެގޮތުން މި ވައިރަހަށް ޝައްކުވާ ފަރާތްތައް ކަރަންޓީން ކުރުމަށް ކ.ފުނަދޫ އާއި ހުޅުމާލޭގެ ފޭސް 2 ގެ ސަރަހައްދެއްގެ ގޮތުގައި މިހާރު އޮތް ފަރުކޮޅު ފުށި ވެސް ވަނީ ހަމަޖައްސާފައި އެވެ.

ރާއްޖެއިން ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނިފައި އެވެ. އޭނާ ފުނަދޫގައި ކަރަންޓީން ކޮށްފައިވާއިރު އޭނާއަށް ވައިރަސް ޖެހިފައިވާތޯ ބެލުމަށް ޓެސްޓުތައް ހައްދައި އިންޑިޔާއަށް ވަނީ ފޮނުވައިފައެވެ. އޭގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.