އަހަރެންނަށް ހަރަކާތެއް ކުރަންވެސް ނޭނގުނެވެ. ބުނާނެ އެއްޗެއް ވެސް ހިތަކަށް ނައައެވެ. އަހަރެންނަށް ވަނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ. އެ ވަގުތު އެއްފަހަރާ އެތައް ކަމެއް ހިނގަމުން ދިޔައެވެ. ފަހަރަކު ކަމެއް ވަމުން ދިޔައެވެ. މިއީ އެކަތަފަދަ ޒުވާން އަތެއްގެ ދަށުގައި އަހަރެން ގައިދުވި ފުރަތަމަ ފަހަރުވެސް މެއެވެ.

އަހަރެން ދެކޮޅު ހެދީމެވެ. ތެޅިފޮޅުނީމެވެ. ހަޅޭއްލަވަން އުޅުނީމެވެ. އެހެންނަމަވެސް ރަގީބުގެ އަތުގެ ތެރޭގައި އަހަރެން ވަނީ ބަނދެވިފައެވެ.  އޭނާގެ ވަރުގަދަ ހަށިގަނޑާއެކު އޮޅި ލާމެހިފައެވެ.

އެވަގުތު އަހަރެންގެ ހިތުގެ ހިނގުންވަނީ ހަމައިންނައްޓާލާފައެވެ. ވިސްނުންވަނީ އޮޅުން ބޮޅުން ވެފައެވެ. ހިއްސުތަކުގައި ވަނީ ހުޅުރޯވެފައެވެ. އަހަރެން ވިސްނަން އުޅުނު ވަރަކަށް އަހަންނަށް ގޮތް ހުސްވަނީއެވެ. ސަލާމަތް ވާން އުޅުނުވަރަކަށް ބަނދެވެނީއެވެ. އަހަރެން ރަގީބު ގައިގައި ވަކި އެޅީމެވެ. ދަތް އެޅީމެވެ. އެކަންތަކުންވެސް އޭނައަށް ލިބެނީ އައު ހިތްވަރެވެ.

އެ ހިނގި ވަގުތެއްގައި އެވީ ގޮތެއް ބުނެދޭންވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ލިބުނީ ވޭނެއްކަމެއް އަރާމެއްކަމެއްވެސް ނޭނގުނެވެ. އުފަލެއްކަމެއް ހިތްދަތި ކަމެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންވަނީ ދާހިއްލާފައެވެ. ތެމިފޯވެފައެވެ. ވަރުބަލިވެފައެވެ. ހުސްވެފައެވެ.

އަހަރެންގެ ހިއްސުތަކުގެ މައްޗަށް ބާރުފޯރުވުމާއެކު  އަހަރެން އަވަހަށް ތެދުވީމެވެ. އޭރު ރަގީބު ހިނގައްޖެއެވެ.

އަހަރެން ގަޑިބަލައިލި އިރު އެކެއް ޖަހަނީއެވެ. މިހާ ގިނައިރު ވީކަމެއް އަހަރެންގެ ޚިޔާލަކަށް ވެސް ނާދެއެވެ. މިކަހަލަ ކަންތަކުގައި ވަގުތުގެ އިހްސާސް ގެއްލިދާނެކަމެއް އަހަރެންގެ ހިތަކަށް ނާރައެވެ. މިއީ އަހަރެންގެ ހަޔާތަށް އައި މިފަދަ ފުރަތަމަ ޒަލްޒަލާ ވީމައެވެ.

އަހަރެން ފެންވަރައިފީމެވެ. އެކަމަކު އަހަރެންގެ ނުސާފުކަމެއް ސާފުވީހެނެއް ހިޔެއް ނުވެއެވެ. ފެނަކުން އަހަރެންގެ ހަޑިކަމެއް ތާހިރެއް ނުވިއެވެ. އަހަރެންނަށް މި ކުރެވުނީ   ކިހާވަރެއްގެ ކަމެއްކަން އިހްސާސްވީ ދެނެވެ.

އަހަރެން ވިސްނަން އުޅެފީމެވެ. ހަދާނެ ގޮތަކާ މެދުގައެވެ. މިވާހަކަ ބުނެފިނަމަ ނިކަން ބޮޑު ހައިޖާނަކާ ކުރިމަތިވާނެއެވެ. އެތައް ބަޔަކަށް އެނގޭނެއެވެ. ނޫސްތަކަށް އަރާނެއެވެ. ތަހުގީގުތައް ހިނގާނެއެވެ. އަހަރެން މީ އުޅޭ މީހެއްކަން ދަންނަ ބަޔަކުވެސް ނޫޅެއެވެ. ބައްޕަމެންގެ ކަންފަތަށް މިވާހަކަ އަރައިފިނަމަ އެމީހުން އަހަންނާ މެދު ދެކޭނީ ކީކޭ ބާއެވެ. އެކަމަކު ފިރި މީހާގެ ގާތުގައި ބުނަން ޖެހޭނެއެވެ.

ފިރިމީހާ ހެއްޔެވެ؟ ލޯބި ނުވާ ފިރިއެއްގެ ރުހުން ހޯދަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެން ކިތަންމެ ވަރަކަށް އުޅުނަސް ދެންމެއަކު މި ހިނގި ކަންތައް އޭނާއާއެކު އެގޮތަކަށް ނުހިންގޭނެ ކަން ކަށަވަރެވެ. އަހަރެންނަށް އެކަންތަކުގައި ވަނީ ހަމަ ރަނގަޅަށް ވެސް ބައިވެރިވެވިފައިކަން ވިސްނުނެވެ. އިޚްތިޔާރަކާ ނުލާ ނަމަވެހެވެ. އަދި އިޚްތިޔާރާ އެކުވެސް މެއެވެ. އަހަރެންގެ ކުށްވެރި ކަމުގެ އިހްސާސްވާން ފެށީ އަހަންނަށް ވެސް ކުރެވުނު ބައެއް ކަންތަކުގެ މަތީން ހަނދާން ވުމުންނެވެ.   މިއަދު އަހަރެންނަކީ ހަމަ އެކަނި ކަށިނެތް މަލެއް އެކަންޏެއް ނޫނެވެ. އަހަރެންނަކީ ޗިސްވެފައިވާ އަގުގެއްލިފައިވާ މަލެއްވެސް މެއެވެ.

މި އޮޅުންބޮޅުން ޚިޔާލުތަކުގައި އަހަރެން އެގޮތް މިގޮތަށް އެ ދުވަސް ހޭދަ ކުރީމެވެ. މައިފުނަ ގެޔަކަށް ވެސް ނުދަމެވެ. މީހަކާ ހަތަރުކަޅި ހަމަ ކުރަންވެސް ނުކެރުނެވެ.

އެއީ ދިގު ދުވަހެކެވެ. އަދުނާނު އައީވެސް އެރޭ ވަރަށް ލަސްވީ ފަހުންނެވެ. އޭނާ އައި އިރެއް ވެސް ނޭނގެއެވެ. އަހަރެން އެނދުގައި ޖެހުނުތަނާ ނިދިއްޖެއެވެ. މިހާތަނަށް ނުނިދޭހާ ގަދަޔަށެވެ.

އަހަންނަށް ހޭލެވުނީ އޭގެ އަނެއް ދުވަހު އިރުއަރައި އެތައް ދަމެއް ހިނގިފަހުންވެސް މެއެވެ.

އެރޭ އަދުނާނާ ދިމާ ނުވީ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ.   ހެނދު ރަނގަޅަށް ބަލައިލިއިރު އަހަރެންގެ އެތައް މިތަނުގައި ރަތްވެ ނޫފައިގެންފައި ހުރިހެން ހީވާ އެތައް ތަނެއް ހުއްޓެވެ. އަހަރެން ބިރުގަތެވެ. ގޮތް ހުސްވިއެވެ. ކަންބޮޑުވީ މިކަމަކާއެއް ނޫނެވެ. މިތަންތަން ފޮރުވިދާނެއެވެ. އަދުނާނު އެހާ ވަރަކަށް ނުވެސް ބަލާނެއެވެ.  އަހަރެން ކަންބޮޑުވީ އަހަރެންގެ އެތެރެހަށީގައި މި އަނދަމުންދާ އަލިފާނެއްގެ ބޮޑުކަމުންނެވެ. އަހަރެންގެ ހިއްސުތަކުގައި ހިނގަންފެށި ތޫފާނަކާ ހެދިއެވެ.

އެވަގުތު އަހަރެން ރަގީބުދެކެ ވަރަށް ނުރުހިއްޖެއެވެ. އޭނާއަށް ފެންނަ ހިސާބެއްގައި އުޅޭކަށް ވެސް ހިތެއް ނޭދުނެވެ.  އެކަމަކު އޭނާއަށް އަހަރެން ނުފެންނަ ކަމަކަށް ވެސް ދެނެއް ނުވާނެއެވެ. މިހާތަނަށް އެކަކަށް ވެސް ނުވަދެވޭ ހިސާބުފުނަށް އޭނާ ވަނީ  ވަދެފައެވެ.    އަހަރެން ގުޅަވެ ޗިސްޗިސްވީ އޭނާގެ ބާރުގަދަ އަތު ތެރޭގައެވެ. މިކަންތަކެއް ދުވަހަކުވެސް އަހަރެންގެ ހަނދާނަކުން ނުފިލާނެއެވެ. އަދި އޭނާއަކަށް ވެސް އެކަމެއް ހަނދާނެއް ނުނެތޭނެއެވެ.  އަހަރެން ވަކިއެޅިތަނުން އޭނާގެ ރަތުލޮއިގެ ބުރަކަށި ޒަޚަމު ވާނެއެވެ. އަހަރެން ދަތް އެޅިތަން އޭނާގެ މުލައްދަނޑީގައި ކަނޑާނެގިފައި ވާނެއެވެ. އެކަމަކު އޭނާއަށް އެކަމުން ލިބޭނީ އުފަލެއްކަން އަހަންނަށް އެނގެއެވެ. އޭނާ ދެކޭނީ  އޭނާއަށް އަހަރެންގެ ފަރާތުން ދޫކޮށްލެވުނު ހަނދާން ތަކެއް ކަމުގައެވެ.

މި ޚިޔާލުތައް އައުމުން އަހަރެންގެ ހިތް ތެޅިފޮޅެން ފަށައިފިއެވެ. އެތެރެހަށީގައި ގިނި އަނދައިގަތެވެ. ނޭވާލުން އަވަސްވެގަތެވެ. މިއީ އަހަރެންގެ ހިއްސުތަކުގައި މީގެ ކުރީގައި ރޯވިފަދަ އަލިފާނެއް ނޫނެވެ.  ރަގީބު އެވަގުތު  އަންނާނެ ނަމައޭ ހިތަށް އެރިއެވެ. ދެން އަހަރެން ކަންބޮޑުވިއެވެ.  އެހެންވެ އަހަރެން އަވަހަށް ދުވެފައިގޮސް  ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ.

އެރޭ އަދުނާނު އައުމުން އަހަރެން ވާހަކައެއް ބުނަން ބޭނުން ކަމަށް ބުނީމެވެ.  އަހަރެން ބުނަން ފެށީމެވެ.

” ރަގީބު ” އަހަރެން އަޅައިގަންނަން ފެށިއެވެ. ” އަހަރެން. އަހަރެން. ރަގީބު ، އަހަރެން….. ”

އަދުނާނު ވަރަށް ސަމާލުވެ ބަލަން އިނެވެ. “ބުނެ ބަލަ. ރަގީބު، ކީކޭ؟” އޭނާ އަހައިލިއެވެ.

“އަހަރެން ސެންޑްވިޗް ހަދަން ހުއްޓާ އޭނާ އައިސް….   ”

އަދުނާނު ހީނގަތެވެ. “އޭނާ އައިސް ކަލޭ އުރާލައިގެން ގެންދިޔައީ ދޯ؟!”

އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެން އާނއެކޭ ބުންޏަސް އެކަން އޭނައަށް ވާނީ މަޖަލަކަށެވެ. އަނެއްކާ އޭނައަށް އެނގުނީ ބާއެވެ.

“އަޅާ ނުލާ.” އޭނާ ގޮސް ކޮމްޕިއުޓަރު ހުޅުވައިލިއެވެ. “އޭނާ ކޮންމެހެން ސައިބޯކަށް ވެސް ބޭނުމެއް ނުވާނެ. އޭނާ ބުނިކަމެއް ކަލެއަށް ކޮށްދެވެން އޮތިއްޔާ ކޮށްދިނީމާ އެ ނިމުނީ.”

އަދުނާނު ރަގީބާ ބެހޭ ޝަކުވާއެއް އަޑެއް ނައަހާނެކަން އަހަންނަށް އެނގެއެވެ. ކަންތައްވީގޮތަށް ކިޔައިދިނަސް  ވާނެ ފައިދާއެއް ނެތެވެ. އެހެންނެކޭ ކިޔާފައި އަދުނާނު އަހަރެން ވަރިއެއް ވެސް ނުކުރާނެއެވެ. ބޮޑުވަރަކަށް ވިއްޔާ ރަގީބުއާ އަދުނާނު ރުޅިވާނީއެވެ. އެކަމަކު ރަގީބު އެ ކޮޓަރިން ބޭރެއް ވެސް ނުކުރެވޭނެއެވެ.

ކުރާނެ ކަމެއް ނެތެވެ. މިކަންތައް ދެން ހަނދާން ނައްތާލަންވީއެވެ. އެނޫން ގޮތެއް ނެތެވެ.  މިކަމުން ވާނެހައި ގެއްލުމެއްވެސް ވެ ނިމިއްޖެއެވެ. އަލުން މިކަން ތަކުރާރު ނުވެ ވާނެ ގޮތެއް ހޯދުން ނޫން ގޮތެއް ނެތެވެ.

ދުވަސްތައް އާދައިގެ ގޮތުގައި ހޭދަވަމުން ދިޔައެވެ. ރަގީބު ގޭގައި އުޅޭކަން އެނގިއްޖެނަމަ އަހަރެން އަވަހަށް މައިފުނަގެޔަށް ދަނީއެވެ. އެހެން އުޅެލާފައި ގެޔަށް އަންނަނީ ރަގީބު ނޫޅޭކަން ޔަގީންވާ ގަޑިގަޑީގައެވެ.

އެއީ ހުކުރުވިލޭރެއެކެވެ. އަހަރެން ހުރީ އަދުނާނަށް ސައިހަދާށެވެ. އޭނާ  ފެންވަރައިގެން ނުކުމެ ވަނީ  ރަގީބުގެ ކޮޓަރިއަށެވެ. އެއީ އާދައިގެ ކަމެކެވެ. އަހަރެން އެކަމަކާ ވިސްނައެއް ނުލަމެވެ.

އޭރު އަހަރެން ހެދި ސައިތަށި ހިހޫވަނީއެވެ. އަދުނާނެއް ނުނުކުތެވެ. މިރޭގެ ދެ ދަން ހޭދަވާނީ މިގޮތުގައެވެ.  އަހަރެން ނިދަން ވަދެއްޖެއީމެވެ.

އޭރު ލެޕްޓޮޕް ހުރީ ނިވާނުލައެވެ.  އަދުނާނު ލޮގިންވެފައި ހުރިގޮތަށެވެ. އޭނާ ކޮންމެ ރެއަކު މި ބަލަނީ ކޮން އެއްޗެއްތޯ އަހަރެން ބަލައިލަން ހިތަށް  އެރީ ކީއްވެކަމެއް ނޭނގުނެވެ. އަހަރެން އޭނގެ ހިސްޓްރީ ޕޭޖް ހުޅުވައިފީމެވެ.

އަހަންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އަދުނާނު އެކަހަލަ އެއްޗެއް ބަލައިފާނެ ހެއްޔެވެ؟ އަމުދުން އެއީ ފިރިހެނުންގެ ސައިޓެކެވެ. އެއަކީ އަދުނާނާ ގުޅޭ ކަހަލަ ކަމެއް ހެނެއް ވެސް ހިޔެއް ނުވިއެވެ. އަހަރެން ދެންވެސް ހިސްޓްރީގައި ހުރި އެހެން ސައިޓު ތައް ބަލައިފީމެވެ. އަހަރެން އަންތަރީސް ވިއެވެ. ހައްތާވެސް އެކަހަލަ ސައިޓުތަކެވެ.

އަހަރެންގެ ހިތުގައި ހީވީ ކަނު އަނދިރީގެ ތެރޭގައި ބައްތިއެއް ދިއްލުނު ހެންނެވެ.   އަދުނާނު ކުރެން މިއީ ކޮންކަމެއްތޯ އަހަން ހިތަށް އެރިއެވެ. އަހަރެން އަވަހަށް ތެދުވެގެން ގޮސް ރަގީބުގެ ކޮޓަރީގައި ޓަކިޖަހައިފީމެވެ. ޚަބަރެއް ވެސް ނުވިއެވެ. ދޮރުގައި ހިފައިފީމެވެ. އޭރު ދޮރު ހުރީ ތަޅުލައިފައެވެ.

މިއީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް ޝައްކާއި ވަހުމު ވަދެގެންފިއެވެ. ކޮމްޕިއުޓަރުން ފެނުނު ސައިޓްތަކާއި މިކަމާ ގުޅުވައިލެވިއްޖެ އެވެ. އަހަރެން ދޮރުގައި ޖަހައިފީމެވެ. ދޮރުގައި ތަޅައިގަތީމެވެ.

އިރުކޮޅެއްގެ ފަހުން ދޮރުހުޅުވާފައި ރަގީބު ބޯ ދިއްކޮށްލި އެވެ. ދެން އަދުނާނު ނުކުމެއްޖެ އެވެ.  އޭރު އޭނާގެ މޫނުމަތިން ހާސްވެފައިވާ ކަމުގެ ކުލަތައް ފެންނަން ހުއްޓެވެ.

“ކިހިނެއްވީ ޒިލްނާ.” އޭނާގެ އަޑު ތުރުތުރު އަޅައެވެ.

“ކިހިނެއްވީއޭތަ؟” އަހަރެންނަށް މިހާރު ޔަގީން ވެއްޖެއެވެ. “ތީ ދޯ ތި އުޅޭ ގޮތަކީ.” އަހަރެން ރުޅިއައިސްފައި ބުނީމެވެ. ” ތިޔަހެން އުޅެންޏާ މީހަކާ އިނދެގެން އުޅޭނެ ކަމެއް ނެތެއްނު.”

އަހަރެން އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތީމެވެ.

އަދުނާނު އައިސް އެތައް ވާހަކައެއް ދައްކައި އަހަރެން ހަމަޔަކަށް އެޅުވޭތޯ އުޅުނެވެ. އަހަރެން އެ އަޑެއް ނާހަމެވެ. އަހަރެންނަށް ހުރިހާކަމެއް އެނގިއްޖެއެވެ. ކައިގެން އަނގަ ނުދޮވެ ކޭވަސް އަނގައިން ދުވާއިރުވެސް  މިކަހަލަ މީހުން ކެއިކަމަކަށް އެއްބަހެއް ނުވާނެއެވެ.

އަނެއް ދުވަހު އަހަރެން ގެޔަށް ހިނގައްޖެއީމެވެ. ގޮސް ގޭމީހުންނަށް މިވާހަކަ ކިޔައިދީފީމެވެ.

“މީހަކު ހުންނަ ގޮތަކުން ނޭނގޭނެ.” ބައްޕަ ބުނުއްވިއެވެ. “ތިޔަ ގޯސް ހެދުނީ ބައްޕަމެންނަށް. ދަރިފުޅަށް ކަމުދާ މީހަކާ ކާވެނި ކުރުވުނު ނަމަ މިހެން ނުވީސް. ”

އަހަރެންގެ އެދުމުގެ މަތީން މާބޮޑު ބަހަނާއެއް ނެތި އަދުނާނު އަހަރެން ވަރިކޮށް ދީފިއެވެ. އަަހަރެންވެސް އާދައިގެ ގޮތުގައި އުޅެން ފަށައިފީމެވެ.

މާ ގިނަ ދުވަހެއް ނުވެ އަހަރެންނަށް ރިފާޝް ބައްދަލު ވެއްޖެއެވެ. އެއީ އަރަބިއްޔާއިން ވަކިވިފަހުން އަހަންނަށް ރިފާޝް ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ. އޭނާ އަހަންނަށް އިންތިޒާރު ކުރާވާހަކަ ބުނުމުން ވީ އުފަލެއް ބުންނަންވެސް ނޭނގުނެވެ.

އަހަރެންގެ ހަޔާތުގެ ގުލްޝަނުގައި އަލުން މާގަސްތައް ހެދި އާރޯވެއްޖެއެވެ.  ގުޅިފައިވާ ދެހިތަކާއި ދެ ހަށިގަނޑު ގުޅުމުން މާޒީވެ ދިޔަ ކަށިގަސްތަކުން އަލުން ތާޒާ މާތައް ފޮޅެން ފަށައިފިއެވެ. ފިނިފެންމާ ތަކެވެ. ކަށިތަކާއެކުގަ އެވެ.

ނިމުނީ

 

 

 

 

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment