English Edition
Dhivehi Edition

ނުރައްކާތެރި ކޮރޯނާ ވައިރަހުގައި ޗައިނާގެ އެތައް ފުރާނައެއް ނެތި އެޤައުމު ގެ ރައްޔިތުންގެ ސިއްޙީ ޙާލަތު ހީނުކުރާހާ ދަށަށް ގޮސްފައިވަނިކޮށް އެޤައުމުގައި ދޫނި ރޯގާ ފެތުރެން ފަށައިފިއެވެ.

އެޗް5 އެން1 ޖެހިގެން ޗައިނާގެހުނާން ޕްރޮވިންސްގެ ޝޯޔަންގްސިޓީ އިން ވަނީ 4500 ދޫނި މިއަދު މަރުވެފައެވެ.

259 އަކަށް ވުރެ ގިނަ މީހުން މަރުވެ 12000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިގެން ފަރުވާ ކުރަމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަހުން ސަލާމަތްވުމުގައިވެސް ފެއިލް ވެފައި ވަނިކޮށް ދޫނި ރޯގާ ފެތުރުން ވެގެންދާނީ އެޤައުމުގެ ޙާލަތު އިހުނަށް ވުރެ ބޮޑު ވެގެންދާނެ ކަމަކަށެވެ. މިއަދުގެ ވަގުތެއްގައި ބެއިޖިންގެ ދަނޑުވެރިކަމާގުޅޭ މިނިސްޓްރީ އިން ވަނީ ދޫނިރޯގާ ފެނުމާ ގުޅިގެން 17828 ކުކުޅު އެއަވަށުން ނައްތާލާފައެވެ. ބަލި ފެނިފައިވާ ކުކުޅު ފާމުންވެސް 7850 ކުކުޅު ނައްތާލުމަށްފަހު އެތަން ރައްކާތެރި މިންވަރަށް ސާފުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްޢިއްޔާ ޑަބްލިއު އެޗްއޯއިން ހާމަކުރާ ގޮތުގައި އިންފްލުއެންޒާ ގެ ވައްތަރެއްކަމަށްވާ އެޗް5އެން1 އަކީ އިންސާނުންގެ ގައިން މަދުންނޫނީ ފެންނަ ބާވަތުގެ ރޯގާއެއްނޫނެވެ. ދޫންޏަށް ޖެހޭ މިބަލި އިންސާނުންގެ ގަޔަށް ވާސިލްވުމަށް ފަހު އެހެންމީހަކަށް މިބަލި ފެތުރުމަކީ ވެސް މަދުން ވާ ކަމެކެވެ.

މީހުންގެ ގަޔަށް މިބަލި އަރާ ހަމައެކަނި ގޮތަކީ ބަލިހުރި މަހާއި ބިސް ކެއުމުންނާއި ބަލިޖެހިފައިވާ ދޫނީގެ މާޙައުލަކުންނެވެ.

ޑަބްލިއުއެޗްއޯއިން ހާމަކުރާގޮތުގައި ރަނގަޅަށް ރޯފިލުވައިގެން ކައްކާފައި ހުންނަ މަހާއި ބިހުންވެސް މިބަލި ނައަރާނެއެވެ. އެހެންކަމުން އެއްވެސް ބާވަތެއްގެ އެއްގަމު މަހެއް ކެއުމުގައި އެންމެ ރަނގަޅު ގޮތަކީ ރަނގަޅަށް ރޯފިލުވައިގެން ކެއުމެވެ.

ޝޯޔަން އަކީ ކޮރޯނާ ވައިރަސް ފެތުރިފައިވާ ވޫހާން ސިޓީއާއި 350 މޭލު ދުރުގައި އޮންނަ އަވަށެކެވެ.