ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އެކުންފުންޏަކީ އިންޑިއާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލްވެސް ހިންގާ ކުންފުންޏެވެ. އެތަނާ ހަވާލުކުރުމުން 150 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް ބަދަލުކުރާނެއެވެ. އަދި ސްޕަރ ސްޕެޝަލިޓީ ފެންވަރުގެ ޚިދުމަތްތައް އެތަނުން ދޭން ފަށާނެއެވެ.

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެ ހޮސްޕިޓަލް ހަވާލު ކުރުމަށް ކުޅުދުށްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ ހޮސްޕިޓަލް ހިންގުން ނޫރުލް އިސްލާމް ކުންފުންޏާ ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަކީ ރައީސް ޔާމީންގެ ވަޢުދެކެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ ހެލްތު ދާއިރާގެ ޚިދުމަތް ރަނގަޅުކޮށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދެއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ތާރީޚީ ދުވަހެއް ކަމަށެވެ. “އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ރައީސް ޔާމިން ކުރައްވަމުން ދާ މަސައްކަތުގައި ވަރަށް މުހިއްމު ފިޔަވަޅެއް އެޅިގެން ދިޔަ ދުވަހެއް މިއީ،” މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަތޮޅެއްގައި ފުރަތަމަ ގާއިމްކުރެވޭ ޓަރޝަރީ ހޮސްޕިޓަލް ކުޅުދުށްފުށީގައި ގާއިމްވުމަކީ އުތުރުގެ ރަށްރަށުގެ ރައްޔިތުންނަށްވެސް ލިބޭ އުފަލެއް ކަމަށެވެ.

VN:F [1.9.22_1171]
Rating: 3.0/10 (1 vote cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)
ކުޅުދުށްފުށީ ހޮސްޕިޓަލް ހިންގުން ނިމްސަށް, 3.0 out of 10 based on 1 rating

Comment