އައްޑޫވިމެންސް އެސޯސިއޭޝަނުން އިސްނަގައިގެން އައްޑޫގެ ސްކޫލްތަކުގެ ޓީޗަރުންނަށް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގަން ފަށައިފިއެވެ.

“އޭން އިފެކްޓިވް ޓީޗަރ” ގެ ނަމުގައި ހިންގާ މި ޕްރޮގްރާމަކީ އައްޑޫގެ ސްކޫލްތަކުގެ މުދައްރިސުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ހުނަރު ދަސްކޮށް ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އަވައިން ބުނެއެވެ.

އަވައިގެ ނައިބް ރައީސާ ޖުވައިރިއްޔާ ވަޖުދީ ވިދާޅުވީ މި ޕްރޮގްރާމަކީ މުޅިން ހިލޭ ސާބަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވަވާ ބޭފުޅުން ވެސް މި މަސައްކަތް ކުރައްވަނީ ހިލޭސާބަހަށް ކަމަށެވެ.

ކެންގަރޫ ސްކޫލާއި އައްޑޫހައިސްކޫލުން މި ފަހަރުގެ ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު މިއީ ޖުލައި މަހުގެ  9 އަކުން ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކަމަށް ޖުވޭ ވިދާޅުވިއެވެ.

“މިއީ އަވައިގެ ރައީސާ ޑރ. މަރިޔަމް ޝަކީލާގެ އިސްނެންގެވުމުގެ މަތިން އައްޑޫގެ ސްކޫލްތަކުގެ މުދައްރިސުންނަށް ޚާއްޞަ ކޮށްގެން ހިންގާ ޕްރޮގްރާމެއް. މިފަދަ އިތުރު ޕްރޮގްރާމުތައް ކުރިއަށް އޮތް ތަނުގައިވެސް އައްޑޫގައި ހިންގުމަށް އަވައިން މަސައްކަތް ކުރާނެ”  ޖުވޭ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ ފްރީލާންސް ޕްލޭނިންގ ކޮންސަލްޓެންޓް ޑރ ހައިދަރު އަޙްމަދު އާއި ލިޓްރަސީ ކޯޑިނޭޓަރ މަރިޔަމް ތައުފީގެވެ. މަރިޔަމް ތައުފީގަކީ ލަންޑަނުގެ ޔޫކޭގެ އިންޓަނޭޝަނަލް ކޮމިޔުނިޓީ ސްކޫލްގައި މަސައްކަތް ކުރައްވަވާ ބޭފުޅެކެވެ.

ކެންގަރޫ ސްކޫލުގައި މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ފަށާފައިވާއިރު މިރޭ އައްޑޫހައިސްކޫލުގައި ވެސް ސެޝަންތައް ފަށާނެ ކަމަށް ޖުވޭ ވިދާޅުވިއެވެ.

ޑރ މަރިޔަމް ޝަކީލާގެ ސީދާ ބެއްލެވުމުގެ ދަށުން އައްޑޫ ވިމެންސް އެސޯސިއޭޝަނުން މިފަދަ ގިނަ ޕްރޮގްރާމުތައް މީގެ ކުރިންވެސް އައްޑޫގައި ހިންގާފައިވެއެވެ. މީގެ އިތުރުން އަންހެން ކަނބަލުން ބާރުވެރިކުރުމާއި އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ކަނބަލުން ހެދުމަށް އަވައިން އިސްނަގައިގެން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

VN:F [1.9.22_1171]
Rating: 9.5/10 (2 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)
އަވައިން އައްޑޫގެ ސްކޫލްތަކުގެ ޓީޗަރުންނަށް ޑިވެލޮޕްމަންޓް ޕްރޮގްރާމު ހިންގަނީ, 9.5 out of 10 based on 2 ratings

Comment