ކަރަންޓްގެ އަގަށް ގެނައި ހެޔޮ ބަދަލާއެކު ކަރަންޓް ބޭނުންކުރާ ޑޮމެސްޓިކް ކެޓަގަރީން ނުވަ ޕަސެންޓް ސޭވިންއެއް ބިލަށް އައުމުން އާއްމު ރައްޔިތުން އަތޮޅު ތެރޭގައި ކުރާ ވިޔަފާރި އަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ އާއްމު ފަރާތްތަކުގެ ވިޔަފާރިތަކުގެ ކަރަންޓު ބިލުން ވެސް ފަސް ޕަސެންޓާއި އަށް ޕަސެންޓާ ދޭތެރޭ މިންވަރަކަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ޚާއްސަ ވިޔަފާރިތައް ކަމަށްވާ މުވާސަލާތީ ޚިދުމަތްދޭ ދިރާގާއި އުރީދޫ ފަދަ ކުންފުނިތަކުގެ ކަރަންޓު ބިލް ވެސް އެ މިންވަރަށް ކުޑަވެގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން 28 ޕަސެންޓް ތަންތަނުން 100 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ އަދަދަކަށް ބޭނުންކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ފިއުލް ސާޗާޖަށް ގެނައި ބަދަލާ ގުޅިގެން 32،000 ތަންތަނުން މަހަކު 400،000ރ. އުނިވެގެންދެ އެވެ. ސަރުކާރުގެ އިދާރާތަކުގެ ތެރެއިން 50 ޕަސެންޓް ތަންތަނުން އެ މިންވަރަށް ކަރަންޓު ބޭނުންކުރާ ކަމަށް ދައްކަ އެވެ. ސަރުކާރަށް ވެސް މަހަކު ގާތްގަނޑަކަށް 200،000ރ. ކުޑަވެގެންދެ އެވެ. އަދި އެ ބަދަލާއެކު ޚާއްސަ ވިޔަފާރިތަކަށް ވެސް މަހަކު 97،000ރ. ކުޑަވެގެންދާނެ ކަމަށް ފެނަކަ އިން ބުންޏެވެ. އޭގެ އިތުރުން ޑޮމެސްޓިކް ކެޓަގަރީގެ ތެރޭގައި ހިމެނޭ 400 ޔުނިޓުން ފެށިގެން މަތީ ކަރަންޓް ބޭނުންކުރާ 9،000 ތަންތަން ހުރި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން އެތަންތަނުން ވެސް ކަރަންޓަށް ކުރާ ޚަރަދުން މަހަކު 710،000ރ. ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ކަރަންޓުގެ އަގު ހެޔޮކޮށްފައިމިވަނީ ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އައި ފިއުލް ސާޗާޖު އުނިކުރުމާއެކުގައެވެ.

ސަރުކާރުން ކަނޑައަޅާފައި ވަނީ ކަރަންޓު އުފައްދާ ކުންފުނިތަކަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ ބޮޑުވާ ނަމަ ކޮންމެ 10 ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމަށެވެ. ޑީސަލް އިން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް މިދިޔަ މަހު ކުޑަކުރުމުން އެސްޓީއޯ އިން މިވަގުތު ޑީސަލް ލީޓަރެއް ވިއްކަނީ 7.94ރ. އަށެވެ.

މި ބަދަލާއެކު ފެނަކައިން ބުނެފައިވަނީ އެންމެ ފަހުން ތައްޔާރުކުރި ބިލްތަކަށް ބަލާއިރު ޔުނިޓަކުން 38 ލާރި ހެޔޮވާނެ ކަމަށެވެ. އަދި ފިއުލް ސާޗާޖު އުނިކުރުމުން އެއް ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް 17 ޕަސެންޓް ހެޔޮވެގެންދާނެ އެވެ. އޭގެ އިތުރުން 100 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމައަށް ބޭނުންކުރާ ފަރާތްތަކަށް 15 ޕަސެންޓް ހެޔޮވާނެ ކަމަށް ވެސް ފެނަކަ އިން ލަފާކުރެ އެވެ.

 

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment