ލިޔުނީ: ފޭދޫ ސްކޫލް ދަރިވަރުން/

ކޮންމެ ބައެއްގެވެސް ތާރީހަކީ އެބައެއްގެ ފަސްމަގު، ތާރީހަކީ ކުރިމަގު ބަލާލޯގަނޑެވެ.  މީހާގެ އަމިއްލަވަންތަކަން ދައްކައިދޭ މައިގަނޑު އެއް ބަހާއެވެ.  ތާރީޚެއް ނުވާނަމަ މީހާއަށް އޭނަގެ އަސްލު އަދި ނަސްލު  ދެނގަތުމަށް އުދަނގޫވާނެއެވެ. އެހެންކަމުން ތާރީހު ރައްކާތެރިކޮށް އަންނަން އޮތް ޖީލަށް ވާސިލުކޮށް ދިނުމަކީ ކޮންމެ ފަރުދަކުވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާ އެކެވެ. އަޅުގަނޑުމެންގެ އަސްލު ދެނެގަތުމަށްޓަކައެވެ. އަމިއްލަވަންތަކަމާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައެވެ. އަދި އަޅުގަނޑުމެންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައެވެ.

ބ. ކުޑަރިކިއްޔަށް އުފަން  އިބްރާހިމް އަބޫބަކުރު ފުޅަކީ ތާރީހަށް ލޯބިކުރައްވާ ދިވެހި ތާރީހު އަންނަން އޮތް ޖީލަށް ދެމެހެއްޓުމަށް ވަރަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އިބްރާހިމްފުޅު ދާރުލް އާސާރަކީ ދިވެހި ރާއްޖޭގެ ތާރީހުގެ މައި ތަޅުދަނޑިއޭ ނުވަތަ މައި ދޮރާއްޓޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަބަބަކީ، މި ދާރުލް އާސާރަކީ ދިވެހި ތާރީހު ދައްކައިދޭ  ވަރަށް ގިނަ ތަކެތި ރައްކާ ކުރެވިފައިވާ ތަނަކަށްވާތީއެވެ.

އަޅުގަނޑުމެން ބީޓެކް އަދި މީޑިއާ ގުރޫޕަށް އިބްރާހިމްފުޅުގެ ދާރުލް އާސާރު ހަމަ ލޮލުން ބަލާލުމުގެ ފުރަތަސު ލިބުނެވެ. ދާރުލް އާސާރަށް ވަނުމާއި އެކީ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އިބްރާހިމްފުޅުގެ ހުނަރުން ފުރިގެން ވާ މަސައްކަތްތަކާއި ދިވެހި ތާރީހު ދައްކައިދޭ ތަފާތު  ތަރިކަތެކެވެ. އެ ދާރުލް އާސާރުގެ ކޮންމެ ދިމާލަކަށް ބަލައިލުމުންވެސް ފެންނަނީ ދިވެހި ތާރީހުގެ ކުލަގަދަ ސަފްހާތަކެވެ. މި ދާރުލް އާސާރު ވުޖޫދަށް ގެނެސްދެއްވާ އެތަނަށް މި ކުލަގަދަ ތާރީހް އަޅުގަނޑުމެންގެ ހަމަލޮލަށް ފެންނަ ގޮތައް ހައްދަވާ އަޅުގަނޑުމެންގެ ޖީލަށް މިތަޖުރިބާ ކުރަން ފުރުސަތު ހޯއްދަވައި ދެއްވުމަކީ އަޅުގަނޑުމެން  ކޮންމެ ދަރިވަރަކުވެސް އިބްރާހިމް އަބޫބަކުރުފުޅަށް ޝުކުރުވެރިވުން ހައްގުވުން ކަމެކެވެ.

އިބްރާހިމްފުޅު ދާރުލް އާސާރުގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރު ވެފައިވާ އިބްރާހިމް އަބޫބަކުރުފުޅުގެ ދާރުލް އާސާރަކީ ރަޖިސްކޮށްގެން ރާއްޖޭގައި ރަށެއްގައި  ހުރި ހަމަ އެކަނި ދާރުލް އާސާރެވެ. އެފަދަ ދެވަނައެއްނުވާ ދާރުލް އާސާރެކެވެ. މިދާރުލް އާސާރުން ތަފާތު  އުފެއްދުންތައް އެއް ތަނަކުން ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ. މިގޮތުން ހިރިގަލުގައި  ކަޑާ ނެގުމާއި، ލަކުޑީގެ ކުރެހުމެގެ އިތުރުން ފޭލި ވިޔާތަންވެސް ފެނިގެންދިޔައެވެ. މީގެ އިތުރުން އެތައް   އަހަރެއް ވެފައިވާ ދިވެހި ތާރީހާއި ޘަޤާފަތް ދައްކައިދޭ ތަފާތު ތަކެއްޗާއި ލިޔުންތައް ފެންނަން ހުއްޓެވެ.

އަޅުގަނޑުމެން އެފް. އެސް މީޑީޔާއިން އިން އިބްރާހިމްފުޅުގެ މި އަގުރުހުރި  ހުނަރުވެރި ބުރަ މަސައްކަތާއި ބެހޭގޮތުން  މައުލޫމާތު ހޯދުމަށް ސުވާލުކޮށްލީމެވެ.

މިގޮތުން އަޅުގަނޑުމެންގެ ފުރަތަމަ ސުވާލަކަށް ވީ ފޭލިވިޔުމަށް އިބްރާހިމްފުޅު ޝައުގެވެރިވެ ވަޑައިގެންނެވި ގޮތާއި ބެހޭގޮތުން، ޖަވާބުގައި  ވިދާޅުވީ  ފޭލި ވިޔުއްވުމަށް ދަސްކުރެއްވީ 1996 ވަނަ އަހަރު އަތޮޅުވެރިންގެ ބައްދަލުވުމުގައި  ބޭއްވުނު ކޯހެއްގައި ބައިވެރިވެލެއްވި ހިސާބުން ކަމަށެވެ. އޭރު ދިވެހި ބަހުން ޑިގްރީ ހެއްދުމަށް ލިބިވަޑައިގެންނެވި ކޯސް ދޫކުރައްވާ  ފޭލި ވިޔުއްވުމަށް އިސްކަންދެއްވީ އެކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. މިގޮތުން 4 މަސް  ދުވަސް މި ކޯހުގައި ހޭދަކުރެއްވުމަށް ފަހު އަމިއްލަ މަސައްކަތާއިގެން ކުރިއަށް ވަޑައިގެންނެވިއެވެ.  މިގޮތުން  އިބްރާހިމްބެ ވަނީ 40 ކުދިންނަށް ފޭލި ވިޔުމުގެ ކޯހެއްވެސް ހިންގަވާފައެވެ.

މި ދާރުލް އާސާރުގެ މައިގަނޑު މަގްސަދަކީ ކޮބައިތޯ ސުވާލުކުރެއްވުމުން އިބްރާހިމްބެ ވިދާޅުވީ، ” 1985 ވަނަ އަހަރު، ގްރޭޑް ހައެއްގައި ސޯޝަލް ސްޓަޑީސް ކިޔަވައިދެއްވަމުންދިޔައިރު، ކުދިންނަށް މައުލޫމާތާއި ގުޅޭގޮތުން  އަސްލު އެއްޗެއް ދައްކާލުމުގެ ފުރުސަތު ނުލިބޭތީވެ، ދަރިވަރުންނަށް މައުލޫމާތު ދޭއިރު މައުލޫމާއި ގުޅޭ އަސްލު އެއްޗެއް ދެއްކުމުން ދަރިވަރުންގެ ސިނކުޑީގައި ބޮޑަށް އެ މައުލޫމާތު ހަރުލާނެ ކަމަށް ގަބޫލު ކުރެވޭތީ މިކަލެކްޝަން ހަދަން މަޖުބޫރުވީ”

އިބްރާހިމްފުޅު ކުރީގައި މަސައްކަތް ކުރެއްވީ މުދައްރިސެއްގެ ގޮތުގައެއެވެ.  މި ގޮތުން ތައުލީމު އުނގަންނައި ދެއްވަން  އުޅުއްވިއިރު  އިބްރާހިމްފުޅު ވަނީ ގިނަ ދަރިވަރުންނަށް ކުރަހަން ދަސްކޮށްދެއްވާފައެވެ.  އިބްރާހިމް ފުޅުގެ ގިނަ ކުރެހުންތައް ދާރުލް އާސާރުގައި ފެންންނަން ހުއްޓެވެ. ގިނަ ކުރެހުންތަކަކީ ފަންސުރުން ކުރައްސަވާފައިވާ ކުރެހުންތަކެވެ.  އިބްރާހިމްފުޅު ވަނީ  ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި 1879 އިން 2000 ވަނަ އަހަރާއި ހަމައަށް 21 އަހަރުވަންދެން މަސައްކަތް ކުރައްވާފައެވެ. މިގޮތުން  ޕްރައިމަރީ ޓީޗަރު ކަމާއި، ސުޕަވެއިޒަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރްކަން އަދާކޮށްފައިވެއެވެ.

މިތާރީހާއި ސަގާފަތުން ފުރިގެންވާ ދާރުލްއާސާރުގައި ހުރި ގިނަ އާސާރީ ތަކެއްޗަކީ އިބްރާހިމްފުޅު ބޮޑު އަގުދެއްވާފައި  ބައްލަވައިގެންފައިވާ ތަކެއްޗެވެ. ބައެއް ތަކެއްޗަކީ މީހުން ހަދިޔާ ކޮށްފައިވާ ތަކެއްޗެވެ.

ތާރީހު ދައްކުވައިދޭ މި ތަރިކަތައް ހިމާޔަތްކުރައްވަން ބޭނުންފުޅުވެލައްވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުން ވިދާޅުވީ  ” މިތަނަކީ ދިވެހިންގެ ފަސްމަގު ކިޔައިދޭތަން. އަންނަންއޮތް ޖީލާއި ހަމަޔަށް މި ތަރިކަތަށް އޭގެ އަސްލުގޮތުގައި ގެނެސްނުދެވޭ ނަމަ، އަންނަންއޮތް ޖީލަށް އަޅުގަނޑުމެންގެ ކާބަފައިންނަކީ ކޮބައިކަމާއި އެމީހުންގެ ދިރިއުޅުމާއި އެމީހުންވި ގުރުބާނީތައް ނޭގޭނެއެވެ.

“އަޅުގަނދުމެންގެ ދުޢާ އަކީ އިބްރާހިމްފުޅުގެ މި އަގުހުރި މަސައްކަތުގައި މާތްﷲ ވާގިދެއްވާ މި މަސައްކަތް އިތުރަށް ފުޅާކުރެއްވުމެ ތައުފީގު ދެއްވުމެވެ.

VN:F [1.9.22_1171]
Rating: 5.3/10 (4 votes cast)
VN:F [1.9.22_1171]
Rating: +2 (from 2 votes)
އިބްރާހިމްފުޅު ދާރުލް އާސާރު- ރާއްޖޭގެ ތާރީޚުގެ މައި ތަޅުދަނޑި, 5.3 out of 10 based on 4 ratings

Comment