English Edition
Dhivehi Edition

ޗައިނާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިއްޖެ ނަމަ، އެކަމަށް ބޭނުންވާ ފަންނީ މީހުންނާއި ރިސޯސްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ

ހެލްތު މިނިސްޓްރީގަައި މިރޭ ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އަމީން ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖެ އޮތީ ޕެނިކް ވާން ޖެހޭ ހާލަތެއްގައި ނޫން ކަމަށާއި ރާއްޖެ އަށް މި ހާލަތު ދިމާވެއްޖެ ކަމުގައި ވާނަމަ ފަންނީ މީހުންނާއި ރިސޯސްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ދުނިޔޭގައި މި ވައިރަސް ފެތުރެމުންދާ މިންވަރާ އަޅާ ބަލާފައި އިތުރު ފިޔަވަޅެއްގެ ގޮތުގައި، ކ. ފުނަދޫ އައިސޮލޭޝަން ރަށެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމަށާއި އެ ރަށުގައި މިހާރު ހުސްކޮށް ހުރި ޖާގަ މިކަމަށް ބޭނުން ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަށް ސްކްރީން ކުރުން ހަރުދަނާ ވާ ވަރަކަށް މީހުންނާ ސުވާލު ކުރުންވެސް އިތުރުވެގެންދާނޭކަމަށާއި އެއާޕޯޓުގައި ތާމަލް ކެމެރާ އިން ޓެސްޓުކޮށް ސުވާލު ކުރާ މީހުންނަކީ ބައްޔަށް ޝައްކު ކުރެވޭ މީހުން ނޫން ކަމަށެވެ. އަދި މިއީ ސްކްރީން ކުރުމުގެ ކަންކަން ވަރުގަަދަ ކުރުމުގެ ގޮތުން ކުރާ ކަމެއްކަމުގައި އަމީންވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އިތުރުން 10 ގައުމަކުން މި ވައިރަސް ފެނިފައިވާއިރު މި ވައިރަސް އަށް ވެކްސިނެއް އުފެއްދުމަށް އަދި ހަތަރު މަސް ނަގާނެކަމަށް ބޭސް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސައިންސްވެރިން ވަނީ ބުނެފައެވެ.