މަލަރީތި އައްޑޫގެ ނަލަފެހި ކަމުގެތެރެއިން އީކުއޭޓަރ ވިލެޖު މިހާރު ފެންނަނީ ތަފާތު ގޮތަކަށެވެ. އައްޑޫގެ ހިތްގައިމު ޖައްވަށް އޮޅުވެފައިވާ ދޮންދީނިތައް އިއްވާ ހިތްގައިމު ރާގުތަކުން މުއްސަނދިވެފައިވާ އައްޑޫސިޓީއަށް ޒިޔާރަތްކުރާ ދޭސީންނާއި ބިދޭސީންގެ އެންމެ ރަހުމަތްތެރި “ގެއަކީ” އީކުއޭޓަރވިލެޖެވެ.

އެތަނަށްގޮސް ފުރަތަމަ ބައްދަލުކުރަންޖެހޭ ރިސެޕްޝަނިސްޓުންގެ ހިނިތުންވުމުން ގެސްޓުމީހާގެ ހާސްކަން ފިލުވައިދެއެވެ. ކޮޓަރި ދައްކަންދާ މީހާގެ ހިތްހެޔޮ ބަސްތަކުން ބީރައްޓެހިކަން ފިލައިދެއެވެ. މޮޅެތި ޝެފުން ހެޔޮވަރުކޮށްލާ މީރު ރަހަތަކުން ތަނާމެދު ޝައުގުވެރިކަން އިތުރުކޮށްލައެވެ. ފިނިފިނި ފަތާފެންގަނޑުގެ ބީހުންތަކުން ހަށިގަނޑަށް ދިރުން ގެނުވައިދެއެވެ.

ސްނޯކްލިންއާއި، މޫދުކުޅިވަރާއި، އިންޑޯ އަދި އައުޓުޑޯ ކުޅިވަރުތަކުގެ ސަބަބުން މުނިފޫހިފިލުވައިދެއެވެ. ކުލަކުލައިގެ ގަސްތައް ހެދިފައިވާ ހިތްގައިމު ބަގީޗާތަކުގައި ފޮޅިފައިވާ މާމެލާމެލީގެ ޒީނަތްތެރިކަން ހިތަށް ހަމަޖެހުން ގެނުވައިދެއެވެ. އަދިވެސް އެތައް ކަމެކެވެ.

އީކުއޭޓަރވިލެޖަށް މިފަދަ އެދެވޭ ބަދަލުތަކެއް ހަމަހުރެފައި އައީއެއްނޫނެވެ. ބަޔަކު ގެންނަނީއެވެ. މަސައްކަތްކޮށްގެންނެވެ. ކަންކަން ބަލައި ހޯދައިގެންނެވެ. އެތަނަށްދާ މީހުންގެ ހިތްއަތުލައިގަންނަނީ ހަމަތިބެފައެއްވެސް ނުމެނޫންމެއެވެ. ހިތްހެޔޮ މެނޭޖަރެއްގެ މުރާލިކަމުންނެވެ. މީހުންނާ ބާއްވާ އާދަޔާ ޚިލާފު ގާތްގުޅުމެއްގެ ސަބަބުންނެވެ. ވާހަކަ ދެއްކެވުމުގައި ގެންގުޅުއްވާ ގާތްގޮތަކުންނެވެ. އެތަނަށްދާ އެންމެންގެ ހާލު ވަކިވަކިން ބައްލަވަނީ އަމިއްލަ މީހުންގެ ގޮތުގައި ދެކެވަޑައިގެންނެވެ. ހުރިހާ ޑިޕާޓްމެންޓްތަކަށް ވަޑައިގެން މީހުންނަށް ހިތްވަރު ދެއްވައެވެ. މިހުރިހާ ކަމަށް އެތަނުގެ މެނޭޖަރު ހުންނަވަނީ ފިސާރި ހުޝިޔާރުވެ ލައްވައިގެންނެވެ. އޭނާގެ ފަހަތުގައިވާ ހިތްވަރުގަދަ ޓީމަކީ އޭނާއަށް ދޫދޭވަރުގެ ޓީމެއްނޫނެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުރަންޖެހުނު ކޮންމެކަމެއް ކުރަނީ ތަނަށް ހެޔޮއެދިގެންނެވެ. މެހުމާނުންނަށްޓަކައެވެ.

ވަހީދާއި އޭނާގެ ޓީމުން އީކުއޭޓަރވިލެޖުގެ ހައިބަތު ދައްކުވައިދީފިއެވެ. އައްޑޫސިޓީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ތަނެއްކަން ހާމަކޮށްދީފިއެވެ. އެތަންވަނީ ކުރިއާ އަޅައިބަލާއިރު އައްޑޫގެ ކޮމިޔުނިޓީއާ ގުޅިލާމެހިފައެވެ. އެ ގުޅުމުގެ ސަބަބުން އެއީ އަމިއްލަ ގެ ކަމަށް ބައެއް މީހުންނަށް އިހުސާސްވާކަހަލައެވެ.

ނިމިގެންދިޔަ ރަމަޟާންމަހު ރޯދަވީއްލަން އެތަނަށް ބަޔަކު ނުދާދުވާހެއް ނުދެއެވެ. ކާތަކެތީގެ ރަހައާއި ހިނިތުންވެފައިތިބޭ މުވައްޒަފުންދޭ ޚިދުމަތް ލިބިގަތުމަށެވެ. އެތަނުގެ ހިތްގައިމު މާހައުލުގައި ތިބެގެން ރަމަޟާން މެނޫއަށް އިންސާފު ކޮށްލުމަށެވެ. އެމީހުންނަށް އީކުއޭޓަރވިލެޖުންކިޔައިފައިވަނީ އުފާވެރި މަރުހަބާއެކެވެ.

ރޯދަމަހު ދެދުވަހު އީކުއޭޓަރވިލެޖަށް ރޯދަވީއްލަންދިޔައިން. އެއީ ހިތްގައިމުތަނެއް. އެއީދިވެހިންނާ ގުޅޭތަނެއް. އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ދިވެހި ޝެފުންނާއި ވޭޓަރުންގެ ހިތްހެޔޮކަން. އެއްބަހަކުން ވާހަކަ ދެއްކުމުން އުފެދޭ ގާތްކަން. ރަމަޟާންމަސް ނިމުނަސް އެއީ ހިތްހަމަޖައްސާލަން އާއިލާއާއެކު ދާންވަރަށް ރަނގަޅުތަނެއް،” އެތަނުން ރޯދަވީއްލަންދިޔަ މީހަކު ބުންޏެވެ.

އީކުއޭޓަރވިލެޖުގެ މާޒީއަށްބަލާއިރު އެއީ އައްޑޫ ރައްޔިތުންނާ އެހާގުޅުންބޮޑު ތަނެއްނޫނެވެ. ދިވެހިންނަށް އޭރުވެސް އެތަނުން ފުރުސަތު އޮތަސް މިހާރުއޮންވަރާ ގާތަށްވެސް އެގުޅުން އޮންނަކަމަށް ނުވެއެވެ.

އައްޑޫ ރައްޔިތުން ހިމެނޭގޮތަށް އެންމެހާ ދިވެހިން މިހާރު އެތަން ބަލައިގެންފިއެވެ. އައްޑޫ ރައްޔިތުންނަށް ވަރަށް އެކަހެރި ތަނެއްގެ ގޮތުގައިއޮތް އޮތުން މިހާރުވަނީ ނިމުމަކަށް އައިސްފައި ކަމަށް ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެއީ އެތަނުގެ ހިންގުންތެރި ހީވާގި މެނޭޖަރު މުހައްމަދު ވަހީދު ބޭނުންފުޅުވާ ގޮތްވެސް މެއެވެ.

“އަޅުގަނޑުމެން ވަރަށް ބޭނުންވޭ މިތަނަކީ ހަމައެކަނި ޓޫރިސްޓުންނަށް ޚިދުމަތްދޭން ހުންނަ ތަނަކަށްވުރެ ބޮޑަށް މުޖުތަމައަށް ކަމެއް ކޮށްދޭ ތަނަކަށް ހެދުން،” އޭއޯނިއުސްއަށް ވަހީދު ކުރިން ދެއްވައިފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވެއެވެ. މިހާރު އީކުއޭޓަރވިލެޖަކީ ވަހީދު ބޭނުންފުޅުވާ ވައްޓަފާޅިއަށް ހިނގާތަނެއް ކަމަށް ބަލައިގަންނަންޖެހެނީ އެތަނާއި ކޮމިޔުނިޓީއާ އޮންނަ ގުޅުމުންނެވެ.

ވަހީދު ބޭނުންފުޅުވީ އީކުއޭޓަރވިލެޖާ ގުޅުންއޮތް ކޮމިޔުނިޓީއެއް އައްޑޫގައި ބިނާކުރައްވާށެވެ. އެކަން ކުރެވިއްޖެކަމަށް ގަބޫލުކުރަންޖެހެއެވެ. އެކަން ކުރެއްވީ މީހުން ހިންގާ ކޮމިޔުނިޓީ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ. އެފަދަ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

“އަޅުގަނޑުމެންގެ އަސްލު މަގުސަދަކީ މިތަނަކީ ޓޫރިޒަމް ދާއިރާގައިވެސް މުޖުތަމައުގައި މިތަން “އައިކަން” އަކަށްވުން. އެ މީހުންގެ ދޫމަތިން އަބަދު އީކުއޭޓަރ ވިލެޖު، އީކުއޭޓަރ ވިލެޖު ކިޔުން،” އެއޯނިއުސްއަށް ވަހީދު ކުރިން ދެއްވައިފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވެއެވެ. މިހާރު ތަކުރާރުކޮށް އެތައްބަޔަކު އެހެން އެބަކިޔައެވެ. މާނައަކީ ވަހީދުގެ އުންމީދު ފުރިހަމަވަމުން އަންނަނީއެވެ.

އެތަނަކީ މުޖުތަމައުއާ ރައްޓެހި ތަނެއްކަން ކަށަވަރުވަނީ އިޖުތިމާއީ ހަރަކާތްތައް ބާއްވާ ތަނަކަށް އެތަން މިހާރުވުމެވެ. ޖަލްސާތަކާއި، ބައްދަލުވުންތަކާއި ކުދި ކޯސްތައް ހިންގާތަނަކަށް އެތަން ވެއްޖެއެވެ. ކައިވެނި ހަފްލާތަކާއި އަމިއްލަ ޖަމްއިއްޔާ، ޖަމާއަތްތަކުގެ އެކިހަރަކާތްތައް އެތާގައި ބާއްވައިދޭތީއެވެ. އެންމެންނަށްވެސް އެފުރުސަތު އެބައޮތެވެ.

ވަހީދު ވިދާޅުވެފައިވަނީ ސްކޫލްތަކާއި ޖަމްއިއްޔާތަކާއި އަދިވެސް އެފަދަ ތަންތަނުން އީކުއޭޓަރވިލެޖުގެ އެހީތެރިކަމަށް ބޭނުންވާނެ ކަމަށެވެ. އެކަން ވިސްނިވަޑައިގެން ވަހީދުވަނީ އެފުރުސަތު ހުޅުވައިލައިފައެވެ. ކެރޭބަޔަކު ތިބިކަމަށްވާނަމަށް ބޭނުން ހިފަންވީ އެވެ. “އެހީއަކީ ހަމައެކަނި ލާރިއެއްނޫން. އަޅުގަނޑުމެން އެމީހުން ބޭނުންވާ ކަންކަން ކުރުމަށް މަގު ފަހިކޮށްދޭނަން” ލޯކަލް ކޮމިޔުނިޓީއާ ގުޅުން ބާއްވަން ބޭނުންފުޅުވާ މިންވަރު ހާމަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އީކުއޭޓަރވިލެޖަކީ ތާރީޚުންވެސް ޖާގައެއް ހޯދައިފައިވާ ތަނެކެވެ. އެއީ އިނގިރޭސީން ގަމުގައިތިބިއިރު ބޭނުންކުރި ތަނެކެވެ. ބުނެވޭގޮތުގައި އެއީ އިނގިރޭސީންގެ އޭރުގެ މެސްރޫމެވެ. އީކުއޭޓަރވިލެޖު ހުންނަ އައްޑޫ ގަމުގައި އަދިވެސް އެފަދަ އެތަތަނެއް އެބަހުއްޓެވެ. އިނގިރޭސީންގެ “ވޯރ މެމޯރިއަލް” ގަމުގައި އެބަހުއްޓެވެ. އެމީހުންގެ ތެރެއިން މަރުވެދިޔަ ބައެއްމީހުން ވަޅުލައިފައިވާ ގަބުރުސްތާނެއް އެބައޮވެއެވެ. އިނގިރޭސީންގެ މިފަދަ އެތައް ކަމެއް އަދިވެސް އެހުރީއެވެ. އެއީ އީކުއޭޓަރގެ ނަމުގައި އަދިވެސް ޓޫރިސްޓުންނަށް ވިއްކިދާނެ ތަންތަނެވެ. މިހާރުގެ ކުދިންނަށް ތާރީޚަށްޓަކައިވެސް ދައްކާލަން ރަނގަޅު ތަންތަނެވެ.

ވާހަކައެއް ބުނަންހެއްޔެވެ؟ އެތަނަކީ އައްޑޫގައި ގުޅިފައިވާ ރަށްރަށަށް ފައިސާ ވަންނާނެ މައިދޮރާއްޓަށް އެތަން ހެދިދާނެއެވެ. އައްޑޫގެ ރީތިކަން ވިއްކައިންގެންނެވެ. ތާރީޚީ ވާހަކަތައް ވިއްކައިންގެންނެވެ. ޑައިވިން ސައިޓުތައް ވިއްކައިގެންނެވެ. މިފަދަ އެތައްކަމެއް އަދިވެސް އެބަހުއްޓެވެ. އައްޑޫ ރައްޔިތުންގެ އެއްބާރުލުމާއެކު މެނޭޖުމަންޓުން އެތަން އިތުރަށް ޕްރޮމޯޓު ކުރަންވީއެވެ. ދޭސީންނާއި ބިދޭސީންނަށެވެ.

އީކުއޭޓަރވިލެޖު އެދަނީ ކުރިއަރަމުންނެވެ. މަޝްހޫރުވަމުންނެވެ. ކޮޓަރިތައް އިތުރުވަމުންނެވެ. ޒަމާނާ އެއްގޮތަށް ބަދަލުވަމުންނެވެ. ހަމައެކަނި ދޮންމީހުންނަށް ނޫނެނެވެ. އައްޑޫގެ ރައްޔިތުންނަށްވެސް އެތަނުގެ ދޮރުއެހުރީ ތަންމިނަށް ހުޅުވައިފައެވެ.

VN:F [1.9.22_1171]
Rating: 9.7/10 (6 votes cast)
VN:F [1.9.22_1171]
Rating: +1 (from 1 vote)
އީކުއޭޓަރވިލެޖުން އެންމެނަށް ހިނިތުންވުން, 9.7 out of 10 based on 6 ratings

Comment