English Edition
Dhivehi Edition

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާންއިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު، ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ (2019-އެންކޯވް) ހަލުވިކަމާއެކު ފެތުރެމުން ދާއިރު މި ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އިންޑިއާ އިން ހަތް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އެމީހުންގެ ހާލަތު ބަލަމުންދާކަމަށް އެ ގައުމުގެ ނޫސް ތަކުން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާއިން ކޮރޯނާވައިރަހަށް ޓެސްޓް ކުރަން އަދި ނިންމާފައި ވަނީ ދެމީހެއް ކަމަށާއި އެ ދެމީހުންގެ ސާމްޕަލް މިހާރު ވަނީ ޓެސްޓް ކުރަން ފޮނުވާފައި ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ ހަތަރު ސިޓީއަކުން 11 މީހަކު އޮބްޒަވޭޝަންގައި ބާއްވައިގެން ހާލަތު ބަލަން ފެށި ނަމަވެސް މިހާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ތިބީ ހަތް މީހެކެވެ. މި އެންމެންނަކީ ވެސް ޗައިނާ އިން އިންޑިއާ އަށް އައި މީހުންނެވެ.

ޗައިނާގައި ގަވައިދާ ހިލާފަށް ސީފުޑްއާއި އެނޫންވެސް ބައެއް ދިރޭތަކެތި ވިއްކަމުންދިޔަ ބާޒާރެއް ހުރި ހޫބޭ ޕްރޮވިންސްގެ ވޫހާންއިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު، ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ (2019-އެންކޯވް) ޖެހިގެން އެންމެ ފަހުން މަރުވި 15 މީހުންވެސް މަރުވެފައިވަނީ ހޫބޭ ޕްރޮވިންސްއިންކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވެއެވެ. 2019-އެންކޯވްއަށް ޗައިނާއިން ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 1287 އަށް އަރާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކަށް މި ބަލި މިހާރު ވަނީ ފެތުރެން ފަށާފައެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތުގެ އިތުރުން ޖަޕާން، ތައިލޭންޑް، ޓައިވާން، ވިއެޓްނާމް، ދެކުނު ކޮރެޔާ، ސިންގަޕޫރު އަދި އެމެރިކާއިންވެސް މި ވައިރަހަށް މީހުން ޕޮޒިޓިވް ވެފައިވާއިރު، ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި ވޫހާން މިހާރު އޮތީ ކަރަންޓީން ކޮށްފައެވެ. އާންމު ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، ހޫބޭ ޕްރޮވިންސްގެ އެއް ސިޓީއިން އަނެއް ސިޓީއަށް ދަތުރުކުރުންވެސް ވަނީ މެދުކަނޑާލާފައެވެ.