ރަމަޟާން މަހު ގިނަ އަންހެންވެރިން އެންމެ ޝައުގުވެރިކަމާއެކު ކުރާ އެއްކަމަކަށް ވެފައި އޮންނަނީ ކެއްކުމެވެ. ތަފާތު މޮޅު ކެއުން ތައްޔާރުކޮށްލުމެވެ. ކޮންމެވެސް އާގޮތަކަށް އަނގަޔަށް މީރު އެއްޗެއް ތައްޔާރުކޮށްލުމެވެ. މެންދުރުން ލަނބާލާއިރު ކޮންމެވެސް ރަނގަޅު ރެސިޕީއެއް އަތުގައި ޖައްސާލުމެވެ.  ރެސިޕީ ހޯދުމުގައި ހޭދަކުރާ ވަގުތުތައް ކެއްކުމުގައި ހޭދަކުރާ ވަގުތަށް ވުރެ ގިނަވާފަހަރުވެސް އާދެއެވެ. ކަމުދާކަހަލަ ރެސިޕީއެއް އަތުގައި ނުޖެހިގެންނެވެ. މިކަމަށް އެންމެ އަވަސް ހައްލެއް ހޯދައިދެނީ ޖުވޭގެ ރެސިޕީތަކެވެ. ދިވެހި ވައްތަރުގެ ތަފާތު ރަހަތަކާއެކު ޖުވޭ ތައްޔާރުކޮށްފައިވާ ރެސިޕީތަކަކީ ރަމަޟާން މަހު އަންހެންވެރިންގެ އެންމެ ގާތް މިތުރެވެ.

ކެއްކުމުގެ ދާއިރާއިން ރާއްޖޭގެ ކަނބަލުންނަށް ގޮންޖަހާލެވޭފަދަ ހުނަރުވެރި ކައްކާ، ޖުވޭއަކީ ކެއްކުމުގެ މާހިރެކެވެ. ތަފާތު އެކިވައްތަރުގެ ކާނާ ތައްޔާރުކުރާނެ ގޮތުގެ 6822 ރެސިޕީ ޖުވޭ ވަނީ މިހާތަނަށް އާންމުންނާ ހަމައަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން އެންމެ ޚާއްޞަކޮށްލެވޭ ކަމަކީ ޖުވޭގެ މުޅިން އަމިއްލަ 3825 ރެސިޕީ މިހާތަނަށް އާންމުކޮށްފައިވާ ކަމެވެ.

ކެއްކުމުގެ ދާއިރާއިން 136 ފޮތް  ލިޔެފައިވާ ޖުވޭ އަކީ ދިވެހި ކާނާގެ އިތުރުން ތަފާތު އެކި ގައުމުގެ ކާނާ ތައްޔާރުކޮށްލުމަށް ދެވަނައެއްނެތް މިސާލެކެވެ.  ތުއްތު ކުދިންގެ ބަކުންބަކުން އިންފެށިގެން ސިއްހީ ކާނާއާއި ކިޔަވާ ކުދިންނަށް ޚާއްޞަ ކާނާއާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ކާނާ ޖުވޭވަނީ ތައްޔާރުކޮށްދީފައެވެ. މިއީ މުޅިންވެސް ޖުވޭގެ އަމިއްލަ އުފެއްދުންތަކެވެ. ޖުވޭގެ ބްރޭންޑްތަކެވެ.

“ޖުވޭސް ކެފޭ” ގެ ނަމުގައި އަމިއްލަ ރެސްޓޯރެންޓެއް ހިންގަވަމުން އަންނަ ހީވާގި ޖުވޭ އަކީ ރަމަޟާން މަހު ޓީވީތަކުން ވެސް އާންމު މޫނެކެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީ އިންނާއި ރާއްޖޭގެ ގިނަ މީޑިއާތަކުން ޖުވޭގެ  ކެއްކުމުގެ ތަފާތު ގިނަ ޕްރޮގްރާމުތައް ގެނެސްދޭއިރު ޖުވޭގެ ކުޑަކައްކާ ޕްރޮގްރާމަކީވެސް މަގްބޫލް ޕްރޮގްރާމެކެވެ.

ކެއްކުމުގެ ދާއިރާއިން ގައުމީ އެވޯޑާއި އައްޑޫސިޓީ ކަނބައިދި އެވޯޑާއި ދުނިޔޭގެ ފާހަގަ ކޮށްލެވޭ އެވޯޑުތައް ލިބިފައިވާ ޖުވޭ ބުނީ މިދާއިރާއިން ކުރެވޭ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ޖުވޭގެ މަސައްކަތުން ގިނަ ބަޔަކު މިދާއިރާއިން ތަމްރީނުކޮށް ދާއިރާއަށް ނެރެދެވިފައިވުމަކީ ޖުވޭ އެންމެ އުފާވާ ކަންތައްތަކެވެ.

” މި މަސައްކަތް ކުރުމުގައި ދެރަވާ އެންމެ ކަމެއް އޮތީ. ޖުވޭގެ މުޅިން އަމިއްލަ އުފެއްދުންތައް ބައެއް މީހުން އަމިއްލަ ނަން ނަމުގައި ބޭނުންކުރާތީ ވަރަށް ދެރަވޭ. ކެއްކުމުގެ ދާއިރާއިން ދުވަހަކުވެސް ފެނިފައިނުވާ މުޅިން އާ ލިޔުންތެރިންވެސް ތަފާތު މީޑިއާ ތަކުގައި، ލިޔާ ކުއްޖާގެ އަމިއްލަ ނަމުގައި ޖުވޭގެ ރެސިޕީތައް ލިޔެފައި އެބަހުރޭ. ޖުވޭގެ ރެސިޕީތައް ގިނަ މީހުން ބޭނުންކުރުމަކީ ޖުވޭ ވަރަށް އުފާވާކަމެއް. އެކަމަކު އެއީ ޖުވޭގެ މަސައްކަތެއްކަން އެނގޭކަހަލަ ގޮތަކަށް އެކަމެއް ގެނެސްދިނުންހެން ހީވަނީ އެންމެ ރަނގަޅު ގޮތަކީ. އެހެންމީހުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނެ ” ޖުވޭ ކިޔައިދިނެވެ.

ތަފާތު އެކިގޮތްގޮތަށް ރެސިޕީތަކަށް ނަންދޭއިރު ޖުވޭ ބުނީ ޖުވޭގެ އަމިއްލަ ރެސިޕީއެއް ކޮންމެ ތާކުން ފެނުނު ކަމުގައިވިޔަސް އެނގޭނެ ކަމަށެވެ.  އަދި ނޫސް މީޑިއާތަކުގައި ވެސް ބައެއްފަހަރު ޖުވޭގެ މަސައްކަތް އެހެން ބައެއްގެ ނަމުގައި ލިޔެފައި ހުންނަތަން ފެނުމުން ދެރަވާކަމަށް ޖުވޭ ބުންޏެވެ.

“ޖުވޭގެ ޕްރޮޑަކްޓްސް ތަކުންނާއި ބްރޭންޑް ތަކުން ގިނަ ބަޔަކަށް ފައިދާ ކުރާކަން ގަބޫލުކުރަން. އަދި އެކަމާ ވަރަށް އުފާވޭ.  ދެމެހެެއްޓެނިވި ގޮތަކަށް އަދި މުޖުތަމައު ފައިދާ ކުރާ ގޮތަކަށް ބްރޭންޑް މެނޭޖްކުރެވޭނީ ވަރަށް ބުރަ މަސައްކަތުން” ކެއްކުމުގެ ދާއިރާއިން ރެހެންދި އެވޯޑު ހޯދާފައިވާ ޖުވޭ ބުންޏެވެ.

“ރެސިޕީ” އޭ ބުނެލާއިރަށް ޚިޔާލަށް އެންމެ ފުރަތަމަ ވެސް އަންނާނީ ޖުވޭގެ ނަންކަމަށް ގިނަ އަންހެން ކަނބަލުން ބުނެއެވެ.

“މިފަހަކަށް އައިސް ވަރަށް ގިނަ ރެސިޕީތައް ކައްކާއިން ހަދާފައި އެބަހުރި. އެކަމަކު ދިވެހިވަންތަ ގޮތަކަށް ދިވެހި ރަހަތަކާއެކު އެއްޗެއް ތައްޔާރުކޮށްލުމަށް އަދިވެސް ހަމަ ބެލެނީ ޖުވޭގެ ރެސިޕީ” ކަނބަލުންނަށް ޖުވޭގެ ރެސިޕީތައް ޚާއްޞަވާ ސަބަބަކީ މިއީއެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment