English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަވަސް ކުރުމަށް 22 ޖަނަވަރީގައި 20 ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުންްނާއެކު ޖޭއެސްސީ އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޖޭއެސްސީ)

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ޙުކުމް އަވަސްކުރުމަށް ޝަރުޢީ ކޯޓުތަކުން އެއްބަސްވެއްޖެ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާއި ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސްކުރުމާއި ގުޅޭގޮތުން ޝަރުޢީ ކޯޓުތަކާއި، ކޯޓުތަކުގެ އިސްމެޖިސްޓްރޭޓުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.

އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެހައި މައްސަލަތަކަކީ ޚާއްސަ މައްސަލަތަކެއް ކަމަށް ވާތީ، އެފަދަ އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ، ހަމަޖެހިފައިވާ އިޖުރާޢަތުގެ ތެރެއިން އަވަސްކަމާއި ހަލުވިކަމާއެކު ނިންމުމަށްޓަކައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކަމާއި ހަލުވިކަމާއެކު ނިންމުމުގައި ދިމާވާ ދަތިތަކެއް ހުރިކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހުރުމާއި، މުވައްޒަފުންގެ ދަތިކަން ހުރުމުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޤާއިމުވެ ތިއްބަވާ މެޖިސްޓްރޭޓުން ނެތުމާއި، ދިފާޢީ ވަކީލުންނަށް ކޯޓަށް ޙާޟިރުވުމުގައި ކުރިމަތިވާ ދަތިތަކާއި، ތުހުމަތު ކުރެވޭ ފަރާތާއި ހެކިން ކޯޓަށް ޙާޟިރުކުރުމުގައި ކުރިމަތިވަމުންދާ ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

އެހެންނަމަވެސް، ކުޑަކުދިންނާމެދު ކުރާ އަނިޔާގެ މައްސަލަތަކަކީ އަވަސްކަމާއެކު ޙުކުމެއް ކޮށް، ގޮތެއް ނުނިންމޭނަމަ ކުރިމަތިވެދާނެ ނުރައްކާ ބޮޑު މައްސަލަތަކަކަށް ވާތީ، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ކުޑަކުދިންނާމެދު ކުރާ އަނިޔާގެ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ، ޤާނޫނީ އިޖުރާޢަތުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް މައްސަލައިގެ ޚަޞްމުންނަށް ލިބިދިނުމާއެކު، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން މެދުކެނޑުމެއްނެތި މައްސަލައިގެ ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް މައްސަލަތައް މެނޭޖްކުރުމަށް ކޯޓުތަކުން ވަނީ އެއްބަސްވެފަ އެވެ.

އަދި އެފަދަ މައްސަލަތައް އަވަސްކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި، އަވަސްކަމާއި ހަލުވިކަމާއެކު ޙުކުމެއް ކުރެވިގެން ދާނެގޮތަށް ކޯޓުތަކުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެ މަތީން ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން ގެންދިއުމަށްވެސް އެއްބަސްވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ކޯޓުތަކުން މިގޮތަށް އެއްބަސްވެފައިވާއިރު، ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، އަނިޔާ ލިބޭ ކުދިންނަށް އިންސާފު ހޯދައިދިނުމުގައި ލަސްވާ ކަމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.