English Edition
Dhivehi Edition
ފުވައްމުލަކު ސިޓީގެ މަންޒަރެއް - ފޮޓޯ: ޓްވިޓާ (މުރާދު)

ފުވައްމުލަކު ސިޓީގައި ހަރުކަށި ފިކުރު ގެންގުޅެ ޤާނޫނާއި ޚިލާފަށް، ކޯޓުން ބޭރުގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނެ، އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އުމުރުން 39 އަހަރުގެ ފިރިހެނަކު މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:50 ހާއިރު ފުވައްމުލަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ ކުޑަކުދިންނާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން، 15 އަހަރުގެ ކުޑަކުއްޖާގެ މަންމަވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން 35 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖާއަށް އިހުމާލުވެފައިވާ މައްސަލައިގަ އެވެ.

އެ ދެ މީހުންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވާއިރު، ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެފައިވާއިރު، ދީނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުންގެ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ.